ޚަބަރު
ހުޅުމާލޭގައި 13 ބިދޭސީން ބަލައި ފާސްކޮށް، 2 މީހަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި
އިމިގްރޭޝަނުން ބިދޭސީން ބަލައި ފާސްކުރަނީ. ފޮޓޯ: އިމިގްރޭޝަން
ރާއްޖޭގައި ޤަވާއިދާ ޚިލާފަށްއުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށްޓަކައި މޯލްޑިވްސް އިމިގްރޭޝަނުން ކުރިއަށް ގެންދާ "މައިގްރޭޝަން މޮނީޓަރިންގް އެންޑް ކޮމްޕްލަޔަންސް ޕްރޮގްރާމް" (އެމްއެމްސީޕީ)ގެ ދަށުން އިއްޔެ 13 ބިދޭސީން ބަލައި ފާސްކޮށް، 2 މީހަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
އިމިގްރޭޝަނުން ވަނީ އިއްޔެ އެމްއެމްސީޕީ ޕްރޮގްރާމުގެ ދަށުން ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބިދޭންސީން ބަލާ ފާސްކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައެވެ.
ބިދޭސީންގެ މައްސަލައަކީ ރާއްޖޭގައި ޒަމާންވީ މައްސަލައަކަށް ވާއިރު، އެމްއެމްސީޕީއަކީ މި މައްސަލަ ހައްލުކުރުމަށް ސަރުކާރާއި މޯލްޑިވްސް އިމިޤްރޭޝަނުން ގުޅިގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. މިދިޔަ އަހަރު ފަހުކޮޅު އުފެއްދި މި ޕްރޮގްރާމުގެ އަމާޒަކީ ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ ކަންކަން ބަލަހައްޓާ، އެމީހުނަން ބޭނުންވާ އެހީތެރިކަން ފޯރުކޮށްދީ، އެމީހުން ރާއްޖޭގައި އުޅެނީ ގާނޫނާއި ގަވާއިދުތަކާއި އެއްގޮތައްތޯ ބެލުމެވެ. އަދި މި މަސައްކަތުގެ ތެރެއިން، ގްރޭޓަރ މާލެ ސަރަހައްދުގެ އެކި ހިސާބުތަކުގައި ޕެޓްރޯލުކުރުމަށާއި، ބިދޭސީން ގިނައިން އެއްވާ ސަރަހައްދުތަކުގައި ބަލާފާސްކުރުމުގެ ކަންތައްތައް ބާއްވާގޮތަށް އޮތީ ހަމަޖެހިފައެވެ.
މި ޕްރޮގްރާމުގެ އިތުރުން، ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ޓަކައި ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ ދަށުން އިތުރު ހަރަކާތްތައް ވެސް ވަނީ ހިންގާފައެވެ. އެގޮތުން "އޮޕަރޭޝަން ކުރަނގި" އަކީ ފާހަގަކޮށްލެވޭ އެއް ހަރަކާތެވެ. މިއީ ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ ބަޔޮމެޓްރިކް ޑާޓާ އެއްކޮށް އެމީހުންގެ ފޮޓޯ އަދި އިނގިލީގެ ނިޝާން ބޭނުންކޮށްގެން އެމީހާގެ ވަނަވަރު ދެނެގަނެވޭނޭ ގޮތް ހެދުމަށް ހިންގި ހަރަކާތެކެވެ. މި ހަރަކާތުގެ ދަށުން މިހާރުވަނީ 191،000 އަށް ވުރެ ގިނަ މީހުންގެ ބަޔޮމެޓްރިކްސް އެއްކުރެވިފައެވެ.
އެމީހެއްގެ މައުލޫމާތު ރާއްޖޭގެ ކަމާބެހޭ ފަރާތްތަކާއި ހިއްސާނުކުރާ ބިދޭސީންނަށް ދެވަނަ ފުރުސަތެއް ނުދީ ރާއްޖޭން ބޭރުކޮށްލެވޭނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.