ކުޅިވަރު
މާދަމާ ހެނދުނު ވޯލްޑް ކަޕްގެ ތާރީޙީ ޝަރަފެއް ހޯދުމަށް މެސީ ފިޓްވެއްޖެ
މެސީ ޕްރެކްޓިސް ސެޝަނެއްގައި / ފޮޓޯ: އޭއެފްޕީ
އެމެރިކާ، މެކްސިކޯ އަދި ކެނަޑާގައި މިހާރު ކުރިޔަށްދާ ވޯލްޑް ކަޕުގައި މާދަމާ ހެނދުނު އަލްޖީރިއާ އާއި އާޖެންޓީނާ ބައްދަލުކުރަން ހަމަޖެހިފައިވާއިރު، އެ މެޗުގައި އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީ ކުޅެން ނިކުމެއްޖެނަމަ، ވޯލްޑް ކަޕްގެ ތާރީޙުގައި އޭނާއަށް އިތުރަށް ޝަރަފެއް ލިބިގެންދާނެއެވެ.
އާޖެންޓީނާއިން އެ ޓީމުގެ ފުރަތަމަ މެޗަށް މާދަމާ ހެނދުނު ރާއްޖެ ގަޑިން 6:00 ނިކުންނައިރު، އެ މެޗުގައި ކުޅެފިނަމަ މެސީ ވެގެން ދާނީ 6 ވޯލްޑް ކަޕްގައި ކުޅޭ ފުރަތަމަ ކުޅުންތެރިޔާއަށެވެ.
މެސީއަށް މި ޝަރަފު ފުރަތަމަ ލިބިގެންދާއިރު، އޭނާގެ ފަހުން ކްރިސްޓިއާނޯ ރޮނާލްޑޯ އާއި މެކްސިކޯގެ ގޯލްކީޕަރު ގީއުމޯ އޮޗޯއާއަށް ވެސް ހޯދުމުގެ ފުރުސަތު އެބައޮއެވެ. މީގެ ތެރެއިން މެސީ އާއި ރޮނާލްޑޯ މިހާތަނަށް 5 ވޯލްޑް ކަޕެއްގައި ކުޅެފައިވާއިރު، މެކްސިކޯގެ ކީޕަރު ފާއިތުވި 5 ވޯލްޑް ކަޕްގައި އެ ޤައުމުގެ ސްކޮޑުގައި ހިމެނުނު ނަމަވެސް، އޭނާއަށް ކުޅުމުގެ ފުރުސަތު ލިބިފައި ވަނީ 3 ވޯލްޑް ކަޕެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، ވޭތުވެދިޔަ ފަސް ވޯލްޑް ކަޕްގެ ތެރެއިން އެއްވެސް މުބާރާތެއްގައި މެސީ އާއި ކްރިސްޓިއާނޯ ރޮނާލްޑޯ އެކަކު އަނެކަކާ ދެކޮޅަށް ކުޅެފައެއް ނުވެއެވެ. ކްލަބް ފެންވަރުގައި މި ދެ ކުޅުންތެރިން 35 ފަހަރު ބައްދަލުކޮށްފައިވީ ނަމަވެސް، ބައިނަލްއަޤުވާމީ މައިދާނުގައި މި ދެ ކުޅުންތެރިން އެކަކު އަނެކަކާ ދެކޮޅަށް ކުޅެފައިވަނީ އެންމެ ފަހަރަކުއެވެ. އެއީ 2011 ވަނަ އަހަރުގެ ފެބްރުއަރީ މަހު ޖެނީވާގައި ކުޅުނު އެކުވެރިކަމުގެ މެޗެއްގައެވެ.
މެކްސިކޯގެ ގޯލު ބަލަހައްޓަމުން އޮޗޯއާ ވަނީ މި ދެ ކުޅުންތެރިންނާ ވެސް ކުރިމަތިލައިފައެވެ. އޭނާ ވަނީ 2017 ވަނަ އަހަރުގެ ކޮންފެޑަރޭޝަންސް ކަޕްގައި ރޮނާލްޑޯގެ ޕޯޗުގަލްއާ ދެކޮޅަށް ކުޅެފައެވެ. އަދި އެންމެ ފަހުން ޤަޠަރުގައި ބޭއްވި ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގައި މެސީގެ އާޖެންޓީނާއާ ދެކޮޅަށް ވެސް އޭނާ ނުކުތެވެ. އެ މެޗު 2-0 އިން އާޖެންޓީނާ ކާމިޔާބުކުރިއިރު، މެސީ އާއި އެންޒޯ ފެނާންޑޭޒް ވަނީ ތަޖުރިބާކާރު ކީޕަރު އޮޗޯއާ ފޫއަޅުވާލުމަށްފަހު ގޯލު ކާމިޔާބުކޮށްފައެވެ.
މިހާތަނަށް ފަސް ވޯލްޑް ކަޕްގައި ބައިވެރިވެ، ކޮންމެ މުބާރާތެއްގައި މަދުވެގެން އެއް މެޗު ކުޅެފައިވަނީ ޖުމްލަ ހަ ކުޅުންތެރިންނެވެ. މި ޝަރަފު އެންމެ ފުރަތަމަ ހޯދީ މެކްސިކޯގެ ކުރީގެ ކީޕަރު އެންޓޯނިއޯ ކަރްބަހާލް އެވެ. އޭނާ މި ރެކޯޑު ހެދީ 1966 ވަނަ އަހަރު އިންގްލެންޑުގައި ބޭއްވި ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ކުއޭޓޭ ކަލްޑެރޯންގެ ބަދަލުގައި ކުޅެން އަރައެވެ. މިއީ އޭނާ ވޯލްޑް ކަޕްގައި ކުޅުނު ފަހު މެޗުގެ އިތުރުން މެކްސިކޯ ގައުމީ ޓީމަށް ކުޅެދިން ފަހު މެޗުވެސް މެއެވެ. އޭގެ ކުޑަ ދުވަސްކޮޅެއް ފަހުން އޭނާ ވަނީ ފުޓްބޯޅައިން ރިޓަޔާކޮށްފައެވެ.
މީގެ އިތުރުން، އިތުރު ދެ ކީޕަރަކު ފަސް ވޯލްޑް ކަޕެއްގައި ބައިވެރިވި ނަމަވެސް، ބައެއް މުބާރާތްތަކުގައި އެމީހުން ތިބީ ބެންޗުގައެވެ. އެއީ އިޓަލީގެ ޖިއަންލުއިޖީ ބުފޮން އާއި މެކްސިކޯގެ އޮޗޯއާ އެވެ. ބުފޮން 1998 ވަނަ އަހަރުގެ ވޯލްޑް ކަޕަށް ދިޔަ ނަމަވެސް އެއްވެސް މެޗެއްގައި ނުކުޅެއެވެ. އޭނާ ކުޅެފައިވަނީ 2002، 2006، 2010 އަދި 2014 ވަނަ އަހަރުގެ ވޯލްޑް ކަޕުގައެވެ. ހަމައެގޮތަށް، އޮޗޯއާ ވެސް 2006 އަދި 2010 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި މެކްސިކޯ ސްކޮޑުގައި ހިމެނުނު ނަމަވެސް، އެ ދެ މުބާރާތުގައި އޭނާ ހުރީ ބެންޗުގައެވެ. އަދި މިހާރު ކުރިޔަށްދާ މުބާރާތުގައި މެކްސިކޯ ކުޅުނު ފުރަތަމަ މެޗުގައި ވެސް އޭނާއަށް ފުރަތަމަ އެގާރައިން ޖާގައެއް ނުލިބެއެވެ.