ކުޅިވަރު
ޤަޠަރު 2022: މެސީގެ ހުވަފެން ހަގީގަތަކަށްވެ އާޖެންޓީނާއިން ވޯލްޑް ކަޕްގެ ތަށި ތިންވަނަ ފަހަރަށް އުފުލާލުން
އާޖެންޓީނާއިން ވޯލްޑު ކަޕް ކާމިޔާބުކުރުމަށްފަހު އުފާފާޅުކުރަނީ / ފޮޓޯ: ގެޓީ އިމޭޖަސް
2022 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕަކީ މި ފަހަކަށް އައިސް މުޅި ފުޓްބޯޅަ ދުނިޔޭގައި އުފެދިފައި އޮތް އެންމެ ބޮޑު ސުވާލުގެ ޖަވާބު ލިބިގެންދިޔަ މުބާރާތެވެ. އެއީ ފުޓުބޯޅައިގެ ތާރީޙުގައި ދުނިޔޭގެ ބޮޑެތި ހުރިހާ ތައްޓެއް ކާމިޔާބުކުރި ލިއޮނަލް މެސީއަށް ނުލިބި އޮތް ދުނިޔޭގެ އެންމެ ބޮޑު ފުޓުބޯޅަ މުބާރާތް ކާމިޔާބުކުރެވިދާނެތޯ ކުރެވެމުން ދިޔަ ސުވާލުތަކެވެ. އެއީ ފުޓްބޯޅައިގެ ތާރީޚުގައި އެ މުބާރާތާ ހަމައަށް ނުލިޔެވިފައި އޮތް، ގިނަ ބަޔަކު ލިޔަން ބޭނުންވި ޞަފުހާއެކެވެ.
މެދުއިރުމަތީގައި ބޭއްވުނު ފުރަތަމަ ވޯލްޑް ކަޕްގެ ގޮތުގައި ޤަޠަރުގައި ކުރިއަށްދިޔަ މި މުބާރާތް ވެގެންދިޔައީ، ތާރީޚުގައި ފެނިގެންދިޔަ އެންމެ ފޯރިގަދަ އެއް މުބާރާތަށެވެ. މި މުބާރާތުން ވެސް ވަނީ ހީނުކުރާ ފަދަ ނަތީޖާތަކާއި، އަސަރުގަދަ ހިނދުކޮޅުތަކާއި، ހުނަރުވެރި އައު ތަރިންތައް ފެނިގެން ގޮސްފައެވެ. އަދި އެންމެ ފަހުން، ފުޓުބޯޅައިގެ އެތައް މިލިއަން ސަޕޯޓަރުންނެއް އިންތިޒާރު ކުރަމުންދިޔަ މަންޒަރު ފެނިގެންދިޔައެވެ. އެއީ މެސީ ވޯލްޑް ކަޕްގެ ތަށި އުފުލާލި ތާރީޚީ ވަގުތުކޮޅެވެ.
އެތައް އަހަރެއްގެ މާޔޫސްކަމަށްފަހު، އާޖެންޓީނާއަށް އެންމެ ފަހުން ދުނިޔޭގެ ފުޓްބޯޅައިގެ އެންމެ އުހަށް ވާސިލްވެވުނީ އެ މުބާރާތުގައެވެ.
މޮޅުވި ޕެނަލްޓީ ކާމިޔާބުކުރުމަށްފަހު އާޖެންޓީނާގެ ކުޅުންތެރިން / ފޮޓޯ: ގެޓީ އިމޭޖަސް
އާޖެންޓީނާ ޤަޠަރަށް ދިޔައީ މުބާރާތް ކާމިޔާބު ކުރާނެ އެންމެ ފޭވަރިޓް އެއް ޓީމުގެ ގޮތުގައެވެ. އަދި އެ ޓީމު މުބާރާތަށް ކުރިމަތިލީ ބަލިނުވެ ޖެހިޖެހިގެން 36 މެޗު ފުރިހަމަކޮށްފައެވެ. ނަމަވެސް، މުބާރާތުގެ ފުރަތަމަ މެޗުގައި ސައުދީ އަރަބިއްޔާއިން ވަނީ މޮޅު ކުޅުމެއް ދައްކައި 2-1 އިން އާޖެންޓީނާ ބަލިކޮށް، މުޅި ދުނިޔެ ހައިރާންކޮށްލުވާފައެވެ.
