ޚަބަރު
އިންސާނީ ޙައްޤުތަކާބެހޭ މަޖިލީހުގެ 62 ވަނަ ސެޝަންގައި ރާއްޖެއިން ބައިވެރިވެއްޖެ
ސެޝަންގެ ތެރެއިން / ފޮޓޯ: ޔޫ.އެން
ސްވިޒަލޭންޑްގެ ޖެނީވާގައި ކުރިއަށްދާ އ.ދ. ގެ އިންސާނީ ޙައްޤުތަކާބެހޭ މަޖިލީހުގެ 62 ވަނަ ސެޝަންގައި ދިވެހިރާއްޖެއިން ބައިވެރިވެއްޖެއެވެ.
މި ސެޝަން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ 15 ޖޫން 2026 އިން 7 ޖުލައި 2026 ގެ ނިޔަލަށެވެ. މި ސެޝަން ފައްޓަވައިދެއްވުމުގެ ގޮތުން އދ.ގެ ހައިކޮމިޝަނަރ ފޯރަ ހިއުމަން ރައިޓްސް ވޮލްކަރ ޓާރކް ދެއްކެވި ވާހަކަފުޅުގައި، ދުނިޔޭގެ އިންސާނީ ޙައްޤުތައް ހިމާޔަތްކުރުމާއި ކުރިއެރުވުމުގައި ކުރެވެމުންދާ މަސައްކަތްތަކާއި މިހާރުގެ ޙާލަތާ ގުޅޭ ގޮތުން ރިޕޯޓެއް ހުށަހެޅުއްވިއެވެ.
މި ސެޝަންގައި، ސަރުކާރުގެ މައިގަނޑު ސިޔާސަތުތަކާއި އިސްކަންދޭ އުޞޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން، ތަފާތު އެޖެންޑާ އައިޓަމްތަކުގެ ދަށުން ރާއްޖޭގެ ވަފުދުން ޤައުމީ ބަޔާން ދިނުމަށް ހަމަޖެހިފައިވާކަމަށް ޚާރިޖީ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ. އަދި ފަނޑިޔާރުންނާއި ވަކީލުންގެ މިނިވަންކަމާބެހޭ ޤަރާރުގެ ކޯ ގްރޫޕުގެ މެމްބަރެއްގެ ހައިސިއްޔަތުން ފަނޑިޔާރުންނާއި ވަކީލުންގެ މިނިވަންކަމާބެހޭ ސްޕެޝަލް ރެޕަޓުއާގެ މެންޑޭޓް އާކުރުމާ ގުޅޭ ޤަރާރެއް މި ސެޝަންއަށް ހުށަހަޅާނެއެވެ.
މީގެ އިތުރުން، ނޮން-އެލައިންޑް މޫވްމަންޓް (ނާމް) އަދި އޯގަނައިޒޭޝަން ފޯ އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ) ފަދަ ޖަމިއްޔާތަކުގެ މެމްބަރެއްގެ ހައިސިއްޔަތުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިނގަމުންދާ އިންސާނީ ޙައްޤުތަކާ ބެހޭ މައްސަލަތަކާ ގުޅޭގޮތުން ދިވެހިރާއްޖެއިން ކަންބޮޑުވުން ފާޅުކުރުމަށް ހަމަޖެހިފައިވާއިރު، އިސްރާއިލުން ފަލަސްޠީނުގެ ބިންތަކަށް އަރައިގަނެ ހިންގަމުންދާ ލާއިންސާނީ ޢަމަލުތަކުގެ ސަބަބުން ފަލަސްޠީނުގެ ރައްޔިތުންނަށް، ވަކީން ޚާއްޞަކޮށް ޣައްޒާގެ ރައްޔިތުން، ތަހައްމަލްކުރަމުންދާ އަނިޔާތަކާ ބެހޭގޮތުން ވާހަކަ ދެއްކުމަށް ވަނީ ހަމަޖެހިފައެވެ.
އ.ދ. ގެ އިންސާނީ ޙައްޤުތަކާބެހޭ މަޖިލީހުގެ 62 ވަނަ ސެޝަންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވާ ދިވެހިރާއްޖޭގެ ވަފުދުގައި އިސްކޮށް ހުންނަވާނީ ޖެނީވާގައި ހުންނަ އ.ދ.ގެ އޮފީހަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައިވާ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދުއެވެ. އަދި މި ވަފުދުގައި ހިމެނިވަޑައިގަންނަވާނީ ކައުންސެލަރ އަލްފާޟިލް އާދަމް ޙާމިދު، ކައުންސެލަރ އަލްއުސްތާޛާ އާމިނަތު ޝިފާޔާ އިބްރާހީމް، ސެކަންޑް ސެކްރެޓަރީ އަލްފާޟިލާ އައިޝަތު ރަޔާހީން އަދި އެޓާޝޭ އަލްފާޟިލް މުޙައްމަދު ރާއިދު ސައީދުއެވެ.
އިންސާނީ ޙައްޤުތަކާބެހޭ މަޖިލީހަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އިންސާނީ ޙައްޤުތައް ކުރިއެރުވުމާއި، ހިމާޔަތްކުރުމަށާއި ހަރުދަނާކުރުމަށާއި އިންސާނީ ޙައްޤުތަކަށް އަރައިގަތުމުގެ ހާލަތްތައް ދެނެގަނެ، އެކަންކަން ހައްލުކުރާނެ ގޮތްތައް ހުށަހެޅުމުގެ ޒިންމާ އަދާކުރާ އދ.ގެ ނިޒާމުގެ ތެރެއިން ބައެކެވެ. މި މަޖިލީހުގައި ހިމެނެނީ 47 މެންބަރުންނެވެ.