ޚަބަރު
ފުރުޤާން މިސްކިތުގެ ބިއްލޫރިގަނޑެއް ތަޅާލައިފި
ފުރްގާން މިސްކިތުގެ ބިއްލޫރިގަނޑަށް ލިބިފައިވާ ގެއްލުން. ފޮޓޯ: މާލެ ސިޓީ ކައުންސިލް
މާލޭގައި ހުންނަ ފުރުޤާން މިސްކިތުގެ ކުޑަދޮރެއްގެ ބިއްލޫރިގަނޑު ތަޅާލާފައިވާ މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި މިސްކިތުގެ ކުޑަ ދޮރަކަށް ގެއްލުންދީ، އެ ދޮރުގެ ބިއްލޫރިގަނޑު ތަޅައިލާފައިވާ ކަމުގެ މައްސަލަ އެ އިދާރާއަށް ރިޕޯޓުކޮށްފައިވަނީ ރޭ 4:10 ހާއިރުއެވެ.
މި މައްސަލައާއި ގުޅިގެން މާލޭގެ މިސްކިތްތައް ބަލަހައްޓަމުންދާ އިދާރާ ކަމަށްވާ މާލޭ ސިޓީ ކައުންސިލުން އާއްމުކުރި ފޮޓޯތަކުން ދައްކާގޮތުގައި، މިސްކިތުގައި ހުރި ކުޑަދޮރުގެ ބިއްލޫރިގަނޑު ތަޅާލައި، ކުޑަދޮރެއްގެ އަތްގަނޑު ވެސް ނައްޓާލާފައިވެއެވެ. އަދި މިސްކިތުގެ ސިޑި މައްޗަށް ބިއްލޫރިތައް އެޅިފައިވާ މަންޒަރު ފޮޓޯތަކުން ދައްކައެވެ.
މި މައްސަލައިގައި އަދި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި ފުލުހުން ގެންދަނީ މައްސަލަ ތަހުޤީޤުކުރަމުން ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.