ކުޅިވަރު

ވޯލްޑް ކަޕްގެ ތާރީޚުގައި އެންމެ ފުރަތަމަ މެޗަށްފަހު މަގާމުން ވަކިކުރި ކޯޗަކަށް ފްރާންސްގެ ލަމޫޝީ

ވޯލްޑް ކަޕްގެ ތާރީޚުގައި އެންމެ ފުރަތަމަ މެޗަށްފަހު މަގާމުން ވަކިކުރި ކޯޗަކަށް ފްރާންސްގެ ލަމޫޝީ

ސްވިޑްންއާ ދެކޮޅަށް ކުޅުނު މެޗުގައި ލަމޫޝީ / ފޮޓޯ: އޭޕީ

16 ޖޫން 2026، 04:53

މިހާރު ކުރިޔަށްދާ ވޯލްޑް ކަޕްގައި ކުޅުނު ފުރަތަމަ މެޗުން ބަލިވުމާ ގުޅިގެން، ޓިއުނީޝިއާގެ ހެޑް ކޯޗުގެ މަގާމުން ފްރާންސްގެ ސަބްރީ ލަމޫޝީ ވަކިކޮށްފިއެވެ.

މެކްސިކޯގެ އެސްޓާޑިއޯ މޮންޓެރޭގައި އާދީއްތަ ދުވަހު ކުޅުނު ގްރޫޕް އެފްގެ މެޗުން ސްވިޑަން އަތުން ޓިއުނީޝިއާ ބަލިވީ 5-1 ގެ ނަތީޖާއަކުންނެވެ.

މެޗަށްފަހު ލަމޫޝީ ވަގުތުން މަގާމުން ވަކިކުރި ކަމަށް އަޑުތައް ފެތުރުނު ނަމަވެސް، ބޭރުގެ ބައެއް މިޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، އުމުރުން 54 އަހަރުގެ ކޯޗު ވަނީ ހޯމަ ދުވަހުގެ ފަރިތަކުރުންތަކުގައި ބައިވެރިވެފައެވެ. ނަމަވެސް، ޓިއުނީޝިއާގެ ފުޓްބޯޅަ އެސޯސިއޭޝަނުން އޭނާ ވަކިކޮށްފައިވާކަން ޔަޤީންކޮށްދީފައިވާއިރު، އެ އެސޯސިއޭޝަނުން ބުނީ އޭނާ ވަކިކުރީ "ދެފަރާތް އެއްބަސްވާ ގޮތެއްގެ މަތިން"ނެވެ.

ލަމޫޝީގެ ބަދަލުގައި، މުބާރާތް ނިމެންދެން ޓިއުނީޝިއާގެ ކޯޗަކަށް އައްޔަންކޮށްފައިވަނީ މޮރޮކޯ އާއި ސައުދީ އަރަބިއްޔާގެ ކުރީގެ ކޯޗު ހާވޭ ރެނާޑްއެވެ.

މަގާމުން ވަކިކުރުމާ އެކު، ލަމޫޝީ ވެފައިވަނީ ވޯލްޑް ކަޕްގެ ތާރީޚުގައި އެންމެ ފުރަތަމަ މެޗަށްފަހު މަގާމުން ވަކިކުރި ފުރަތަމަ ކޯޗަށެވެ. މީގެ ކުރިން 1998 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ފުރަތަމަ ދެ މެޗުން މޮޅުނުވުމުން ޓިއުނީޝިއާއިން ވަނީ އެ ގައުމުގެ ކޯޗު ހެންރިކް ކަސްޕަރްޒެކް މަގާމުން ވަކިކޮށްފައެވެ.

ހަމަ އެ މުބާރާތުގައި ދެކުނު ކޮރެއާގެ ޗާ ބުމް-ކުން ވެސް ފުރަތަމަ ދެ މެޗުން ބަލިވުމުން ވަކިކުރިއެވެ. އަދި 2018 ވަނަ އަހަރުގެ ވޯލްޑް ކަޕް ފެށުމަށް ދެ ދުވަހަށް ވެފައި ވަނިކޮށް، ރެއާލް މެޑްރިޑާ ގުޅެން އެއްބަސްވުމާ ގުޅިގެން ސްޕެއިންގެ ކޯޗު ހޫލެން ލޮޕެޓެގީ ވެސް ވަނީ މަގާމުން ވަކިކޮށްފައެވެ. ނަމަވެސް، ވޯލްޑް ކަޕްގެ އެންމެ މެޗަކަށްފަހު ކޯޗަކު ވަކިކުރި މިއީ ފުރަތަމަ ފަހަރެވެ. މިއާއެކު ލަމޫޝީ ޓިއުނީޝިއާގެ ކޯޗުކަމުގައި ހޭދަކުރި ފަސް މަސްދުވަސް މިވަނީ ނިމުމަކަށް އައިސްފައެވެ.

ނޮޓިންހަމް ފޮރެސްޓްގެ ކުރީގެ ކޯޗު ލަމޫޝީ އެ މަގާމަށް އައްޔަންކުރީ މިއަހަރުގެ ޖެނުއަރީ މަހުގައެވެ. އެއީ އެފްރިކާ ކަޕް އޮފް ނޭޝަންސްގެ ގަދަ 16 ގައި މާލީ އަތުން ބަލިވުމާ ގުޅިގެން ސާމީ ޓްރަބެލްސީ އިސްތިއުފާ ދިނުމުންނެވެ.

ސްވިޑަން އަތުން ބަލިވި މެޗަށްފަހު ވާހަކަ ދައްކަމުން ލަމޫޝީ ބުނީ އެ ނަތީޖާއަކީ ގަބޫލުކުރަން ދަތި ނަތީޖާއެއް ކަމަށެވެ. އަދި އެހާބޮޑު ބައްޔަކުން މުބާރާތް ފަށަން ޖެހުމަކީ އުނދަގޫ ކަމެއްގެ ގޮތުގައި އޭނާ ވަނީ ސިފަކޮށްފައެވެ. 

ޓިއުނީޝިއާގެ ކޯޗުކަމުގައި ލަމޫޝީ އިރުޝާދުދިން ފަސް މެޗުގެ ތެރެއިން މޮޅުވީ އެންމެ މެޗަކުންނެވެ. އެއީ އޭނާގެ ފުރަތަމަ މެޗުގައި ހެއިޓީ އަތުން 1-0 އިން މޮޅުވި މެޗެވެ.

ވޯލްޑް ކަޕަށް ތައްޔާރުވުމަށް މި މަހު ކުރީކޮޅު ކުޅުނު ރަހުމަތްތެރިކަމުގެ ދެ މެޗުގެ ތެރެއިން އޮސްޓްރިއާ އަތުން 1-0 އިން ބަލިވިއިރު، ބެލްޖިއަމް އަތުން ވަނީ 5-0 ގެ ތަފާތަކުން ބަލިވެފައެވެ.

ގްރޫޕް އެފްގައި ޓިއުނީޝިއާ ދެން ނުކުންނާނީ ޖަޕާނާއި ނެދަލޭންޑްސްއާ ދެކޮޅަށެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450