ޚަބަރު
މަސްވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާއިން ޖަޕާނާއެކު ގުޅުން ބަދަހިކުރުމަށް މަޝްވަރާތަކެއް
ބައްދަލުވުމުގެ ތެރެއިން / ފޮޓޯ: ސަފީރު
މަސްވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާއިން ޖަޕާނާއެކު ގުޅުން ބަދަހިކުރުމަށް ފުޅާ ދާއިރާއެއްގައި މުހިންމު މަޝްވަރާތަކެއް ކުރައްވައިފިއެވެ.
މި މަޝްވަރާތައް ކުރައްވާފައިވަނީ، ދިވެހިރާއްޖެއިން ޖަޕާނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަހުމަދު މަހްލޫފް، ޖަޕާނުގެ އެގްރިކަލްޗަރ ފޮރެސްޓްރީ އެންޑް ފިޝަރީޒް މިނިސްޓަރު ނޮރިކަޒޫ ސުޒުކީއާއެކު ބޭއްވެވި ބައްދަލުކުރެއްވުމެއްގައެވެ.
މި ބައްދަލުކުރެއްވުމަށްފަހު، 'އެކްސް' ގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ދިވެހިރާއްޖެއިން ޖަޕާނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަހުމަދު މަހްލޫފް ވިދާޅުވީ، ޖަޕާނަކީ ރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތުގެ ތަރައްޤީގައި ޒަމާންވީ ގާތް ބައިވެރިއެއް ކަމަށެވެ. އެގޮތުން، ޓެކްނިކަލް ދާއިރާއިންނާއި ކެޕޭސިޓީ އިތުރުކުރުމާއެކު، މަސްވެރިކަމުގެ ދާއިރާ އިތުރަށް ތަރައްޤީކުރުމަށް އެ ޤައުމުން ކެނޑިނޭޅި ދެއްވަމުން ގެންދަވާ އެހީތެރިކަން ސަފީރު ފާހަގަކުރެއްވިއެވެ.
Paid a courtesy call on His Excellency Norikazu Suzuki, Minister of Agriculture, Forestry and Fisheries of Japan @MAFF_JAPAN.
— Ahmed Mahloof (@AhmedMahloof) June 15, 2026
Japan has been a longstanding supporter and close partner in the development of the Maldives fisheries sector, including through technical cooperation,… pic.twitter.com/3MO6Q9SOTk
މީގެ އިތުރުން، ރާއްޖެއާއި ޖަޕާނާ ދެމެދު ޚާރިޖީ ގުޅުން ޤާއިމުކުރުމުގެ ކުރިންވެސް އެ ޤައުމުގެ މަސްވެރިކަމުގެ ދާއިރާގެ ތަޖުރިބާކާރުން ރާއްޖެއަށް ޒިޔާރަތްކޮށް އެހީތެރިކަން ފޯރުކޮށްދީފައިވާކަމަށް ސަފީރު ވިދާޅުވިއެވެ. ހަމަ އެހެންމެ، ޖަޕާނުގެ އެގްރިކަލްޗަރ މިނިސްޓަރުގެ އަރިހަށް ކުރެއްވި މި ޒިޔާރަތުގެ ތެރެއިން މަސްވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާއިން ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާތަކެއް ކުރެއްވިކަމަށް ސަފީރު ވަނީ ވިދާޅުވެފައެވެ.
މި ބައްދަލުކުރެއްވުމުގައި، ދެ ޤައުމުގެ ދެމެދުގައި ޚާރިޖީ ގުޅުން ޤާއިމުކުރިތާ އަންނަ އަހަރަށް 60 އަހަރުވާއިރު، މި ގުޅުން އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުން ވެސް ވަނީ މަޝްވަރާކުރައްވާފައެވެ.