ޚަބަރު
ތަފާތު ޙާލަތްތަކަށް ތައްޔާރުވުމަށް ސްޕެޝަލް އޮޕަރޭޝަން ޓްރޭނިންގ ޕްރޮގްރާމެއް
ޕްރޮގްރާމުގެ ބައިވެރިން / ފޮޓޯ: ފުލުހުން
ތަފާތު ޙާލަތްތަކަށް ތައްޔާރުވުމަށް ސްޕެޝަލް އޮޕަރޭޝަން ޓްރޭނިންގ ޕްރޮގްރާމެއް ދިވެހި ފުލުހުންގެ ޚިދުމަތުން ފަށައިފިއެވެ.
މިއީ ސްޕެޝަލް ރެސްޕޮންސް އެންޑް ޑިޕްލޮއިމަންޓްގެ މުވައްޒަފުންގެ އޮޕަރޭޝަނަލް ޤާބިލުކަން އިތުރުކުރުމަށާއި، އޮޕަރޭޝަންތައް ކުރިއަށް ގެންދެވޭނެ ފަދަ ހުނަރުވެރި ފުލުހުން ބިނާކުރުމަށް ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ މި ޕްރޮގްރާމްގެ ސަބަބުން، ސްޕެޝަލް ރެސްޕޮންސް އެންޑް ޑިޕްލޮއިމަންޓްގެ މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު މަތިކޮށް، އޮޕަރޭޝަންތަކުގައި ހަލުވި އަދި ހަރުދަނާ ފިޔަވަޅުތައް އެޅުމަށް ބޭނުންވާ ފަންނީ ހުނަރާއި ޢަމަލީ ތަޖުރިބާ ލިބިގެންދާނެ ކަމަށެވެ.
މި ތަމްރީނު ޕްރޮގްރާމަކީ މާލެ ސަރަޙައްދާއި ދ. ވާނީ ކެމްޕަހުގައި 7 ހަފުތާގެ މުއްދަތަކަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޕްރޮގްރާމަކަށްވީއިރު، މި ތަމްރީން ޕްރޮގްރާމްގައި ޖުމްލަ 34 ފުލުހުން ބައިވެރިވެފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ 27 ފިރިހެން ފުލުހުންނާއި 7 އަންހެން ފުލުހުންނެވެ.
މިފަދަ ޕްރޮގްރާމްތަކުގެ ސަބަބުން، ފުލުހުންގެ އޮޕަރޭޝަނަލް ރެޑިނަސް ރަނގަޅުކޮށް، ރައްޔިތުންނަށް ފުރިހަމަ ޚިދުމަތެއް ފޯރުކޮށްދިނުމުގެ ފުރުޞަތު ފަހިވެގެންދާނެކަން ފާހަގަކޮށްލެވެއެވެ.