ކުޅިވަރު
ދެވަނަ ހާފުގައި ފަހަތުން އަރާ މިސްރުން ވޯލްޑް ކަޕުގެ ފުރަތަމަ މޮޅު ހޯދައިފި
މިސްރުގެ ކެޕްޓަން މުޙައްމަދު ސަލާހު. ފޮޓޯ: އަލްޖަޒީރާ
މިހާރު އެމެރިކާގައި ކުރިއަށްދާ ފިފާ ވޯލްޑް ކަޕުގެ ގްރޫޕް ސްޓޭޖުގެ މެޗުތަކުން މިސްރުން ނިއުޒިލެންޑާއި ވާދަ ކުރި މެޗު ފަހަތުން އަރާ 1-3 ގެ ނަތީޖާއަކުން މިސްރު ކާމިޔާބުކޮށްފިއެވެ. މިއީ އެ ޤައުމުގެ ތާރީޚުގައި ވެސް ވޯލްޑް ކަޕެއްގެ މެޗަކުން މޮޅުވި ފުރަތަމަ ފަހަރެވެ.
މެޗު ފެށިގެން ފުރަތަމަ ހާފުގައި މިސްރަށް މާ އެދެވޭ ކުޅުމެއް ދެއްކިފައެއްނުވެއެވެ. އެ ހާފުގައި ގިނައިރު ބޯޅަ ހިފަހައްޓައިގެން ކުޅެފައިވަނީ ނިއުޒިލެންޑުގެ ޓިމުންނެވެ. އެގޮތުން މެޗުގެ 15 ވަނަ މިނެޓުގައި ނިއުޒިލެންޑަށް ލިބުނު ކޯނަރަކުން ފޮނުވާލި ބޯޅަ އެ ޓީމުގެ ޑިފެންޑަރެއް ކަމަށްވާ ފިން ސާރްމަން ވަނީ ބޮލުން ޖަހާ ގޯލުގެ ތެރެއަށް ފޮނުވާލާ ނިއުޒިލެންޑަށް ލީޑު ނަގާދީފައެވެ. ފުރަތަމަ ހާފުގެ ކުޅުން ނިމިގެން ދިޔައިރުވެސް މިސްރަށް ގޯލެއް ޖެހޭގޮތެއް ވަނީ ނުވެފައެވެ.
ދެވަނަ ހާފު ފެށިގެން ދިޔައިރު، މިސްރުން އެ ޓީމުގެ ކުޅުން ވަރުގަދަ ކުރިއެވެ. ގޯލާ އަމާޒިކޮށް ފޮނުވާލަމުން ދިޔަ ހަމަލާތައް އެ ޓީމުން އިތުރުކުރިއެވެ. އެގޮތުން މެޗުގެ 58 ވަނަ މިނެޓުގައި މެޗު އެއްވަރުކުރި ލަނޑު ޖަހާފައިވަނީ އެ ޓީމުގެ މުސްތަފާ ޒިކޯއެވެ. އެއާއެކު މިސްރުގެ ޓީމަށް އައު ހިތްވަރެއް ލިބިގެންދިޔައެވެ.
މިސްރުގެ ދެވަނަ ލަނޑު އެޓީމަށް ޖަހާދިނީ އެ ޓީމުގެ ކެޕްޓަން މުޙައްމަދު ސަލާހުއެވެ. މެޗުގެ 67 ވަނަ މިނެޓުގައި ސަލާހު ޖެހި މި ލަނޑާއެކު އޭނާ މިސްރުގެ ޤައުމީ ޓީމަށް ޖަހައިދިން ލަނޑުތަކުގެ އަދަދު ވަނީ 68 އަށް އަރާފައެވެ. މި ގޯލާއެކު މެޗުގެ ކޮންޓްރޯލް އެއްކޮށްހެން މިސްރުގެ ޓީމަށް ލިބިގެންދިޔައެވެ.
މެޗުގައި މިސްރުން ޖެހި ތިންވަނަ ލަނޑަކީ 82 ވަނަ މިނެޓުގައި ސަލާހު ފޮނުވާލި ބޯޅައަކުން އެ ޓީމުގެ މިޑްފީލްޑަރެއް ކަމަށްވާ، މަޙްމޫދް ޙަސަނެވެ.
މި މޮޅާއެކު މިސްރުވެގެން ގޮސްފައިވަނީ އެ ޓީމު ހިމެނޭ ގްރޫޕް ޖީއިން މިހާތަނަށް ކުޅެފައިވާ މެޗިތަކުން މޮޅުވި ހަމައެކަނި ޤައުމަށެވެ. އެ ޤައުމުން ކުރިން ބެލްޖިއަމްއާއި ވާދަކުރި މެޗު ނިމިފައިވަނީ 1-1 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެނެވެ. މި ގްރޫޕްގެ އެއްވަނައިގައި މިސްރު އޮތީ 4 ޕޮއިންޓާއި އެކުއެވެ.