ރިޕޯޓް

އިއްޔެ ވަޒީފާއިން ވަކިކޮށް، މިއަދު އެ އުޅެނީ "ގުޅެން": މިއީ ކޮން ކަހަލަ ޖޯކެއް؟

އިއްޔެ ވަޒީފާއިން ވަކިކޮށް، މިއަދު އެ އުޅެނީ "ގުޅެން": މިއީ ކޮން ކަހަލަ ޖޯކެއް؟

ފޮޓޯ: ފަރުދުން

farudhun logo

ފަރުދުން

18 ޖޫން 2026، 05:51

18 ޖޫން 2026، 05:51

ދިވެހިރާއްޖޭގެ ސިޔާސީ މަސްރަޙަކީ އަބަދުވެސް ހައިރާންކުރުވަނިވި ބަދަލުތަކެއް އަންނަ އޮއިވަރެކެވެ. ނަމަވެސް، މިއަދު ފެންނަމުންދާ މަންޒަރަކީ އަޖައިބުކުރުވަނިވި މަންޒަރެކެވެ. މިއީ ރައްޔިތުންގެ ހަނދާނާއި ބުއްދިއަށް ކުރެވޭ ފުރައްސާރައެކެވެ. އެމްޑީޕީއާއި ރައީސް ނަޝީދު އިސްކޮށް ތިއްބަވައިގެން "ވަޒީފާ ބުރާސްފަތި" މި ނަމުގައި މަގުތަކަށް ނުކުމެ، ވަޒީފާގެ ހައްގޭ ކިޔައިގެން ހަޅޭއްލަވާއިރު، މާޒީގެ ސަފުހާތައް ހުރީ ކަރުދާހުގައި ބިންވަޅު ނެގިފައެވެ.

ރައީސް ނަޝީދުގެ ސިޔާސީ ކުޅިގަނޑަށް ބަލާއިރު ފެންނަނީ ވަރަށް އާދަޔާޚިލާފު މަންޒަރެކެވެ. އިއްޔެ އަމިއްލަފުޅަށް އެމްޑީޕީ ދޫކުރައްވައި ވަޑައިގެން، އަމިއްލަ ޕާޓީއެއް އުފައްދަވައި، އެމްޑީޕީއަކީ "ވައްކަން ކުރާ" ބައެއް ކަމަށް ހަރުއަޑުން ވިދާޅުވި ބޭފުޅާ، މިއަދު އަނެއްކާވެސް އެމްޑީޕީއާ ގުޅި، ޕާޓީ ފޭރިގަނެ އެބުނާ ވައްކަމުގެ ލީޑަރަކަށްވީއެވެ. މުލުވަގަށް ވީއެވެ. އެންމެ މަޖާ ކަމަކީ، މި ބަދަލާއެކު މިހާރު ކުޅުއްވަން ފެއްޓެވި "ވިކްޓިމް ކާޑު" އެވެ. ތިމަންމަނިކުފާނު ޕާޓީން ބޭރުކޮށްލީއޭ ވިދާޅުވާއިރު، އަނެއްކޮޅުން ވިދާޅުވަނީ "ދިޔައީކީ ނޫނޭ" އެވެ. މިފަދަ ދެކޮޅުނުޖެހޭ ވާހަކަތަކުން ސާފުވަނީ، މިއީ ހަމައެކަނި ސިޔާސީ މަގާމަކާއި ބާރެއް ހޯދުމަށްޓަކައި އާންމު ރައްޔިތުންގެ ލޮލުގައި އަޅުވާ އަދުނެއް ކަމެވެ.

ވަޒީފާގެ ހައްގޭ ކިޔައިގެން މަގުމައްޗަށް ނުކުންނައިރު، އިއްޔެ ބާރު ލިބުނު ދުވަހު ސިޔާސީ ފިކުރު ތަފާތުވީތީ އެތައް ސަތޭކަ ރައްޔިތުންނެއް ވަޒީފާއިން ވަކިކޮށް، މަގުމަތިކުރީ ހަމަ މި ދެންނެވި ބޭފުޅުންގެ ވެރިކަމުގައެވެ. އޭރު އެ އާއިލާތަކުގެ ދަރިން ބަނޑަށް ތިބި އިރު، އެ ބޭފުޅުންގެ ހިތްތަކުގައި ރަހުމުގެ ކަންފުޅެއްވެސް ނެތެވެ. މިއަދު ފައްޔާޒް އިސްމާއީލަކީ "ހުދު ފޮތިކޮޅަކަށް" ވެގެން އުޅުނަސް، ހަމަ އެމަނިކުފާނުގެ ދޫފުޅުން މަޖިލީހުގައި ފައްޔާޒަކީ "ބޮޑު ވަގެއް" ކަމަށް ވިދާޅުވި އަޑު އަދިވެސް ދިވެހިންގެ ކަންފަތުގައި ގުގުމައެވެ.

