ރިޕޯޓް

ބައްޕައިންގެ ގުރުބާނީގެ ހަނދާންތަކާއި، މިއަދުގެ ހިތްދަތި ހަގީގަތް

ބައްޕައިންގެ ގުރުބާނީގެ ހަނދާންތަކާއި، މިއަދުގެ ހިތްދަތި ހަގީގަތް

ބައްޕައިންގެ ދުވަސް - ފޮޓޯ: ޓައިމް އެންޑޭޓަޑް

މުހައްމަދު ނާފިޒް

މުހައްމަދު ނާފިޒް

21 ޖޫން 2026، 10:54

21 ޖޫން 2026، 10:54

މިއަދަކީ ބައްޕައިންގެ ދުވަހެވެ. މިއީ އުފާވެރި މުނާސަބަތެއްގެ ގޮތުގައި ފާހަގަކުރެވުނު ކަމުގައި ވިޔަސް، މިއީ ބައްޕައެއްގެ ލޯތްބާއި، އޯގާތެރިކަމާއި، އެ ބަފަޔަކު އޭނާގެ ދަރިންނަށްޓަކައި ވީ މަތިވެރި ގުރުބާނީގެ ހަނދާންތައް އާކޮށް، ފުންކޮށް ވިސްނާލަންޖެހޭ ދުވަހެކެވެ. ހަގީގީ ބައްޕައިންނަކީ އެމީހުންގެ މުޅި ޖާނާއި މާލު، ދަރިންގެ މުސްތަގުބަލަށްޓަކައި ހުސްކޮށްލާ ބައެކެވެ. ދޭހާ އައިވެއްގައި، ވެހޭހައި ވާރޭއެއްގައި، އަދި ކަނޑުގެ ގަދަ ރާޅުތަކުގެ ތެރޭގައި އެ ބައްޕައިން އުޅެނީ އަމިއްލަ އަރާމަކަށް ނޫނެވެ. އެއީ އެމީހުންގެ ލޯބިވާ ދަރިންނާއި އާއިލާ އުފަލުގައި ބޭއްތިއްބުމަށްޓަކައި ވާ ގުރުބާނީއެކެވެ.

ތުއްތުއިރުންސުރެ، ދަރިން މޮޅެތި، އަދަބުވެރި ކުދިންތަކަކަށް ހެދުމަށްޓަކައި ބައްޕަ ނުކުރަނީ ކޮން ކަމެއް ހެއްޔެވެ؟ ރަށުގައި ތިބެގެން އެކަށީގެންވާ ތައުލީމެއް ނުލިބޭތީ، އުފަން ފަސްގަނޑާއި އާއިލާ ދޫކޮށް މާލެއަށް ހިޖުރަކޮށް، އަތުގައި ނެތް ފައިސާއަކުން ދަރިންގެ ކިޔެވުމުގެ ޚަރަދުތައް ހަމަޖައްސައިދިނީ ކިތައް ކިތައް ބައްޕައިން ހެއްޔެވެ؟ އަމިއްލަ ހަށިގަނޑުން ދަލާއި ލޭ އޮހޮރުވައިގެން ހޯދާ ކޮންމެ ރުފިޔާއަކީ، އަމިއްލަ އެދުމެއް ނެތި، ދަރިފުޅުގެ ހުވަފެންތައް ހަގީގަތަކަށް ހެދުމަށްޓަކައި އެ ބައްޕަ ވީ މަތިވެރި ސަދަގާތެކެވެ. ނަމަވެސް ހިތާމައަކީ، ބައެއް ބަފައިންގެ ފަރާތުން މިފަދަ ލޯތްބެއް ނުލިބި، ދަރިންނަށް އިހުމާލުވާ ބަފައިންވެސް މިއަދު މި މުޖުތަމައުގައި މަދެއް ނޫނެވެ.