މި ނަތީޖާއާއެކު ފުޓްބޯޅަ ދުނިޔެއަށް ބޮޑު ސިހުމެއް ލިބި، އާޖެންޓީނާއަށް މުބާރާތުގައި ކުރިއަށް ދެވޭނެކަމާމެދު ގިނަ ބަޔަކު ސުވާލު އުފެއްދިއެވެ.
އެހެންނަމަވެސް، އެ ނަތީޖާއާއެކު ހިތްވަރު އެލުވާލުމުގެ ބަދަލުގައި، ލިއޮނަލް ސްކަލޯނީގެ ޓީމުން ދެއްކީ ސާބިތުކަމެވެ. ގްރޫޕް ސްޓޭޖުގެ ބާކީ ހުރި މެޗުތައް ކާމިޔާބުކޮށް، އެ ޓީމުން ވަނީ ސަޕޯޓަރުންގެ އިތުބާރު ހޯދާފައެވެ.
މޮރޮކޯގެ ތާރީޚީ ކާމިޔާބީ: ފުޓްބޯޅައިގެ އައު ބާބެއް
2022 ވަނަ އަހަރު ޤަޠަރުގައި ބޭއްވި ފީފާ ވޯލްޑް ކަޕުގައި ލިޔެވިގެންދިޔަ އެންމެ ފާހަގަކޮށްލެވޭ އެއް ވާހަކައަކީ މޮރޮކޯއިން ހޯދި ތާރީޚީ ކާމިޔާބީގެ ވާހަކައެވެ.
ފުޓްބޯޅައިގެ ގަދަބާރުތައް ކަމަށްވާ ބެލްޖިއަމް، ސްޕެއިން އަދި ޕޯޗުގަލް ބަލިކޮށް، "އެޓްލަސް ލަޔަންސް" ގެ ނަމުން މަޝްހޫރުވެފައިވާ މޮރޮކޯ ވެގެންގޮސްފައިވަނީ ވޯލްޑް ކަޕެއްގެ ސެމީ ފައިނަލަށް ދަތުރުކުރި އެފްރިކާގެ ފުރަތަމަ ޤައުމަށެވެ.
ކޯޗު ވަލީދު ރެގްރާގީގެ އިރުޝާދުގެ ދަށުން، ގޯލްކީޕަރު ޔާސީން ބޯނޫ އާއި ޑިފެންޑަރުން ކަމަށްވާ އަޝްރަފް ހަކީމީ އަދި ރޯމައިން ސައިސްގެ މުހިންމު ދައުރާއެކު، މޮރޮކޯއިން ވަނީ ދަނޑުމަތީގައި އާދަޔާޚިލާފު ރޭވުންތެރިކަމަކާއި ހުނަރެއް ދައްކުވައިދީފައެވެ.
ކުއާޓާ ފައިނަލުގައި ޕޯޗުގަލްގެ މައްޗަށް މޮރޮކޯއިން ހޯދި ކާމިޔާބީއަކީ މުޅި މުބާރާތުގެ އެންމެ ފާހަގަކޮށްލެވޭ އެއް ވަގުތުކޮޅެވެ. މި މޮޅާއެކު ދުނިޔޭގެ މަޝްހޫރު ފުޓްބޯޅަ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯގެ ވޯލްޑް ކަޕް ހުވަފެންތަކުގައި ވަނީ ސިއްކަ ޖެހިފައެވެ.
ޕޯޗުގަލް ބަލިކުރި ގޯލު ޖެހުމަށް މޮރޮކޯގެ އަލް ނަސީރީ ބޯޅަ ފޮނުވާލަނީ---
ސެމީ ފައިނަލުގައި ފްރާންސް އަތުން ބަލިވެ، މޮރޮކޯގެ މި ތާރީޚީ ދަތުރު ނިމުމަކަށް އައި ނަމަވެސް، އެފްރިކާގެ ފުޓްބޯޅަ ތާރީޚު އެ ޤައުމުން ވަނީ ދާއިމީކޮށް ބަދަލުކޮށްލާފައެވެ.
