ކުޅިވަރު
މެޗު ކާމިޔާބު ނުކުރެވުމުން މުޅި ސްޕެއިން ޓީމު އޮތީ ބޮޑު ހިތާމައެއްގެ ތެރޭގައި: މެރީނޯ
ސްޕެއިންގެ މިކޭލް މެރީނޯ---
ވޯލްޑް ކަޕްގެ ފޭވަރިޓުންގެ ގޮތުގައި ބެލެވޭ ސްޕެއިން، މުބާރާތުގެ ފުރަތަމަ މެޗުގައި ކޭޕް ވާޑްއާ ދެކޮޅަށް ކުޅެ އެއްވަރުވުމުން، މުޅި ޓީމު އޮތީ ބޮޑު ހިތާމައެއްގެ ތެރޭގައި ކަމަށް އެ ޓީމުގެ މުހިންމު ކުޅުންތެރިއެއް ކަމަށްވާ މިކޭލް މެރީނޯ ބުނެފިއެވެ.
އެމެރިކާގެ އެޓްލާންޓާގައި ކުޅުނު މި މެޗުގައި، ވޯލްޑް ކަޕަށް އަލަށް ކޮލިފައިވި ކޭޕް ވާޑުން ވަނީ ސްޕެއިންގެ ތަރިން ހިފަހައްޓައި، ލަނޑެއް ޖެހިޔަނުދީ 0-0 އިން އެއްވަރުކޮށްފައެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ ކޭޕް ވާޑްގެ ގޯލްކީޕަރު ވޮޒީނިއާއެވެ. ސްޕެއިންގެ ޒުވާން ތަރި ލަމީން ޔަމާލް ފިޓްނަސް މައްސަލަތަކެއްގެ ސަބަބުން މި މެޗުގައި ފެނިގެންދިޔައީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައެވެ.
ގްރޫޕް އެޗްގައި ހިމެނޭ ސައުދީ އަރަބިއްޔާ އާއި އުރުގުއޭ ބައްދަލުކުރި މެޗުވެސް އެއްވަރުވުމާއެކު، މި ގްރޫޕްގެ ވާދަވެރިކަން މިހާރު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.
ޓެނެސީގެ ޗަޓަނޫގާގައި ހުންނަ ސްޕެއިންގެ ޓްރެއިނިން ކޭމްޕުގައި އަންގާރަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މެރީނޯ ބުނީ، ކޮންމެ ކުޅުންތެރިއަކުވެސް މި ނަތީޖާއާ މެދު ހިތާމަކުރާ ކަމަށާއި، އެކަމުން އަރައިގަތުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.
ކޮންމެ ކުޅުންތެރިއަކުވެސް މި ހިތާމައާ ކުރިމަތިލާ ގޮތް ތަފާތުވާނެ. ބައެއް ކުޅުންތެރިން ބޭނުންވަނީ ވަގުތުން މެޗުގެ ވީޑިއޯ ބަލައި މައްސަލަތައް ދެނެގަންނަން. އަނެއް ބަޔަކު ބޭނުންވަނީ އެކަނިވެރިވެލަން. މިއީ ތިން ޕޮއިންޓް ނުލިބުމުގެ މާޔޫސްކަން ދިރުވާލަން ޖެހޭ ވަގުތެއް.
މެރީނޯ ބުންޏެވެ.
އޭނާ ބޭނުންކުރި "ހިތާމަ" ނުވަތަ "މޯrނިންގް" މި ލަފުޒާ ގުޅޭގޮތުން ނޫސްވެރިން ސުވާލު ކުރުމުން މެރީނޯ އެކަން ސާފުކޮށްދިނެވެ. އޭނާ ބުނީ އެއީ މީހަކު މަރުވުމުން ކުރާ ކަހަލަ ހިތާމައެއް ނޫން ކަމަށާއި، އެކަމަކު ބައެއް ފަހަރު މެޗުތަކުން ބަލިވުމުން ނުވަތަ ބޭނުންވާ ނަތީޖާ ނުލިބުމުން ކުރެވޭ އިހުސާސެއް ކަމަށެވެ.
އަޅުގަނޑު ބޭނުންކުރި ލަފުޒު އެހާ ރަނގަޅު ނޫން ކަމަށް ވެދާނެ. އެކަމަކު ކުޅިވަރުގެ ރޫހުގައި، އެހާ ބޮޑަށް މޮޅުވާން ބޭނުންވެފައި ތިއްބާ ނާކާމިޔާބުވުމުން ގެއަށް ގޮސް އާއިލާއާ ވާހަކަދައްކަންވެސް ބޭނުންނުވާ ފަހަރު އާދޭ. އެހެންވެ އެއީ ހިތާމައެއްގެ ގޮތުގައި ސިފަކުރެވުނީ.
އޭނާ އިތުރަށް ބުންޏެވެ.
ސްޕެއިން މިހާރު ތައްޔާރުވަމުންދަނީ އަންނަ އާދިއްތަ ދުވަހު ސައުދީ އަރަބިއްޔާއާ ދެކޮޅަށް ކުޅޭ މުހިންމު މެޗަށެވެ. މުބާރާތުގެ ކުރިއަށް ދިއުމަށް މި މެޗުން މޮޅުވުން ސްޕެއިނަށް މިހާރު ވަނީ މަޖުބޫރުވެފައެވެ.