މިއަދު ކޮންމެ ދަރިއަކުމެ އަމިއްލަ ނަފްސާ ސުވާލުކޮށްލަން އެބަޖެހެއެވެ. އެ ބައްޕަ ކޮށްދިން މަތިވެރި ޚިދުމަތުގެ އަގުވަޒަން ކުރުމަށް ތިމާއަށް ކުރެވެނީ ކޮން ކަމެއް ހެއްޔެވެ؟ ބައްޕަ މުސްކުޅިވެ، ގައިބާރު ދެރަވެ، ދަތްތައް ވެއްޓި، ލޯބޯ ކޮށިވި ދުވަހު އެ ބައްޕައަށް އަޅާލެވެނީ ކިހާވަރަކަށް ހެއްޔެވެ؟ އެންމެ ހިތްދަތިވާ ކަމަކީ، ބައެއް ދަރިން މިއަދު ބައްޕަ ބަލަނީ ހަމައެކަނި ބިދޭސީން ގެނެސްގެން ކަމަށްވާތީއެވެ. ބައްޕަ ބަލިވެގެން ހޮސްޕިޓަލުގެ އެނދުގައި  އޮންނަ އިރު، އެ ބައްޕަގެ ގާތުގައި އިށީނދެލައި،  އެ އަތުގައި ފިރުމާލައި، "ބައްޕާ ބިރުނުގަނޭ، އަހަރެމެން މިތިބީމޭ" ބުނެލަން ދަނީ ކިތައް ދަރިން ހެއްޔެވެ؟ ނުވަތަ އެއީ ބިދޭސީއަކާ ހަވާލުކޮށްފައި އޮންނަ، ތިމާގެ ޒިންމާއެއް ނެތް "ކަމެއް" ހެއްޔެވެ؟

މިއަދު މުޖުތަމައުން ފެންނަ އެންމެ އިންސާނިއްޔަތުކަން ކުޑަ މަންޒަރަކީ، ބައްޕައަށް ލިބޭ ޕެންޝަން ލާރިކޮޅުގެ ބޭނުމުގައި ނުވަތަ ބައްޕަގެ ނަންމަތީގައި ހުރި މުދަލެއްގެ ބޭނުމުގައި ބައްޕަ ބަލާ ކަމަށް ހެދިގެން އުޅޭ ދަރިންނެވެ. ބައްޕަގެ މުދަލާއި ފައިސާއަށް ދަހިވެތިވެ، އެކަން ހާސިލުވުމުން ބައްޕަ ބިދޭސީއަކާ ހަވާލުކޮށްލުމަކީ ކޮންފަދަ ނުބައި، ލާއިންސާނީ އަމަލެއް ހެއްޔެވެ؟ ބައްޕަ މުސްކުޅިވާ ދުވަހަކީ އެ ބައްޕަގެ ޒިންމާ ދަރިންގެ ބޮލުގައި އެޅޭ ދުވަހެވެ. އެއީ އެހެން މީހަކާ ހަވާލުކުރެވޭނެ، ނުވަތަ ފައިސާދީގެން ކޮށްދެވޭނެ ޚިދުމަތެއް ނޫނެވެ.

ވިސްނާލަބަލާށެވެ! އެކަނިވެރިކަމާއެކު ގޭގެ ކޮޓަރިއެއްގައި ނުވަތަ ސިޓިންގްރޫމްގެ ސޯފާއެއްގައި އިނދެ، ދަރިން ގެއަށް އަންނާނެ ވަގުތަކަށް އިންތިޒާރުކުރާ ކިތައް ބައްޕައިން މިއަދު އެބައުޅޭ ހެއްޔެވެ؟ އެހެން ގޭގޭގައި އުޅޭ ދަރިން ޒިޔާރަތްކޮށްލާނެ ކަމަށް އުންމީދުކޮށް، މަގުމަތިން އިވޭ ކޮންމެ ފިޔަވަޅެއްގެ އަޑަކީ ތިމާގެ ދަރިފުޅުގެ އަޑުކަމަށް ހީކޮށް، ދޮރާ ދިމާއަށް ބަލަބަލާ ތިބޭ ބައްޕައިން މަދެއް ނޫނެވެ. ދަރިފުޅުގެ ފޯނު ކޯލަކަށް، "ބައްޕާ ކިހިނެއްތޯ؟" އަހާލާނެ އެ ލޯބިވާ އަޑަށް އެ ބައްޕައިން ކެތްތެރިކަމެއް ނެތި އިންތިޒާރު ކުރެއެވެ. ނަމަވެސް ގިނަ ފަހަރަށް ލިބެނީ ހަމަހިމޭންކަމެވެ.