ފްރާންސްގެ ޒުވާން ތަރިންނާއި އެމްބާޕޭގެ ފާހަގަކޮށްލެވޭ ކުޅުން
ދުނިޔޭގެ ޗެމްޕިއަންގެ މަގާމުގައި އޮވެ، ފްރާންސުން ޤަޠަރުގައި ބޭއްވި ވޯލްޑް ކަޕާ ކުރިމަތިލީ ބޮޑެތި ގޮންޖެހުންތަކަކާ އެކުގައެވެ. މީގެ ތެރޭގައި އެ ޓީމުގެ އެންމެ މުހިންމު ކުޅުންތެރިން ކަމަށްވާ ކަރިމް ބެންޒެމާ، ޕައުލް ޕޮގްބާ އަދި އެންގޯލޯ ކާންޓޭ ފަދަ ކުޅުންތެރިންނަށް ލިބިފައިވާ އަނިޔާތަކުގެ ސަބަބުން ކުރިމަތިވި ހުރަސްތައް ހިމެނެއެވެ.
ނަމަވެސް، މިފަދަ ދަތިތަކާއެކުވެސް، ފްރާންސް ފެނިގެންދިޔައީ މުޅި މުބާރާތުގައިވެސް އޮތް އެންމެ ވަރުގަދަ އެއް ޓީމުގެ ގޮތުގައެވެ.
ދުނިޔޭގެ ފުޓްބޯޅައިގެ އެންމެ ކުރީ ސަފުގައި ފައިތިލަ ސާބިތުކުރަމުން އައި ކީލިއަން އެމްބައްޕޭ ވަނީ މި މުބާރާތުގައި އަށް ލަނޑު ޖަހައި، އެންމެ ގިނަ ލަނޑު ޖަހާ ކުޅުންތެރިޔާއަށްދޭ ރަން ބޫޓު ހާސިލްކޮށްފައެވެ. ވަކިން ޚާއްޞަކޮށް، މުބާރާތުގެ ފައިނަލް މެޗުގައި އޭނާ ހެދި ހެޓްރިކާއެކު ދެއްކި މޮޅު ކުޅުމަކީ ވޯލްޑް ކަޕްގެ ތާރީޙުގެ މުހިންމު ޞަފުޙާތަކެކެވެ.
ފްރާންސުން މި މުބާރާތުގައި އަމާޒު ހިފީ ޖެހިޖެހިގެން ދެ ފަހަރު ވޯލްޑް ކަޕް ކާމިޔާބު ކުރުމަށެވެ. މިއީ 1962 ވަނަ އަހަރު ބްރެޒިލްއިން މި ޝަރަފު ހޯދި ފަހުން، މިހާތަނަށް އެއްވެސް ޤައުމަކަށް ހާސިލްކުރެވިފައި ނުވާ ވަރަށް ބޮޑު ކާމިޔާބީއެކެވެ. ނަމަވެސް ޕެނަލްޓީގައި ނާކާމިޔާބުވުމުން އެ ޓީމަށް އެކަން ހާސިލެއް ނުކުރެވުނެވެ.
މެސީގެ ރަން ޞަފްޙާ
ލިއޮނަލް މެސީއަށް، 2022 ވަނަ އަހަރު ޤަޠަރުގައި ބޭއްވި ވޯލްޑް ކަޕަކީ ހަމައެކަނި ފުޓްބޯޅަ މުބާރާތަކަށްވުރެ މާ މުހިންމު ހަރަކާތެކެވެ.
2014 ވަނަ އަހަރުގެ ފައިނަލުން ޖަރުމަނު އަތުން ބަލިވުމަށްފަހު، އަދި ބައިނަލްއަޤުވާމީ މައިދާނުގައި ކުރިމަތިވި އެތައް އަހަރެއްގެ ނާކާމިޔާބީއަށްފަހު، ކުރީގެ ލެޖެންޑުންގެ ކާމިޔާބީތައް ސިފަކޮށްދިން އެ މުހިންމު ތަށި މެސީއަށް ކާމިޔާބު ކުރެވިދާނެތޯ ގިނަ ބަޔަކު ސުވާލު އުފެއްދިއެވެ.
