ޚަބަރު
ބާރަށުގައި ތަރައްޤީކުރާ މިސްކިތުގެ ފައުންޑޭޝަން މަސައްކަތް ނިންމާލައިފި
މަޝްރޫޢުގެ އަދާހަމަ / ފޮޓޯ: ޝުޖާއު
ހއ. ބާރަށުގައި ތަރައްޤީކުރާ މިސްކިތުގެ ފައުންޑޭޝަން މަސައްކަތްތައް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ނިންމާލައިފިއެވެ.
ބާރަށުގައި ޒަމާނީ ފެންވަރުގެ މިސްކިތެއް ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށްދާއިރު، އެ ދާއިރާގެ މެމްބަރު އިބްރާހީމް ޝުޖާއު ވަނީ، މި މަޝްރޫޢުގެ އަދާހަމަ މަޢުލޫމާތު ހިއްސާކުރައްވާފައެވެ.
އެގޮތުން، މި މަޝްރޫޢުގެ އެންމެ ފަހުގެ މަޢުލޫމާތުތައް ހިއްސާކުރައްވަމުން 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި ޝުޖާއު ވިދާޅުވީ، މިސްކިތުގެ ފައުންޑޭޝަން މަސައްކަތްތައް މިހާރު އެއްކޮށް ނިންމާލާފައިވާއިރު، މިސްކިތުގެ މަސައްކަތް މިހާރު ބާރު ސްޕީޑުގައި ކުރިއަށްދާ ކަމަށެވެ. ހަމަ އެހެންމެ، މިއީ އެރަށުގެ ރައްޔިތުންގެ ދިގު އިންތިޒާރެއްގެ ނިމުންކަން ފާހަގަކުރައްވަމުން ޝުޖާއު ވަނީ، މި މަސައްކަތް ބާރު ސްޕީޑްގައި ކަނޑައެޅިފައިވާ ޝެޑިއުލަށް ކުރިއަށް ގެންދެވުމަށް އެމްޓީސީސީގެ ޓީމް ކުރައްވާ މަސައްކަތްޕުޅަށް ޝުކުރު ދަންނަވާފައެވެ.
ހއ.ބާރަށު މިސްކިތުގެ ޕައުންޑޭޝަން މަސައްކަތް މިއަދުވަނީ ނިމިފައެވެ.މިސްކިތުގެ މަސައްކަތް ބާރަު ސްޕީޑްގައި ކުރިއަށް މިހާރު އެބަ ދެއެވެ.މިއީ ރައްޔިތުންގެ ދިގު އިންތިޒާރެއްގެ ނިމުމެކެވެ.މިމަސައްކަތް ބާރު ސްޕީޑްގައި ކަނޑައެޅިފައިވާ ޝެޑިއުލަށް ކުރިއަށް ގެންދެވުމަށް @MTCCPlc ގެ ޓީމް… pic.twitter.com/wqZ6vvzLbi
— Ibrahim Shujau (@IbrahimShujaau) June 15, 2026
އިސްލާމީ ކަންތައްތަކާ އައުޤާފާ ބެހޭ ވުޒާރާއިން ވިދާޅުވީ، މި މިސްކިތުގެ މަސައްކަތް އެއްކޮށް ނިމޭއިރު ވުޟޫކުރާނެ ބައެއް ހެދިފައި ހުންނާނެ ކަމަށެވެ. ހަމަ މިއާއެކު، މުންނާރަކާއި އެކި މިސްކިތުގެ ލޭންޑް ސްކޭޕިންގ އަދި ވަށާފާރުގެ މަސައްކަތްތައް ވެސް ނިމިގެންދާނެކަމަށް އެ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން، މި މިސްކިތުގައި ވެސް ސޯލާރ ޕެނަލް ހަރުކުރާ ގޮތަށް ހަމަޖެހިފައިވާކަމަށް އެ ވުޒާރާއިން މަޢޫލޫމާތުދެއެވެ.
މިއީ ދަޢުލަތުގެ ޕީއެސްއައިޕީ ބަޖެޓުން ޚަރަދުކޮށްގެން ކުރިއަށް ގެންދާ މަޝްރޫޢެއްކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.