ޚަބަރު
ބެލްޖިއަމް ސަފީރު ޚާރިޖީ ވަޒީރުގެ އަރިހަށް ވަދާޢީ ޒިޔާރަތްކުރައްވައިފި
ޚާރިޖީ ވަޒީރާގައި ބޭއްވުނު ބައްދަލުވުން. ފޮޓޯ: ޚާރިޖީ ވުޒާރާ
ބެލްޖިއަމް އިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ނޮން-ރެޒިޑަންޓް ސަފީރު، ހިޒް އެކްސަލަންސީ ޑިޑިއަރ ވެންޑަރހެސްލްޓް ޚާރިޖީ ވަޒީރު އަލްފާޟިލާ އިރުތިޝާމް އާދަމްގެ އަރިހަށް ވަދާޢީ ޒިޔާރަތް ކުރައްވައިފިއެވެ.
ސަފީރު ޚާރިޖީ ވަޒީރާ ބައްދަލުކުރެއްވީ ސަފީރުކަމުގެ ދައުރު ހަމަވާން ގާތްވެފައިވާތީއެވެ. މި ބައްދަލުވުންތައް ކުރިއަށް ގެންގޮސްފައިވަނީ ޚާރިޖީ ވުޒާރާގައެވެ.
މި ބައްދަލުވުމުގައި ޚާރިޖީ ވަޒީރު އިރުތިޝާމް ވަނީ ވެންޑަރހެސްލްޓްގެ ސަފީރުކަމުގެ ދައުރުގައި ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ހަރުދަނާކުރުމަށް ކޮށްދެއްވި މަސައްކަތްތައް ފާހަގަކުރައްވާފައެވެ. އަދި ވަޒީރު ވަނީ ދިވެހި ސަރުކާރުގެ ނަމުގައި، އެމަނިކުފާނު ކޮށްދެއްވި ހިދުމަތަށް އިޚްލާސްތެރިކަމާއެކު ޝުކުރު އަދަކުރައްވާފައެވެ.
އަދި ދެ ބޭފުޅުން ވެސް، ބެލްޖިއަމްއާއި ރާއްޖެއާއި ދެ ޤައުމުގެ މަސްލަހަތު ހުރި ދާއިރާތަކުން އެއްބާރުލުން އިތުރުކުރެވެން އޮތް ގޮތްތަކާއި މެދު ޚިޔާލު ބަދަލުކުރިއެވެ. އަދި ބައިނަލްއަޤްވާމީ ގޮތުން ދެ ޤައުމުގެ މެދުގައި އޮތް ގުޅުން ކުރިއަށް ގެންދިއުމާ ގުޅެގޮތުން ވެސް މަޝްވަރާކުރެއްވިއެވެ.
އޭގެ އިތުރުން، ވަޒީރު އިރުތިޝާމް ވަނީ ބެލްޖިއަމްއާއި މެދު ޤާއިމުވެފައިވާ އެކުވެރިކަމުގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށް ދިވެހި ސަރުކާރުން ދޭ އަހަންމިއްޔަތު ފާހަގަކުރައްވާފައެވެ.
ކުރިއަށް އޮތްތަނުގައި ސަފީރު ވެންޑަރހެސްލްޓް ކުރައްވާނޭ މަސައްކަތްތަކަށް ވަޒީރު ވަނީ ކާމިޔާބަށް އެދިވަޑައިގެންފައެވެ. އަދި ބެލްޖިއަމް ސަރުކާރުން ރާއްޖެއަށް ދެން ކަނޑައަޅުއްވާ ސަފީރަކަށް ވެސް ދިވެހި ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން ޚާރިޖީ ވަޒީރު ދެއްވިއެވެ.
މި ބައްދަލުވުމުގައި ވަޒީރުގެ އަރިހުގައި، ފޮރިން ސެކްރެޓަރީ އަލްފާޟިލާ ފާޠިމަތު ޢިނާޔާ އާއި، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ސެކްރެޓަރީ ޑރ. ހާލާ ޙަމީދު އާއި، ޖޮއިންޓް ސެކްރެޓަރީ އަލްފާޟިލް ޙަސަން ޙުސައިން ޝިހާބް އާއި، ސީނިއަރ ޕޮލިޓިކަލް ޑިރެކްޓަރ އަލްފާޟިލް އަޙްމަދު ހާނީ ނަޢީމްގެ އިތުރުން ސީނިއަރ ޕޮލިޓިކަލް ޑިރެކްޓަރ އަލްފާޟިލާ ޢާއިޝާ މަޔާސީން މުޙައްމަދު ބައިވެރިވެވަޑައިގެންނެވިއެވެ.