ޚަބަރު
މިއަދުގެ މަޖިލިސް ޖަލްސާގައި އިދިކޮޅު އެމްޑީޕީގެ 9 މެންބަރުންގެ ނަން އިއްވަވައިފި
ރައްޔިތުންގެ މަޖިލިސް
މިއަދު ކުރިއަށް ދިޔަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އިދިކޮޅު އެމްޑީޕީގެ ބައެއް މެންބަރުން މަޖިލީހުގެ ޤަވާއިދަށް ހުރުމަތްތެރިކޮށް ނުހިތުމުގެ ސަބަބުން، މަޖިލީހުގެ ރައީސް، އަބްދުއްރަޙީމް އަބްދުﷲ 9 މެންބަރެއްގެ ނަން އިއްވަވައިފިއެވެ.
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރައިޓައިޒޭޝަން ބޯޑުގެ ރައީސް ކަމަށް އައްޔަނުކުރައްވާފައިވާ މުޙައްމަދު ނިޒާރަށް، ރުހުންދިނުމާއި ބެހޭ ގޮތުން، ސްޓޭޓް އޯންޑް އެންޓަޕްރައިސަސް ކޮމިޓީން ނިންމިގޮތުގެ ރިޕޯޓު މަޖިލީހުގެ ތަޅުމަށް ހުށައަޅަމުން ދިޔަވަގުތު، އެމްޑީޕީގެ މެންބަރުން މަޖިލީހުގެ ތަޅުމުގައި އަޑުގަދަކުރަން ފެށިއެވެ. އެގޮތުން ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލަށް، މަޖިލީހުގެ ޤަވާއިދަށް ހުރުމަތްތެރިކޮށް ހިތްތެވުމަށް، މަޖިލީހުގެ ރައީސް ދެންނެވިއެވެ.
އެމްޑީޕީގެ މެންބަރުން ގޮނޑިތައް ދޫކޮށް މަޖިލީހުގެ ތަޅުމުގައި އަޑުގަދަކުރަން ފެށުމުން، މަޖިލީހުގެ ރައީސް ތަކުރާރުކޮށް އަޑުމަޑުކުރުމަށާއި، ޤަވާއިދަށް ހުރުމަތްތެރިކޮށް ހިތްތެވުމަށް ދެންނެވިއެވެ. އަދި ޤަވާއިދަށް ހުރުމަތްތެރިކޮށް ނުހިތްތެވޭނަމަ، ނަންއިއްވަވާނެކަމަށް ވިދާޅުވިއެވެ.
އެގޮތުން ނަންއިއްވާފައިވާ މެންބަރުންނަކީ:
- ކެޔޮދޫ ދާއިރާގެ މެންބަރު މުޙައްމަދު ނިއުޝާދު
- ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް
- ވައިކަރަދޫ ދާއިރާގެ މެންބަރު ޙުސައިން ޒިޔާދު
- ތޮއްޑޫ ދާއިރާގެ މެންބަރު ޙުސައިން ސަމީރު
- ހަނިމާދޫ ދާއިރާގެ މެންބަރު ޢަބްދުލްޣަފޫރު މޫސާ
- މަރަދޫ ދާއިރާގެ މެންބަރު އަޙްމަދުދީދީ
- ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ފައިޞަލް
- ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހީމް
މި މެންބަރުންގެ ނަން އިއްވެވުމަށްފަހު މެންބަރުން މަޖިލީހުގެ ތަޅުން ދޫކުރައްވާ ދިއުމަށް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ. އަދި އެ މެންބަރުން ނުލާ ޖަލްސާ ކުރިއަށް ގެންދެވިއެވެ.