ކުޅިވަރު

ސްޕެއިން މެޗުގައި ދެއްކި ކުޅުމާއެކު ކޭޕް ވާޑްގެ ކީޕަރަށް ބޮޑު ސަމާލުކަމެއް

ސްޕެއިން މެޗުގައި ދެއްކި ކުޅުމާއެކު ކޭޕް ވާޑްގެ ކީޕަރަށް ބޮޑު ސަމާލުކަމެއް

ވޮޒީނިއާ ސްޕެއިންގެ ހަމަލާއެއް ދިފާއުކުރަނީ---

16 ޖޫން 2026، 04:25

އެފްރިކާގެ ކުޑަ ޖަޒީރާ ގައުމެއް ކަމަށްވާ ކޭޕް ވާޑުން، 2026 ވަނަ އަހަރުގެ ވޯލްޑް ކަޕް ގްރޫޕް 'އެޗް' ގައި އެ ގައުމުން ކުޅުނު ފުރަތަމަ މެޗުގައި، ޔޫރަޕްގެ ޗެމްޕިއަން ސްޕެއިންއާ ވާދަކޮށް 0-0 އިން އެއްވަރުކޮށް ތާރީޚީ ނަތީޖާއެއް ހޯދައިފިއެވެ. މި މެޗުގައި ކޭޕް ވާޑްގެ އުމުރުން 40 އަހަރުގެ ގޯލްކީޕަރު، ވޮޒީނިއާ ދެއްކި މޮޅު ކުޅުމާއެކު، އޭނާ ވަނީ މުޅި ދުނިޔޭގެ ސަމާލުކަން ހޯދައި، އިންޓަނެޓްގައި މަގުބޫލު ޝަހުސިއްޔަތަކަށް ވެފައެވެ.

ވޯލްޑް ކަޕްގައި އަލަށް ވާދަކުރާ ކޭޕް ވާޑަށް މިއީ ފާހަގަކޮށްލެވޭ ފަދަ ބޮޑު ކާމިޔާބީއެކެވެ. މުޅި މެޗުގައި ވޮޒީނިއާ ގޯލު ބެލެހެއްޓުމުގައި ދެއްކި ހިތްވަރަކީ، މުބާރާތުގެ ތާރީޚުގައި ރަން އަކުރުން ފަވާލެވޭނެ ފަދަ ހުނަރުވެރި ކުޅުމެކެވެ.

ޕޯޗުގަލްގެ ދެވަނަ ޑިވިޝަނުގެ ކްލަބެއް ކަމަށްވާ 'ޗޭވްސް' އަށް ކުޅެމުން އަންނަ މި ތަޖުރިބާކާރު ކީޕަރު ވަނީ، ރޮޑްރީ، ޕެޑްރީ އަދި ފެރަން ޓޮރޭޒް ފަދަ ދުނިޔޭގެ ފެންވަރުގެ ތަރިން ހިމެނޭ ސްޕެއިންގެ ވަރުގަދަ ޓީމުން ފޮނުވާލި ނުރައްކާތެރި ހަމަލާތައް ހުޝިޔާރުކަމާއެކު ދިފާއުކޮށްފައެވެ. މުޅި މެޗުގައި ސްޕެއިންއިން ލަނޑު ޖެހުމަށް 23 ފުރުސަތު ތަނަވަސްކުރިއިރު، ވޮޒީނިއާ ވަނީ އޭގެ ތެރެއިން ގޯލަށް އަމާޒުވި ނުރައްކާތެރި ހަތް ހަމަލާއެއް ދިފާއުކޮށްފައެވެ.

މެޗުގެ ފުރަތަމަ ހާފުގެ ފަހުކޮޅު، ޓޮރޭޒް ފޮނުވާލި ބާރު ހަމަލާއެއް ގޯލުގެ ހުރަސް ދަނޑީގައި ޖެހިފައި ކުޅުމުގެ ތެރެއަށް އައި ވަގުތު، މިކޭލް އޮޔަރޒަބަލް ބޮލުން ފޮނުވާލި ބޯޅަ ވޮޒީނިއާ ވަނީ ދިފާއުކޮށްފައެވެ. އަދި ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި، ކޯނަރަކުން އައި ބޯޅައެއް ސްޕެއިންގެ ޑިފެންޑަރު އައިމެރިކް ލަޕޯޓް ބޮލުން ފޮނުވާލުމުން، އެ ބޯޅަ އޭނާ ފޮނުވާލީ ބޭރަށެވެ.

