ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ޑައިވިންގ އޮޕަރޭޝަންގައި ބައިވެރިވި ސިފައިންނާއި ފުލުހުންގެ އަގު ވަޒަންކުރައްވައިފި
ބަންޑާރަކޮށީގައި ބޭއްވި މި ރަސްމިއްޔާތުގެ ތެރެއިން. ފޮޓޯ: ޕޮލިސް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވ. އަތޮޅުގައި ކުރިއަށް ގެންދެވުނު ހާއްސަ ޑައިވިންގް އޮޕަރޭޝަނުގައި ބައިވެރިވި ފުލުހުންނާއި ސިފައިންކޮށް ދެއްވި ހިދުމަތުގެ އަގު ވަޒަންކުރައްވައިފިއެވެ.
އެ އޮޕަރޭޝަންގައި ބައިވެރިފަރާތްތަކުގެ އަގު ވަޒަން ކުރުމަށްޓަކައި ބަންޑާރަކޮށީގައި 17 ޖޫން 2026 ވީ ބުދަ ދުވަހު ބޭއްވުނު ހާއްސަ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ފަރާތްޕުޅުން ބައިވެރިވެވަޑައިގަތީ މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޯލޮޖީ ޢަލީ އިޙްސާންއާއި، މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސް ހަސަން ރަޝީދެވެ.
އެބޭފުޅުންގެ އިތުރުން، ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު މުހައްމަދާއި، ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީ މި ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގަތެވެ. އަދި ފުލުހުންނާއި ސިފައިންގެ އިސް އޮފިސަރުން ވެސް ވަނީ މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފައެވެ.
ވ. އަތޮޅުގެ ޑައިވިންގ އޮޕަރޭޝަންގައި ބައިވެރިވި ފުލުހުންނާއި ސިފައިންގެ ފަރާތުން ފެނިގެންދިޔަ ސާބިތުކަމާއި، އެބޭފުޅުން ކުރެއްވި ބުރަ މަސައްކަތް ވަނީ ވަރަށް ބޮޑަށް ފާހަގަކުރައްވާފައެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާގެ ފަރާތްޕުޅުން އެ ފަރާތްތަކަށް ހަނދާނީ ލިޔުން ހަވާލުކުރެވުނެވެ.