ކަންކަން މިވަރަށް ދާއިރު، ބައެއް ދަރިން ބައްޕަ ބަލިވުމުން ނުވަތަ ބަލަން އުނދަގޫވުމުން ސަރުކާރުގެ މަރުކަޒުތަކަށް ފޮނުވާލާ މަންޒަރަކީ މިއަދު މި ގައުމުގައި ފެންނަ ހަގީގަތެކެވެ. އެ ބައްޕައަށް އެންމެ ބޮޑަށް ލޯތްބާއި އަޅާލުން ބޭނުންވި ދުވަހުގައި، މުޅި ދުނިޔެއަށް އެކަނި ދޫކޮށްލަނީ ކޮން ހިތަކުން ހެއްޔެވެ؟ އެކުވެރިންނޭވެ! މި ކަމަކީ ގިޔާމަތް ދުވަހުން ހެއްދެވި ފަރާތުގެ ކުރިމަތީގައި ސުވާލު ކުރެވޭނެ ކަމެކެވެ. އެދުވަހުން ދަރިން ދޭނީ ކޮން ޖަވާބެއް ހެއްޔެވެ؟

ބައްޕައިންގެ ދުވަސް ފާހަގަކުރާއިރު، ސްކޫލްތަކުގައި ކުޑަކުދިން އެކުދިންގެ ބައްޕައިންނާއެކު ހީ ސަމާސާކޮށް އުފާވެރި ވަގުތުތައް ހޭދަކުރާ މަންޒަރު ފެނުމުން ހިތަށް އުފާވެރިކަން ލިބެއެވެ. ނަމަވެސް، ހިތުގައި އުފެދޭ ބޮޑު ސުވާލަކީ، އެ ކުދިން ބޮޑުވެ، ބައްޕަ މުސްކުޅިވާ ދުވަހުވެސް އެ ލޯތްބާއި ގާތްކަން ބަހައްޓާނެބާވައެވެ؟ ނުވަތަ އެ ބައްޕަވެސް ޖެހޭނީ އެކަނިވެރިކަމުގެ ހިތި ރަހަ ބަލަން ބާވައެވެ؟

އޭ އަހުންނާއި އުހުތުންނޭވެ! ބައްޕަގެ އަގުވަޒަން ކުރާށެވެ. އެ ބައްޕަ މިއަދު ތިޔަ ދަރިންގެ ފައިސާއަކަށް ނޭދެއެވެ. އެ ބައްޕަ ބޭނުންވަނީ ތިޔަ ދަރިންގެ ވަގުތާއި، އޯގާތެރި ބަަސްތަކާއި، އަދި އޯގާތެރި ފިރުމުންތަކާއި، ލޯތްބެވެ. ބައްޕަ ދުނިޔޭގައި ހުއްޓާ އެ ބައްޕައަށް ހެޔޮކޮށް ހިތާށެވެ. ބައްޕަ މި ފަނާވަނިވި ދުނިޔެއާ ވަކިވެދިއުމަށްފަހު، ކިތަންމެ ވަރަކަށް ހިތާމަކޮށް، ކަރުނަ އޮހޮރުވިޔަސް އެ ބައްޕައަށް ލިބޭނެ ދުނިޔޭގެ އުފަލެއް ނޯންނާނެއެވެ. ބައްޕައަކީ ބަދަލެއް ނުވާ މަތިވެރި ނިޢުމަތެކެވެ. އެ ނިޢުމަތް ބީވެގެން ދިއުމުގެ ކުރިން އެ ނިއުމަތަށް ގަދަރު ކުރާށެވެ. އެހެނީ އޭރުން އެބައްޕައަކީ އަލުން ލިބޭނެ ހިޔާވައްސެއް ނޫނެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450