ޚަބަރު
ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި މީހަކު ހޯދަން އިންޓަޕޯލް މެދުވެރިކޮށް ރެޑްނޯޓިސް
މައްސަލައިގައި ފުލުހުން ހޯދަމުންދާ އިޒްޔާން
ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި މީހަކު ހޯދުމަށް ޓަކައި ދިވެހި ފުލުހުންގެ ހިދުމަތުން އިންޓަޕޯލް މެދުވެރިކޮށް ރެޑް ނޯޓިސް ނެރެފިއެވެ.
މި މައްސަލައާއި ގުޅިގެން ރެޑް ނޯޓިސް ނެރެފައިވަނީ ފ. ނިލަންދޫ / ރާހި، އިޒްޔާން ޢަބްދުލްޙަމީދު (38އ) ހޯދުމަށެވެ.
ފުލުހުން ހާމަކޮށްފައިވާ ގޮތުގައި، މައްސަލަ ރިޕޯޓުކުރުމާ ގުޅިގެން އޭނާ ވަނީ ރާއްޖެއިން ބޭރަށް ފުރައިގެން ގޮސްފައެވެ. އަދި މިހާރު އޭނާ ހުރި ތަނެއް އެނގިފައިނުވާކަމަށް ފުލުހުން ބުނެއެވެ.
އިންޓަޕޯލް ރެޑް ނޯޓިސް ނެރެނީ ބައިނަލްއަޤްވާމީ ގާނޫނު ތަންފީޒުކުރާ އިދާރާތަކުގެ އެހީތެރިކަމާއެކު ކުށްވެރިން ހޯދައި ޤާނޫނީ އިޖުރާއަތްތަކުގެ ތެރެއިން އެމީހުން ހައްޔަރުކުރުމަށްޓަކައެވެ. އަދި މިއީ ތަހުގީގަށް ހާޒިރުކުރުމަށް ހޯދާފަރާތްތަކާއި، ޤާނޫނީ ފިޔަވަޅުތައް އެޅުމަށް ޓަކައި ހޯދާ ފަރާތްތަކުގެ މައުލޫމާތު އާންމު ކުރުމަށް ނެރޭ ނޯޓިސްތަކެކެވެ.
އެހެންކަމުން، އިޒްޔަން ހޯދުމަށް މިހާރު ބައިނަލްއަޤްވާމީ ފަރާތްތަކުގެ އެހީތެރިކަން ލިބި، ޤާނޫނީ އިޖުރާއަތްތަކުގެ ތެރެއިން އޭނާ ހައްޔަރުކުރުމުގެ މަގުފަހިވެގެންދާނެއެވެ.