އުމުރުން 35 އަހަރުގައި އޭނާ މި މުބާރާތާ ކުރިމަތިލީ، މިއީ އޭނާގެ ފަހު ވޯލްޑް ކަޕަށް ވާނެ ކަމަށް ބެލެވޭތީއެވެ.
މެސީ ވަނީ އެ ވޯލްޑް ކަޕްގައި މުހިންމު ލަނޑުތަކެއް ޖަހައި، އާޖެންޓީނާގެ ކާމިޔާބީގައި މުހިންމު ދައުރެއް އަދާކޮށްފައެވެ. އޮސްޓްރޭލިއާ، ނެދަލޭންޑްސް، ކްރޮއޭޝިއާ އަދި ފްރާންސާ ދެކޮޅަށް އޭނާ ދެއްކި ހުނަރުވެރި ކުޅުމަކީ، އޭނާއަކީ ފުޓްބޯޅައިގެ ތާރީޙުގައި އުފެދުނު އެންމެ މޮޅު އެއް ކުޅުންތެރިޔާކަން ސާބިތުކޮށްދިން ކަމެކެވެ.
ވޯލްޑް ކަޕް ތަށީގައި މެސީ ބޮސްދެނީ / ފޮޓޯ: ގެޓީ އިމޭޖަސް
މި ހުނަރާއެކު ދެއްކި ހިއްވަރުން، އޭނާ ދެކެމުން އައި ހުވަފެނުގައި ހަގީގީ ކުލަޖެހެން ފެށިއެވެ.
ނޮކްއައުޓް ބުރުގައި އާޖެންޓީނާގެ ދަތުރު ވަރަށް ފޯރިގަދަ
ނޮކްއައުޓް ބުރުގައި އޮސްޓްރޭލިއާގެ މައްޗަށް 2-1 އިން ކުރިހޯދުމަށްފަހު، ކުއާޓާ ފައިނަލްގައި އާޖެންޓީނާ ދެން ކުރިމަތިލީ މި މުބާރާތުގެ އެންމެ ފޯރިގަދަ އެއް މެޗުގައި ނެދަލޭންޑްސްއާއެވެ.
މި މެޗުގެ ކުރީކޮޅު ދެ ލަނޑުގެ ލީޑެއްގައި އާޖެންޓީނާ އޮއްވައި، މެޗުގެ ފަހުވަގުތު ނެދަލޭންޑްސްއިން ނަތީޖާ ހަމަހަމަކޮށް އެންމެން ހައިރާންކޮށްލިއެވެ. މިއާއެކު، މެޗުގެ ނަތީޖާ ނެރުމަށްޓަކައި އިތުރު ވަގުތު ކުޅެ، ޕެނަލްޓީ ޖަހަން ޖެހުނެވެ.
ޕެނަލްޓީ ޝޫޓްއައުޓްގައި އާޖެންޓީނާގެ ގޯލްކީޕަރު އެމިލިއާނޯ މާޓިނޭޒް މުހިންމު ޕެނަލްޓީތަކެއް ދިފާއުކޮށް، އާޖެންޓީނާ މޮޅުކޮށްދިނުމުގެ ބަޠަލަކަށް ވިއެވެ.
އާޖެންޓީނާއާ ނެދަލޭންޑްސް ބައްދަލުކުރި ކުއާޓާ ފައިނަލްގައި ހިނގި ހަމަނުޖެހުމެއްގެ ތެރެއިން---
ސެމީ ފައިނަލުގައި އާޖެންޓީނާއިން ވަނީ މި މުބާރާތުގައި އެ ޓީމުން ދެއްކި އެންމެ މޮޅު ކުޅުން ދައްކައި، 3-0 އިން ކްރޮއޭޝިއާ ބަލިކޮށްފައެވެ. މި މެޗުގައި ކްރޮއޭޝިއާގެ ވަރުގަދަ ޑިފެންޑަރު ޔޮސްކޯ ގްވާޑިއޯލް ކައިރިން ނައްޓާލުމަށްފަހު ހޫލިއަން އަލްވަރޭޒަށް ލަނޑު ޖަހަން ތަނަވަސްކޮށްދިން ފުރުސަތަކީ މި މުބާރާތުގެ އެންމެ ފާހަގަކޮށްލެވޭ އެއް ހިނދުކޮޅެވެ.
