Ads by Farudhun

ޚަބަރު

ޓީ.ޖީ.އެސް.ޓީ އާމްދަނީ 6 ބިލިއަނަށް އެރުމާއެކު ދައުލަތުގެ ބަޖެޓަށް ބޮޑު ކުރިއެރުމެއް

ޓީ.ޖީ.އެސް.ޓީ އާމްދަނީ 6 ބިލިއަނަށް އެރުމާއެކު ދައުލަތުގެ ބަޖެޓަށް ބޮޑު ކުރިއެރުމެއް

މާލީ ވުޒާރާ / ފޮޓޯ: ފައިނޭންޝަލް ރިވިއު

ފަތުރުވެރިކަމުގެ ދާއިރާއިން ލިބުނު މުދަލާއި ޚިދުމަތުގެ ޓެކްސް (ޓީ.ޖީ.އެސް.ޓީ) އަށް އައި ކުރިއެރުމާއެކު، 2026 ވަނަ އަހަރު ދައުލަތަށް ލިބުނު އާމްދަނީ ވަރަށް ބޮޑަށް އިތުރުވެފައިވާކަމަށް މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވުޒާރާއިން އެންމެ ފަހުން ޢާންމުކޮށްފައިވާ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓުން ދައްކައިފިއެވެ.

މި ރިޕޯޓުގައިވާ ގޮތުން، 4 ޖޫން 2026 ގެ ނިޔަލަށް ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީއާއި ހިލޭ އެހީގެ މިންވަރު ވަނީ 19.1 ބިލިއަން ރުފިޔާއަށް އަރާފައެވެ. އަދި މިއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބުނު 17.3 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 1.8 ބިލިއަން ރުފިޔާ ނުވަތަ 10.1 އިންސައްތަ އިތުރު ޢަދަދަކަށްވީއިރު، މިއީ ރާއްޖޭގެ މައިގަނޑު އިޤްތިޞާދީ ހަރަކާތްތަކުން ލިބޭ އާމްދަނީ މެދުނުކެނޑި ކުރިއަރަމުންދާކަން ހާމަކޮށްދޭ ހެއްކެކެވެ.

ދައުލަތަށް ލިބޭ އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޓެކްސްގެ ގޮތުގައި ލިބޭ ފައިސާއެވެ. އެގޮތުން 2025 ވަނަ އަހަރުގެ މި މުއްދަތުގައި ޓެކްސްގެ ގޮތުގައި 13.2 ބިލިއަން ރުފިޔާ ލިބިފައިވާއިރު، 4 ޖޫން 2026 ގެ ނިޔަލަށް މި އަހަރު އެ ޢަދަދު ވަނީ 14.8 ބިލިއަން ރުފިޔާއަށް އުފުލިފައެވެ. އެހެންކަމުން މިއީ 12.4 އިންސައްތައިގެ ކުރިއެރުމެކެވެ. ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީގެ 78 އިންސައްތައަކީ ޓެކްސްގެ ގޮތުގައި ލިބުނު ފައިސާކަން ފާހަގަކޮށްލެވެއެވެ.

މީގެ އިތުރުން، މި ކުރިއެރުމުގެ މައިގަނޑު ސަބަބަކީ ޓީ.ޖީ.އެސް.ޓީގެ ގޮތުގައި ލިބުނު އާމްދަނީއެވެ. އެގޮތުން، 2025 ވަނަ އަހަރުގެ މި މުއްދަތުގައި ޓީ.ޖީ.އެސް.ޓީގެ ގޮތުގައި 5.6 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއަހަރު އެ އަދަދު ވަނީ 6.0 ބިލިއަން ރުފިޔާއަށް އަރާފައެވެ. މިއީ 7.6 އިންސައްތައިގެ ކުރިއެރުމަކަށްވީއިރު، އާންމު މުދަލާއި ޚިދުމަތުގެ ޓެކްސް (ޖީ.އެސް.ޓީ) ގެ ގޮތުގައި ލިބުނު އާމްދަނީ ވެސް ވަނީ 2.2 ބިލިއަން ރުފިޔާއިން 2.5 ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ.

ދައުލަތުގެ ޚަރަދުތަކަށް ބަލާއިރު، މިމަހުގެ 4 ވަނަ ދުވަހުގެ ނިޔަލަށް ރިކަރަންޓް އަދި ކެޕިޓަލް ޚަރަދުގެ ޖުމްލައަކީ 19.2 ބިލިއަން ރުފިޔާއެވެ. އަދި މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 17.6 އިންސައްތަ އިތުރު އަދަދެކެވެ. މިގޮތުން މަގުތަކާއި ފާލަން އަދި އެއާޕޯޓް ފަދަ އުމްރާނީ މަޝްރޫޢުތަކަށް ކުރާ ހޭދައަކީ ބަޖެޓުގެ ބޮޑު ބައެއް ހިއްސާކުރާ ކަންކަމަށްވީއިރު، މިއަހަރުގެ މިހާތަނަށް މިފަދަ މަޝްރޫޢުތަކަށް 818.6 މިލިއަން ރުފިޔާ ހޭދަކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ.

ޕީއެސްއައިޕީގެ ޚަރަދުތަކުގެ އިތުރުން، މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލިފައިވާތީ ސަބްސިޑީތަކަށް ކުރާ ޚަރަދު، 2025 ވަނަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު މިއަހަރު ބޮޑުކަން ފާހަގަކުރެވެއެވެ. އެގޮތުން 4 ޖޫން 2025 ގެ ނިޔަލަށް ސަބްސިޑީއަށް 1.3 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، މިއަހަރު މި މުއްދަތުގައި 2.3 ބިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ.

މި ތަފާސްހިސާބުތަކުން ފަތުރުވެރިކަމުގެ ސިނާއަތުން ލިބޭ އާމްދަނީއާއެކު ދައުލަތުގެ މާލީ ދުޅަހެޔޮކަން އިތުރުވަމުންދާކަން ދޭހަވާއިރު،  މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ރައްޔިތުންނަށް ފޯރުކޮށްދޭ އަސާސީ ޚިދުމަތްތަކުގެ އަގު އުފުލުނަ ނުދީ ހިފަހައްޓާފައިވުމުގެ ސަބަބުން ސަބްސިޑީތަކަށް ދައުލަތުން ކުރާ ޚަރަދު ބޮޑުވެފައިވާކަން ފާހަގަކޮށްލެވެއެވެ.

ހަމަ އެއާއެކު، އުމްރާނީ ތަރައްޤީއާއި ރައްޔިތުންނަށް ބޭނުންވާ މުހިންމު ޚިދުމަތްތައް ފޯރުކޮށްދިނުމަށް ދައުލަތުން ކުރާ އިންވެސްޓްމަންޓްތައް މެދުނުކެނޑި ކުރިއަށްދާކަން ވެސް ފާހަގަކޮށްލެވެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450