ކުޅިވަރު

ޕޯޗުގަލް މޮޅު ނުވުމުން ސުވާލު އުފައްދަންވީ ރޮނާލްޑޯގެ ހުނަރާމެދު ހެއްޔެވެ؟

ޕޯޗުގަލް މޮޅު ނުވުމުން ސުވާލު އުފައްދަންވީ ރޮނާލްޑޯގެ ހުނަރާމެދު ހެއްޔެވެ؟

ކޮންގޯއާ ދެކޮޅަށް ކުޅުނު މެޗުގައި ރޮނާލްޑޯ / ފޮޓޯ: ގެޓީ އިމޭޖަސް

18 ޖޫން 2026، 06:36

ފުރިހަމަ ފެށުމަކާއެކު ޕޯޗުގަލުން ކޮންގޯ ޑީއާރުއާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ ހަ މިނެޓު ކޮންޓްރޯލް ކުރި ނަމަވެސް، މެޗުގެ ބާކީ އޮތް 80 މިނެޓުގައި އެ ޓީމަށް މާ އެދެވޭ ކުޅުމެއް ނުދެއްކި، 1-1 އިން އެއްވަރުވެއްޖެއެވެ. މިއީ މޮޅުވާނެ ކަމަށް ވަރަށް ބޮޑަށް ބެލެވުނު މެޗެއް ނަމަވެސް، ވޭތުވެދިޔަ ފަސް ވޯލްޑް ކަޕުގެ ތެރެއިން ހަތަރު ވޯލްޑް ކަޕްގައި ވެސް ކަން ހިނގީ މިހެނެވެ. އެ ޓީމަށް ފުރަތަމަ މެޗެއް ކާމިޔާބެއް ނުކުރެވެއެވެ. އެހެންކަމުން މިއީ 2026 ވަނަ އަހަރުގެ މި މުބާރާތުގައި ކްރިސްޓިއާނޯ ރޮނާލްޑޯގެ ފެންވަރާމެދު އަނެއްކާވެސް ބަހުސްތަކެއް އުފެދުނު މެޗެކެވެ.

މެޗުގެ ކުރީކޮޅު ޔާއޯ ނެވޭސް ބޮލުން ޖެހި ލަނޑުން ޕޯޗުގަލުން ކުރި ހޯދިއިރު، އެ ލަނޑުގެ ކުރިން ހަ މިނެޓު ވަންދެން އެޓީމުން ވަނީ 84 ޕާސް ފުރިހަމަކޮށްފައެވެ. ނަމަވެސް ކޮންގޯއިން މަޑުމަޑުން މެޗުގެ ތެރެއަށް ވަދެ، ފުރަތަމަ ހާފު ނިމެން އުޅެނިކޮށް ޔޮއާން ވިސާ ޖެހި ލަނޑުން ނަތީޖާ އެއްވަރުކުރިއެވެ. މެޗު ނިމުނުއިރު ލަނޑު ޖަހަން އުފެއްދި ފުރުސަތުތަކަށް ބަލާއިރުވެސް ކުރީގައި އޮތީ އަށް ހަމަލާއާއެކު ކޮންގޯއެވެ. ޕޯޗުގަލަށް ފޮނުވާލެވުނީ ހަތް ހަމަލާއެވެ.

ރޮނާލްޑޯގެ ހަވަނަ ވޯލްޑް ކަޕުގެ ފުރަތަމަ މެޗާ ކުރިމަތިލީއިރު، އޭގެ 24 ގަޑިއިރު ކުރިން ކީލިއަން އެމްބާޕޭ، އާލިން ހާލަންޑް އަދި ލިއޮނަލް މެސީ ވަނީ ގިނަ ލަނޑުތަކަކާއެކު ބޮޑު މޮޅެއް ހޯދާފައެވެ. ނަމަވެސް މުޅި މެޗު ކުޅުނު ރޮނާލްޑޯގެ ފަރާތުން ފެނުނީ އެންމެ ތިން ހަމަލާއެވެ. އޭގެ ތެރޭގައި ލަނޑު ޖަހާނެ ސާފު ފުރުސަތެއް އުފެއްދިފައި ނުވެއެވެ. 