މި ކާމިޔާބީއާއެކު އާޖެންޓީނާ މުބާރާތުގެ ފައިނަލަށް ދަތުރުކުރިއެވެ.
އެންމެ ފޯރިގަދަ ފައިނަލް: އާޖެންޓީނާ އަދި ފްރާންސް
ލުސައިލް ސްޓޭޑިއަމްގައި ކުޅެވުނު ވޯލްޑް ކަޕްގެ ފައިނަލް މެޗަކީ ވޯލްޑް ކަޕްގެ ތާރީޚުގައިވެސް ފެނިގެންދިޔަ އެންމެ ފާހަގަކޮށްލެވޭ އަދި ފޯރިގަދަ އެއް މެޗެވެ.
މެޗުގެ ފުރަތަމަ ހާފުގައި އާޖެންޓީނާއިން ލިއޮނަލް މެސީ ކާމިޔާބުކުރި ޕެނަލްޓީއަކާއި އެންހެލް ޑި މާރިއާ ޖެހި ލަނޑާއެކު އެ ޓީމުން ބޮޑު ލީޑެއް ހޯދިއެވެ. މެޗުގެ ބޮޑު ބައެއްގައި އާޖެންޓީނާ ފެނިގެންދިޔައީ ތަށި ކާމިޔާބުކުރުމާ ވަރަށް ގާތުގައި އޮތް ޓީމެއްގެ ގޮތުގައެވެ.
ނަމަވެސް، ކީލިއަން އެމްބައްޕޭ މުޅި މެޗުގެ އޮއިވަރު ބަދަލުކޮށްލިއެވެ. ފްރާންސްގެ މި ހުނަރުވެރި ފޯވާޑް ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ދެ ލަނޑު ޖަހައި، ނަތީޖާ 2-2 އިން އެއްވަރުކުރިއެވެ. މީގެ ތެރޭގައި އޭނާ ޖެހި ދެވަނަ ލަނޑަކީ ފުރިހަމަ ވޮލީއެކެވެ.
އާޖެންޓީނާގެ ގޯލަށް އެމްބައްޕޭ ފޮނުވާލި ވޮލީ---
މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު އެއްވަރުވެފައި އޮތުމުން ކުޅުނު އިތުރު ވަގުތުގެ ތެރޭގައިވެސް ފެނިގެންދިޔައީ ބަލާހިތްވާ މަންޒަރުތަކެކެވެ. މެސީ އިތުރު ލަނޑެއް ޖަހައި އާޖެންޓީނާއަށް އަލުން ކުރި ހޯދައިދިން ނަމަވެސް، އެމްބައްޕޭ ޕެނަލްޓީއަކުން އޭނާގެ ހެޓްރިކް ފުރިހަމަކޮށް، ނަތީޖާ އަނެއްކާވެސް އެއްވަރުކުރިއެވެ. މިއާއެކު މެޗުގެ ނަތީޖާ ނިންމަން ޖެހުނީ ޕެނަލްޓީ ޝޫޓްއައުޓުންނެވެ.
އެތައް އަހަރެއްގެ އިންތިޒާރާއި މާޔޫސްކަމަށްފަހު، އާޖެންޓީނާގެ ރަން ވަގުތު އައިސް ޖެހުނެވެ. ކީޕަރު އެމިލިއާނޯ މާޓިނޭޒް މުހިންމު ޕެނަލްޓީއެއް ދިފާއުކުރިއިރު، ގޮންޒާލޯ މޮންޓިއެލް ޖެހި ފަހު ޕެނަލްޓީއާއެކު އާޖެންޓީނާއަށް ކާމިޔާބީ ކަށަވަރުވިއެވެ.
އާޖެންޓީނާއިން ދުނިޔޭގެ ތަށި ކާމިޔާބުކޮށް، ފުޓުބޯޅައިން މެސީއަށް ނުލިބި އޮތް ހަމައެކަނި އުފާ ހޯދައިދިނެވެ.
