ކުޅިވަރު

ފްރާންސް މެޗު 4 ގަޑިއިރަށް ދިގުދެމިގެންދިޔައިރު އެމްބައްޕޭ ދެ ގޯލު ކާމިޔާބުކޮށްފި

ފްރާންސް މެޗު 4 ގަޑިއިރަށް ދިގުދެމިގެންދިޔައިރު އެމްބައްޕޭ ދެ ގޯލު ކާމިޔާބުކޮށްފި

ގޯލު ކާމިޔާބުކުރުމަށްފަހު އެމްބައްޕޭ އުފާފާޅުކުރަނީ / ފޮޓޯ: އޭޕީ

23 ޖޫން 2026، 07:52

މޫސުން ގޯސްވުމުގެ ސަބަބުން ފްރާންސްއާ އިރާގު ބައްދަލުކުރި މެޗު މެދުކަނޑާލަން ޖެހި މެޗު ހަތަރު ގަޑިއިރަށް ދިގުދެމިގެން ދިޔައިރު، 3-0ގެ ނަތީޖާއަކުން އިރާގުގެ މައްޗަށް ފްރާންސުން ކުރިހޯދައިފިއެވެ. އަދި މި މެޗުގައި ކީލިއަން އެމްބައްޕޭ ވަނީ ދެ ލަނޑު ޖަހައި ވޯލްޑް ކަޕްގެ ތާރީޚުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިންގެ ލިސްޓުގެ ދެވަނައަށް ޖެހިލައިފައެވެ.

މެޗުގެ ދެ ހާފުގެ ކުރީކޮޅު އެމްބައްޕޭ ކާމިޔާބުކުރި މި ދެ ލަނޑާއެކު، އޭނާ ވޯލްޑް ކަޕްގައި ކުޅުނު 16 މެޗުން މިހާތަނަށް ވަނީ ޖުމްލަ 16 ލަނޑު ހަމަކޮށްފައެވެ. މިއީ ރޭ މިރޯސްލާވް ކްލޯޒާގެ ރެކޯޑު މުގުރާލި ލިއޮނަލް މެސީއަށްވުރެ ދެ ލަނޑު މަދު އަދަދެކެވެ.

ފްރާންސާއި އިރާގު ބައްދަލުކުރި މި މެޗަކީ މިފަހަރުގެ ވޯލްޑް ކަޕްގައި މޫސުން ގޯސްވުމުގެ ސަބަބުން މެދުކަނޑާލަން ޖެހުނު ފުރަތަމަ މެޗެވެ. ވިދުމާއި ގުގުރުމުގެ ސަބަބުން މެޗުގެ ދެވަނަ ހާފު ފެށުނީ ފުރަތަމަ ހާފު ނިމުނުތާ ދެ ގަޑިއިރަށްވުރެ ގިނައިރު ފަހުންނެވެ. މީގެ އިތުރުން، ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ސަޕޯޓަރުން ދަނޑަށް ވަނުމަށް ވެސް ވަނީ ދަތިތަކާ ކުރިމަތިވެފައެވެ. ނަމަވެސް ތާވަލުކޮށްފައި އޮތްވަގުތަށް މެޗު ވަނީ ފަށާފައެވެ.

ފްރާންސުން މެޗު ފެށީ ވަރަށް ވަރުގަދަކޮށެވެ. ނަތީޖާއަކަށްވީ މެޗުގެ 14 ވަނަ މިނެޓުގައި ޕެނަލްޓީ އޭރިއާގެ ބޭރުން ފޮނުވާލި ބާރު ހަމަލާއަކުން އެމްބައްޕޭ ލަނޑެއް ކާމިޔާބުކޮށް ފްރާންސަށް ކުރިހޯދައިދިނުމެވެ.

ގިނަ އިރުތަކަކަށްފަހު ދެވަނަ ހާފު ފަށައިގެން ފްރާންސުން ކުޅުން ރަނގަޅުކުރި ނަމަވެސް، ދެވަނަ ލަނޑު ޖެހުނީ އިރާގުގެ ކީޕަރު އަހުމަދު ބާސިލްއަށް ހެދުނު ގޯހަކުންނެވެ. އޮސްމާން ޑެމްބެލޭ ތަނަވަސްކޮށްދިން ފުރުސަތެއްގައި އެމްބަޕޭ މި ލަނޑު ކާމިޔާބުކުރީ ވަރަށް ފަސޭހަކަމާއެކުއެވެ.

ފްރާންސްގެ ފަހު ގޯލު ކާމިޔާބުކުރީ ޑެމްބެލޭއެވެ. އޮލީސޭގެ ހިތްގައިމު ޕާހަކުން ޑެމްބެލޭ ކާމިޔާބުކުރި މި ލަނޑަކީ، އޭނާ ފްރާންސް ގައުމީ ޓީމަށް ކާމިޔާބުކުރި ފުރަތަމަ ލަނޑެވެ.

މެޗުގެ ފަހުކޮޅު ހެޓްރިކް ފުރިހަމަ ކުރުމަށް އެމްބައްޕޭއަށް ރަނގަޅު ފުރުސަތެއް ލިބުނު ނަމަވެސް، އޭނާ ފޮނުވާލި ހަމަލާ ދިޔައީ ގޯލާ އަމާޒުނުވެ މަތިންނެވެ.

ޖެހިޖެހިގެން ތިންވަނަ ފަހަރަށް ވޯލްޑް ކަޕް ފައިނަލަށް ދިއުމަށް އަމާޒު ހިފާފައިވާ ފްރާންސް މިވަގުތު އޮތީ ގްރޫޕް 'އައި'ގެ އެއްވަނައިގައި ހަ ޕޮއިންޓާއެކުގައެވެ. އިރާގު އޮތީ އެއްވެސް ޕޮއިންޓެއް ނުލިބި ތާވަލުގެ ފުލުގައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450