މިއަދު މިކުރާ މުޒާހަރާތަކަކީ ހަގީގަތުގައި ކުރީގެ ސަރުކާރުތަކުން ހިންގާފައިވާ ބޮޑެތި ވައްކަންތަކާއި، ގައުމު ދަރުވާލި ބޮޑެތި ލޯނުތަކުގެ ޒިންމާއިން ރެކުމަށް ޖަހާ ސިޔާސީ މަޅިއެކެވެ. ރާއްޖެ ދަރަނިވެރިކުރި ގޮތް ބަލާނެ ކަމެއް ނެތޭ ވިދާޅުވާއިރު، އެއީ ރައްޔިތުންގެ ފައިސާއެވެ. ފެނަކަ ފަދަ ކުންފުނިތައް ދަރުވާލައި، މަސްވެރިން ބިކަކޮށްލައި، ވެލާނާ އެއާޕޯޓާއި ރަށްތައް ބޭރު ބަޔަކަށް ވިއްކާލި ހަނދާންތަކަކީ ދިވެހިންގެ ހިތުން ފޮހެލެވޭނެ ކަންކަމެއް ނޫނެވެ. އޭރު އޮތް އެމްޑީޕީ ސަރުކާރުން ފިކުރު ތަފާތު މުވައްޒަފުން ވަޒީފާއިން ކަނޑާ އާއިލާތައް ބިކަކޮށްލިއިރު، ރައްޔިތުންގެ ހައްގުގައޭ ކިޔާފަ މިއަދު ނުކުމެ ހުރި ނަޝީދު ކޮބައިހެއްޔެވެ. އޭރު އެއީ ބޮޑުކަމަކަށް ނުވިއިރު، މިއަދު މިކިޔަނީ ކޮން ލަވައެއް ހެއްޔެވެ. އެލަވައިގައި ރާގެއްވެސް ނެތްތާކު މިއުޒިކާ ލަަވައިގެ ލިރިކްސްއާވެސް ނުގުޅެއެވެ. އަޑުއަހާ މީހަކު ބޮލަށް އުދަގޫވެ ލަވައިގެ އަޑު ކަޑުވާލާނެ ފަދަ ހުތުރު ލަވައެކެވެ. 

އޭރު އެމްޑީޕީއަކީ ވައްކަންކުރާ ޕާޓީއެއް، މިހާރު އެމްޑީޕީއަކީ ރައްޔިތުންނަށް ހައްގު ހޯދައިދޭ ހަމައެކަނި ޕާޓީއަށް ވަނީ ވެފައެވެ. އޭރު އެމްޑީޕީ މެންބަރުންނަކީ ވަގުން ކަމަށްބުނި ނަޝީދު މިހާރު ބުނަމުންދަނީ އެއީ ގައުމަށްޓަކައި މަސައްކަތް ކުރާ ގަދަފަދަ ފަހުލަވާނުންގެ ޓީމެއް ކަމަށެވެ. އަދި ފަރުވާކުޑަވެގެން ވަޒީފާ ގެއްލޭ މުވައްޒަފަށްވެސް އެމްޑީޕީން ވިސްނުވައިދެނީ މި ސަރުކާރުން އޭނާގެ އާއިލާ ބިކަކޮށްލީ ކަމަށެވެ. އެގޮތަށް ޗިޕު ޖަހައިގެން މަދު މީސްކޮޅެއް ފަހަތަށް ލައިގެން ނަޝީދު ދަނީ ރާގާ ދިމާނުވާ ލަވައަކަށް ބެރު ޖަހާ ނަށަމުންނެވެ. ނަޝީދުއަށް ހީވެފައި އޮތީ މިރޭ އޭނާ އެ ޖަހަން އުޅޭ ބެރާއެކީ ސަރުކާރު ވެއްޓޭނެ ކަމަށެވެ.

ނަމަވެސް ދިވެހި ރައްޔިތުން މިހާރު ތިބީ ލޯހުޅުވިފައެވެ. ރައްޔިތުންނަށް މިހާރު ހަގީގީ މަންޒަރު އެބަފެނެއެވެ. ރައްޔިތުންނާއި ގާތުން ދެފުށް ފެންނަ ގޮތަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކުރައްވަމުންގެންދަވާ ވެރިކަން ރައްޔިތުން ބަލައިގެންފިއެވެ. މަންޒަރު ވަރަށް ސާފެވެ. ރައްޔިތުން ތިބީ ގައުމުގެ ތަރައްގީއާއެކީގައެވެ. އިޚުލާސްތެރި ވެރިޔަކު ލިބުނީތީ އުފަލުގައެވެ.

އެންމެ ހިތާމަވެރި ކަމަކީ، އިސްލާމްދީނުގެ މަތިވެރި އުސޫލުތަކަށް ގޮންޖަހައި، ދީނީ ކަންކަމަށް ފުރައްސާރަކުރި ބަޔަކު، ރައްޔިތުންގެ ހައްގުގައޭ ކިޔާފައި ދައްކާ ވާހަކަ ގަބޫލުކުރަން ޖެހުމެވެ. މިފަދަ ހަރަކާތްތަކުން ނިކަމެތިވަނީ ހަމަ އާންމު ރައްޔިތުމީހާއެވެ. ސިޔާސީ ވެރިންގެ ފަހަތުން ދުވެ، މުޒާހަރާތަކަށް ގޮސް އާއިލާ ބިކަވާއިރު، އެއްވެސް ސިޔާސީ ލީޑަރަކު އެ މީހެއްގެ ހާލެއް ބަލައެއް ނުލާނެއެވެ. ކައިބޮއެގެންތޯވެސް އަހާލާނެ މީހަކު ނުހުންނާނެއެވެ.

މިއަދުގެ ދިވެހި ރައްޔިތުންނަކީ މާ ހޭލުންތެރި ބައެކެވެ. އިއްޔެ ވަޒީފާއިން ވަކިކޮށްފައި މިއަދު "ގުޅެން" އުޅޭ އުޅުމަކީ ބޮޑު ޖޯކެއްކަން މިއަދު ކޮންމެ ރައްޔިތަކަށްވެސް އެނގެއެވެ. ގައުމުގެ ހަމަޖެހުން ނަގާލައި، އަމިއްލަ ޖީބު ބޮޑުކުރުމަށް ކުރާ މިފަދަ ހީލަތްތެރި މަސައްކަތްތަކަށް މިއަދުގެ ދިވެހި ދަރިން ނޫނެކޭ ބުނާނެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450