ޚަބަރު
މިލަންދޫގައި މަސްތުވާތަކެތީގެ ވިޔަފާރިކުރި ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި
މަސްތުވާތަކެތީގެ މައްސަލައިގައި ހައްޔަރުކުރި މީހާ
ށ. މިލަންދޫއަށް މަސްތުވާތަކެތި އެތެރެކޮށް، ވިއްކާ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މީހަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ށ. މިލަންދޫ / މުރިގު، މުޙައްމަދު ސަޢީދު ޙަސަން (44އ) އެވެ.
ފުލުހުން ހާމަކޮށްފައިވާ ގޮތުގައި، މި އޮޕަރޭޝަނަކީ މިލަންދޫ ޕޮލިސް ސްޓޭޝަނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ޖޫން މަހުގެ 21 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެކެވެ.
މި އޮޕަރޭޝަންގެ ތެރެއިން އޭނާ ދިރިއުޅޭ ގެ ބަލައިފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ހުރި އަށް ކަރުދާސްކޮޅު ފެނިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
ސަޢީދުގެ ބަންދާމެދު ގޮތް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، އޭނާ 10 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
ރައީސުލްޖުމުހޫރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުން ދަަނީ ކުއްމަދުކޮށް، ރާއްޖެއަށް އެތަކެއް އަހަރު ވެފައިވާ މަސްތުވާތަކެތީގެ މައްސަލައަށް ހައްލު ހޯދަދިނުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މަސްތުވާ ތަކެތި އެތެރެ ކުރާ ގޮތްތަށް ދެނެގަނެ، އެ ދޮރުތައް ބަންދު ކުރުމަށް ދަނީ މަސައްކަތްތަކެއް ކުރަމުންނެވެ.