ޚަބަރު
ވޯލްޑްކަޕްގެ ރަސްމީ ބޯޅައެއް މަޝްހޫރު ވިޔަފާރިވެރިޔާ އުއްޗުއަށް ހަދިޔާކުރައްވައިފި
އުއްޗުއަށް ވޯލްޑްކަޕްގެ ރަސްމީ މެޗު ބޯޅަ ސްޓެޓް މިނިސްޓަރ އިބްރާހީމް އަމީރު ދެއްވަނީ
ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގެ ފަރާތުން، ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިޔާ ޗަމްޕާ މުޙައްމަދު މޫސާ (އުއްޗު)އަށް މިއަހަރުގެ ފީފާ ވޯލްޑްކަޕްގެ ރަސްމީ ބޯޅައެއް ހަދިޔާކުރައްވައިފިއެވެ.
ކުޅިވަރާބެހޭ ވުޒާރާގެއިން އުއްޗުއަށް ހަދިޔާކުރައްވާފައިވާ މި ބޯޅައަކީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސޮއިކުރައްވާ އެ ވުޒާރާއަށް ހަދިޔާކުރައްވާފައިވާ ބޯޅަތަކުގެ ތެރޭގައި ހިމެނޭ ބޯޅައެކެވެ. ވުޒާރާގެ ފަރާތުން އުއްޗުއާއި މި ބޯޅަ ހަވާލުކޮށްދެއްވީ އެ ވުޒާރާގެ ސްޓެޓް މިނިސްޓަރ އިބްރާހީމް އަމީރެވެ.
އުއްޗުއަކީ ރާއްޖޭގައި މިހާރު ހުރި އެންމެ މަޝްހޫރު އެއް ވިޔަފާރިވެރިޔާއެވެ. އޭނާއަކީ ވަރަށް ބޮޑަށް ކުޅިވަރަށް ލޯބިކުރައްވާ، ދިވެހިރާއްޖޭގެ ކުޅިވަރުގެ ދާއިރާއަށް އެކިއެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ބޭފުޅެކެވެ. އަދި ފުޓުބޯޅައިގެ ދާއިރާއަށް އުއްޗުވަނީ ގިނަގުނަ އެހީތެރިކަމެއް ފޯރުކޮށްދެއްވާފައިކަން ވަކިން ޚާއްސަކޮށް ފާހަގަކުރެވެއެވެ. އެގޮތުން، އޭނާވަނީ ކުޅުންތެރިންނަށް ފައިސާގެ އިނާމްތައްދީ، ރާއްޖޭގެ އެކި ހިސާބުތަކުގައި ބާއްވާ ކުޅިވަރު މުބާރާތްތައް ސްޕޮންސަރކޮށްދެއްވާފައެވެ.
ރައީސް މުޢިއްޒު ސޮއިކުރައްވާފައިވާ ބޯޅައެއް ކުޅިވަރު ވުޒާރާގެ ފަރާތުން އުއްޗުއަށް ހަދިޔާކުރެއްވިއިރު، ދާދި ފަހުން އެ ވުޒާރާއިން ވަނީ ރާއްޖޭގެ ފުޓުބޯޅައިގެ ލެޖެންޑުންނަށް ވެސް ބޯޅަތަކެއް ހަދިޔާ ކުރައްވާފައެވެ.
މިއަހަރުގެ ފީފާ ވޯލްޑް ކަޕުގެ ފޯރި އިތުރުކުރުމުގެ ގޮތުން ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާއިން އިސްނަގައިގެން ގިނަ ހަރަކާތްތަކެއް ގްރޭޓަރ މާލޭ ސަރަހައްދުގައި އަންނަނީ ކުރިއަށްގެންދަމުންނެވެ. އެގޮތުން، އާންމުންނަށް ބޮޑު ސްކްރީންގައި މެޗުތައް ބެލުމުގެ އިންތިޒާމްތައްވަނީ ހަމަޖައްސާފައެވެ. އަދި ކޮންމެ ހުކުރުދުވަހެއްގެ ހަވީރު ޔޫތު ހަބްގައި ހާއްސަ ގޭމިން ކާނިވަލެއްވެސް އަންނަނީ ބާއްވަމުންނެވެ.