މެސީ ވޯލްޑް ކަޕް ތަށި އުފުލާލުމާއެކު، ފުޓުބޯޅައިގެ ދުނިޔޭގައި މިހާތަނަށް ކުރެވެމުންދިޔަ އެންމެ ބޮޑު އެއް ބަހުސަށް ނިމުން އައެވެ. ކްލަބް ފެންވަރުގައި ހޯދޭނެ ހުރިހާ ކާމިޔާބީއެއް ހާސިލުކޮށްފައިވާ މި މޮޅު ކުޅުންތެރިޔާ، އެންމެ ފަހުން ބައިނަލްއަޤްވާމީ މައިދާނުގައިވެސް އެންމެ މަތީ ޝަރަފާއި ކާމިޔާބީ ހޯދީއެވެ.
އޭނާ މި މުބާރާތް ނިންމާލީ ހަތް ލަނޑު ކާމިޔާބުކޮށް، މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމު (ގޯލްޑަން ބޯލް) އާއި، ފުޓުބޯޅައިގެ އެންމެ އަގުބޮޑު ތަށީގެ ޝަރަފާއެކުގައެވެ. މިއީ އޭނާގެ ވޯލްޑް ކަޕްގެ ދަތުރު ނިންމާލުމަށް ލިބުނު އެންމެ ފުރިހަމަ އަދި ކާމިޔާބު ނިމުމެވެ.
ޤަޠަރު 2022 ގެ ކާމިޔާބީގެ ތާރީޚު
2022 ވަނަ އަހަރު ގަތަރުގައި ބޭއްވި ވޯލްޑް ކަޕަކީ، ލިއޮނަލް މެސީގެ ފުޓްބޯޅަ ކެރިއަރުގެ ފަޚުރުވެރި ކާމިޔާބީ ފުރިހަމަކޮށްދިން މުބާރާތުގެ ގޮތުގައި ދުނިޔޭގެ ތާރީޚުގައި މިވަނީ ލިޔެވިފައެވެ.
މިއީ ހަނދާނުން ފޮހެލަން ދަތި އެތައް ކަންތައްތަކެއް ފެނިގެންދިޔަ މުބާރާތެކެވެ. އޭގެ ތެރޭގައި ސައުދީ އަރަބިއްޔާއިން ހޯދި ހައިރާންކުރުވަނިވި މޮޅާއި، މޮރޮކޯއިން ދެއްކި ތާރީޚީ ކުޅުމާއި، އެމްބައްޕޭގެ ހުނަރުވެރިކަމުގެ އިތުރުން، ފުޓްބޯޅައިގެ ތާރީޚުގައި ފެނިގެންދިޔަ އެންމެ ފޯރިގަދަ އަދި އެންމެ ފުރިހަމަ ފައިނަލް މެޗު ހިމެނެއެވެ.
މި ހުރިހާ ކަމަކަށްވުރެ ބޮޑަށް، މި މުބާރާތުން ސާބިތުކޮށްދިނީ ފުޓްބޯޅައަކީ ދުނިޔޭގައި އޮތް، އިންސާނުންގެ އިހުސާސްތަކާއި އެންމެ ބޮޑަށް ގުޅިފައިވާ ޖަޒުބާތީ ކުޅިވަރު ކަމެވެ.
ވޯލްޑް ކަޕްގައި ކޮރެއާގެ ދެ ސަޕޯޓަރެއް---
އެތައް އަހަރެއްގެ ދިގު އިންތިޒާރަށްފަހު، އާޖެންޓީނާއިން އެ ގައުމުގެ ތިންވަނަ ވޯލްޑް ކަޕް ތަށި ކާމިޔާބުކުރިއެވެ. އަދި ލިއޮނަލް މެސީގެ ފުޓްބޯޅަ ހަޔާތުގެ ކާމިޔާބީގެ ޞަފުޙާތައް ފުރިހަމަކޮށްދިން ރަން ތަށި އެންމެ ފަހުން އޭނާއަށް ހާސިލުކުރެވުނެވެ.