ޚަބަރު
މިއީ ދިރާސާތައްކޮށްގެން ކަންކަމާއިމެދު ގޮތްނިންމާ ސަރުކާރެއް: މެންބަރު މުޞްޠަފާ
މެންބަރު މުޙައްމަދު މުޞްޠަފާ އިބްރާހީމް. ފޮޓޯ: އިންޓަނެޓް
ދިވެހިރާއްޖޭގެ މިހާރު އޮތް ރައީސުލްޖުމުހޫރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރަކީ ދިރާސާތައްކޮށްގެން ކަންކަމާއިމެދު ގޮތްނިންމާ ސަރުކާރެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ އިބްރާހީމް ވިދާޅުވެއްޖެއެވެ.
ދުންފަތުގެ އިމްޕޯޓް ޑިއުޓީ އަލުން ރިވިއު ކުރުމަށް ސަރުކާރުން ހުށައަޅާފައިވާ ބިލަށް ވާހަކަދައްކަމުން، އޭރު ދުންފަތުގެ އިމްޕޯޓް ޑިއުޓީއަށް ބަދަލުގެންނަން ޖެހުނީ، ސްކޫލު ކުދިންގެ މެދުގައި ވޭޕް މަނާކުރުމުން، ސުކޫލުކުދިން ސިނގެރެޓާއި ދިމާލަށް ހިނގައިދާނެތީ ކަމަށް މެންބަރު ވިދާޅުވިއެވެ.
އޭރު ސަރުކާރުގެ ވެސް، އަދި ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒުގެ ވެސް ވިސްނުންފުޅަކަށް ވެފައި އޮތީ، މާދަމާގެ ޒުވާން ޖީލު ދުންފަތުގެ ސަބަބުން ހާލާކުވެދާނެކަމަށް އުފެދިފައި އޮތް ބިރު ނައްތާލުމެވެ. އެކުދިން ސްކޫލުތަކުގައި ޑްރަގާއި އެކު ވޭޕް ބޭނުންކުރުން އާއްމުވެފައިވާތީ ސަރުކާރުން ބޭނުންވީ ވޭޕް ބޭންކުރަން ކަމަށް މެންބަރު ވިދާޅުވިއެވެ.
އަދި މިކަމާއި ގުޅިގެން އެކުދިން އެންމެ އަވަހަށް ދާނީ ސިނގެރޭޓާއި ދިމާލަށްކަމުން، އެކުދިންނަށް އަތުނުޖެހޭ މިންވަރަށް ސިނގެރޭޓުގެ އަގު މަތިކޮށްގެން ނޫނީ އެކުދިން ސަލާމަތެއް ނުކުރެވޭނެކަން އޭރުވެސް ސަރުކާރަށް އެނގޭކަމަށް އޭނާ ވިދާޅުވިއެވެ. މިއީ ސަރުކާރުގެ ހިކުމަތްތެރިކަން ހާމަވާ ކަމެއްކަން މެންބަރު ފާހަގަކުރެއްވިއެވެ.
މީގެ ނަތީޖާއެއްގެ ގޮތުން ގިނަބަޔަކު ސިނގެރޭޓު ބޭނުންކުރުން ހުއްޓާލާފައިވާކަން ދިރާސާތަކުން ދައްކާކަން މެންބަރު ފާހަގަކުރެއްވިއެވެ. ހަމައެހެންމެ ސްކޫލުކުދިން ސިނގެރޭޓާއި ދިމާލަށް ގޮސްފައި ނުވާކަން ދިރާސާތަކުން ހާމަވާކަމަށް މެންބަރު ވިދާޅުވިއެވެ.
ކުރީގެ ސަރުކާރުތަކުން ސިނގެރޭޓުގެ އަގުތަކަށް ބަދަލުތައްގެންނަމުންދިޔައީ އެއްވެސް ދިރާސާއަކާ ނުލާކަމަށް ވިދާޅުވެ، މި ސަރުކާރުގެ ވިސްނުންތެރިކަން މެންބަރުވަނީ ފާހަގަކުރައްވާފައެވެ.
"އެންމެ އުފާކުރަނީ ޢިލްމީ، ޤާބިލު، ދިރާސާތައްކުރައްވާ، އެވިސްނުންފުޅުހުރި ރައީސަކު މިއަދު ވެރިކަމުގައި ހުންނެވީތީވެ،"
މެންބަރު މުސްތަފާ
މީގެ އިތުރުން މެންބަރުވަނީ، ދުންފަތާއި ދެކޮޅަށް ސަރުކާރުން ފަށާފައިވާ 5 އަހަރުގެ ޕްލޭންގެ ވާހަކަ ފާހަގަކުރައްވާފައެވެ. އަދި ދުންފަތް 2007 ގެ ޖެނުވަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން އުފަންވެފައިވާ ފަރާތްތަކަށް ބޭނުމެއް ނުކުރެވޭނެކަން މެންބަރު ފާހަގަކުރެއްވިއެވެ.
ސަރުކާރުން މި ބަދަލު ގެނައުމަށް ނިންމާފައިވަނީ ވިސްނުންތެރިކަމާއި އެކު ދިރާސާތައްކޮށް އެކަމަށް ބޭނުންވާ ފަރާތްތަކާ މަޝްވަރާކޮށްގެން މަޖިލީހުގައި އޮންނަ އުސޫލުގެ ދަށުންކަން މެންބަރު ވަކިން ހާއްސަކޮށް ފާހަގަކުރެއްވިއެވެ.