ޕޯޗުގަލްގެ ކޯޗު ރޮބާޓޯ މާޓިނޭޒް ބުނި ގޮތުގައި ފުރަތަމަ ލަނޑަށްފަހު މެޗުގެ އޮއިވަރު ބަދަލުވިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ފުރަތަމަ ކޮޅު އެ ޓީމުގެ ކުޅުން ވަރަށް ރޭވުންތެރި ނަމަވެސް، ކޮންގޯއިން ނަތީޖާ އެއްވަރުކުރުމާއެކު ކުޅުންތެރިންގެ ކޮންފިޑެންސްއަށް ބަދަލުތަކެއް އައެވެ. ކޮންގޯގެ ކޯޗު ސެބަސްޓިއަން ޑެސަބްރޭ ސިފަކުރި ގޮތުގައި މިއީ މިދިޔަ ނޮވެމްބަރު މަހު ނައިޖީރިއާއާ ދެކޮޅަށް ކުޅުނު މެޗާ ދާދި އެއްގޮތް މެޗެކެވެ. އެ މެޗުގައިވެސް ކުރީކޮޅު ނައިޖީރިއާއިން ލަނޑު ޖަހާފައިވަނިކޮށް، ކޮންގޯއިން ނަތީޖާ އެއްވަރުކޮށް، އެންމެ ފަހުން ޕެނަލްޓީގައި މޮޅުވެ ކޮލިފައިވީއެވެ.

މެޗަށްފަހު ރޮނާލްޑޯއާ ބެހޭގޮތުން ކުރެވުނު ސުވާލުތަކަށް ޖަވާބުދެމުން މާޓިނޭޒް ބުނީ، މައްސަލައަކީ ރޮނާލްޑޯއަށް ބޭނުންވާ ފަދަ އެހީތެރިކަމެއް މުޅި ޓީމުގެ ފަރާތުން ނުލިބުން ކަމަށެވެ. ނަމަވެސް ތަފާސްހިސާބުތަކަށް ބަލާއިރު މިއީ ރޮނާލްޑޯއަށް ދިމާވެފައިވާ ބޮޑު މައްސަލައެއްގެ ފެށުމެވެ. 2022 ވަނަ އަހަރު ގާނާއާ ދެކޮޅަށް ޖެހި ޕެނަލްޓީއަށްފަހު، ވޯލްޑް ކަޕާއި ޔޫރޯގެ ފަހު 10 މެޗުގައިވެސް އޭނާއަށް ލަނޑެއް ނުޖެހެއެވެ.

ޕޯޗުގަލްގެ ފަހުގެ މެޗުތަކަށް ބަލާއިރު، ރޮނާލްޑޯ ކުޅޭ މެޗުތަކަށްވުރެ އޭނާ ނުލައި ކުޅޭ މެޗުތަކުގައި އެޓީމުން ޖަހާ ލަނޑުގެ އަދަދު ގިނައެވެ. ނަމަވެސް މާޓިނޭޒް އަދިވެސް އިސްކަންދެނީ ރޮނާލްޑޯއަށެވެ. ކޮންގޯ މެޗުގެ ފަހުކޮޅު ފޯވާޑް ގޮންސާލޯ ރާމޯސް ކުޅެން އެރުވިއިރުވެސް، ބޭލީ ރޮނާލްޑޯގެ ބަދަލުގައެއް ނޫނެވެ.

ދުނިޔޭގެ އެންމެ މޮޅު ލަނޑު ޖަހާ ކުޅުންތެރިޔާގެ މަގާމުގައި ރޮނާލްޑޯ ހުރި ޒަމާން މިހާރު މިވަނީ މާޒީވެފައެވެ. އެހެންކަމުން، ކުރިއަށް އޮތް މެޗުތަކުގައި ޕޯޗުގަލަށް ކާމިޔާބު ހޯދޭނީ ރޮނާލްޑޯގެ ފަރާތުން އާދަޔާ ހިލާފު މޮޅު ކުޅުމެއް ފެނިގެން ނުވަތަ ކޯޗު މާޓިނޭޒް އިތުރު ގޮތްތަކެއް ހޯދައިގެންނެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450