ދެވަނަ ހާފުގައި ސްޕެއިންގެ އެޓޭކް ވަރުގަދަކުރުމަށް ޒުވާން ތަރި ލަމީން ޔަމާލް ކުޅެން އެރި ނަމަވެސް، ވޮޒީނިއާ ވަނީ އޭނާގެ ޑިފެންޑަރުންނަށް އިރުޝާދުދީ، ސްޕެއިންގެ ހަމަލާތައް ހުއްޓުވުމުގައި ކާމިޔާބު ހޯދާފައެވެ. ސްޕެއިންއިން 11 ކޯނަރު ކާމިޔާބުކޮށް، މެޗު ކޮންޓްރޯލް ކުރި ނަމަވެސް، ކޭޕް ވާޑުން ވަނީ އެންމެ ފަހު ވަގުތާ ހަމައަށް ހިފަހައްޓައި، ވޯލްޑް ކަޕްގައި އެ ގައުމުން ހޯދި ފުރަތަމަ ޕޮއިންޓް ކަށަވަރުކޮށްފައެވެ.

މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ވޮޒީނިއާ، ފީފާގެ ރަސްމީ ވެބްސައިޓަށް ދިން އިންޓަވިއުއެއްގައި ބުނީ، ސްޕެއިންއަކީ ދުނިޔޭގެ އެންމެ ވަރުގަދަ އެއް ޓީމު ކަމަށް ވިޔަސް، އަމިއްލަ ޓީމުގެ ޤާބިލުކަމާމެދު ދުވަހަކުވެސް ޝައްކު ނުކުރާ ކަމަށެވެ. އަދި މި ނަތީޖާއަށްޓަކައި މުޅި ޓީމުން ވަރަށް ބޮޑަށް ތައްޔާރުވި ކަމަށާއި، މި ކާމިޔާބީއާ މެދު އިންތިހާއަށް އުފާކުރާ ކަމަށް ބުނެ އޭނާ ވަނީ އުފާވެރިކަމުގެ ކަރުނަ އަޅާފައެވެ.

މި ތާރީޚީ ރެއަކީ އުމުރުން 40 އަހަރުގެ މި ކީޕަރުގެ ކެތްތެރިކަމަށް ލިބުނު އެންމެ ބޮޑު ހަދިޔާއެވެ. ވޯލްޑް ކަޕް ކޮލިފައިންގެ ދުވަސްވަރު، އުމުރުގެ ސަބަބުންނާއި ފިޓްނަސްއަށް އައި ބަދަލުތަކާއެކު ގައުމީ ޓީމުން ރިޓަޔަރ ކުރަން އޭނާ ވިސްނިއެވެ. ނަމަވެސް، ކޯޗުންނާއި ޓީމުގެ އެހެން ކުޅުންތެރިންގެ އެދުމުގެ މަތިން، އޭނާ ނިންމީ ފުޓްބޯޅައިގެ އެންމެ ބޮޑު މުބާރާތުގައި ކުޅުމުގެ ހުވަފެން ހަގީގަތަކަށް ހެދުމަށް އެންމެ ފަހު ފަހަރަށް މަސައްކަތް ކުރުމަށެވެ.

ދަނޑުމަތީގައި ވޮޒީނިއާ ދެއްކި ހިތްވަރުގަދަ ކުޅުމުގެ ސަބަބުން، ދަނޑުން ބޭރުގައިވެސް އޭނާއަށް ވަނީ ހީނުކުރާ ފަދަ ބޮޑު މަޤުބޫލުކަމެއް ލިބިފައެވެ. މެޗު ވަގުތުން ދުރަށް ދައްކަމުންދިޔަ ބައެއް ބްރޯޑްކާސްޓަރުން އޭނާގެ އިންސްޓަގްރާމް އެކައުންޓް ސްކްރީނުން ދެއްކުމާ ގުޅިގެން، މަދު ގަޑިއިރުތަކެއްގެ ތެރޭގައި އޭނާ ފޮލޯކުރާ މީހުންގެ އަދަދު 50،000 އިން ދެ މިލިއަނަށްވުރެ މައްޗަށް އެރިއެވެ. އަދި މެޗު ނިމުނުތާ 6 ގަޑިއިރު ފަހުން 2.2 މިލިއަނަށްއެރިއިރު، މިހާރު އިންސްޓަގްރާމުން އޭނާ ފޮލޯކުރާ މީހުންގެ އަދަދު ވަނީ 6 މިލިއަނަށްވުރެ މައްޗަށް އަރާފައެވެ. 

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450