ޚަބަރު
"މޯލްޑިވިއަން ރިސޯޓު އާކިޓެކްޗާ" މައުރަޒަށް ވަޒީރު ހީނާ ވަލީދު ޒިޔާރަތް ކުރައްވައިފި
"މޯލްޑިވިއަން ރިސޯޓު އާކިޓެކްޗާ" މައުރަޒަށް ވަޒީރު ހީނާ ވަލީދު ކުރެއްވި ޒިޔާރާތް
ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ބޭނުންކޮށްފައިވާ އިމާރާތްކުރުމުގެ ފަންނުގެ ފަރުމާތަކާއި އޭގެ މުއްސަނދި ތާރީޚު ދައްކާލުމަށް، "މޯލްޑިވިއަން ރިސޯޓު އާކިޓެކްޗާ: އައިޑެންޓިޓީ، މެމަރީ އެންޑް ލެގަސީ"ގެ ނަމުގި ބޭއްވި މައުރަޒަށް، ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު ޒިޔާރަތްކުރައްވައިފިއެވެ.
މިއީ މަހުގެ 2 އިން 18 އަށް އާޓް ގެލަރީގައި ބޭއްވި މައުރަޒެކެވެ. މި މައުރަޒުގައި ދައްކާލި ކުރެހުންތަކާއި މޮޑެލްތަކާއި ފޮޓީތަކަކީ، ރާއްޖޭގެ އިމާރާތްކުރުމުގެ ފަންނަށް ތަޖުރިބާކާރު މައުރޫފު ޖަމީލުގެ މަސައްކަތްތައް ދައްކުވާދީފައިވާ ރަމްޒުތަކެކެވެ. އެގޮތުން މި މައުރަޒުގައި ވަނީ 1072 ވަނަ އަހަރުން 2021 ވަނަ އަހަރާއި ހަމައަށް ރާއްޖޭގެ ރާއްޖޭގެ ރިސޯޓުތަކުގެ އިމާރަތްކުރުމަށް އައިސްފައިވާ ބަދަލުތައް ތަރުތީބު ގޮތެއްގައި ދައްކާލާފައެވެ.
އެތަނަށް ކުރެއްވި ޒިޔާރާތަށްފަހު ވަހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، މިފަދަ މައުރަޒެއްގެ އެންމެ ބޮޑު އެއް ބޭނުމަކީ ރާއްޖޭގެ ރިސޯޓުތަށް އިމާރާތްކުރުމުގެ ކުރީކޮޅުގެ އުފެއްދުންތަކަކީ ތާރީޚުގެ ވަރަށް މުހިންމު ބައެއްކަން އަންގައިދިނުން ކަމަށެވެ.
މި މައުރަޒުގައި ދައްކާލައިފައިވާ ކުރެހުންތަކުގެ ތެރޭގައި މައުރޫފްގެ އަމިއްލަ ކުރެހުންތަކުގެ އިތުރުން، ރިސޯޓުތަކުގެ ފްލޯ ޕްލޭންތަކާއި، ކުރީގެ ބައެއް ފޮޓޯތަކާއި، ކުދި ތްރީޑީ މޮޑެލްތައް ހިމެނެއެވެ. މީގެ އިތުރުން، ފާއިތުވެދިޔަ ވިއްސަކަށް އަހަރުގެ ތެރޭގައި ރިސޯޓުތަކުން ނެތިގެން ގޮސްފައިވާ ބައެއް މުހިންމު ފަރުމާތަކުގެ ކުރެހުންތައް މި މައުރަޒުގައި ދައްކާލުމަށް ވަނީ ހާއްސަ ސަމާލުކަމެއްދީފައެވެ.
މައުރޫފު ޖަމީލަކީ މީގެ ކުރިން އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރގެ މަޤާމު ފުރުއްވާފައިވާ ބޭފުޅެކެވެ. އަދި 2025 ވަނަ އަހަރު އޭނާއަށް ވަނީ އިމާރާތް ކުރުމާއި އިމާރާތް ފަރުމާކުރުމުގެ ދާއިރާއިން ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ލިބިވަޑައިގެންފައެވެ.
އާންމުންނާއި ދާއިރާގެ ތަޖުރިބާކާރުން ހިމެނޭހެން މި މައުރަޒަށް ގިނަ އަދަދެއްގެ ބައެއްގެ ތަރުހީބު ލިބިފައިވާކަން މައުރޫފު ފާހަގަކުރައްވާފައިވާއިރު، މައުރަޒުގެ މައިގަނޑު މަގްސަދަކަށްވެފައިވަނީ ރާއްޖޭގެ ރިސޯޓުތަކުގެ އިމާރާތްކުރުމުގެ މުއްސަނދިކަން އާއްމުނަން ދައްކާލާ، އެ ދާއިރާގެ ކުރެހުންތަކާއި ފަރުމާތައް ތާރީޚަށް ޓަކައި ރައްކާތެރިކަމާއެކު ދިރުވާ އާލާކުރުމެވެ.