ޚަބަރު
މޫސުމީ ބަދަލުތަކަށް ހޭނުމަށް ބޭއްވި "ކްލައިމެޓް އެޑަޕްޓޭޝަން ފޯރަމް" ކާމިޔާބުކަމާއެކު ނިންމާލައިފި
މޫސުމީ ބަދަލުތަކަށް ހޭނުމަށް ބޭއްވި މަހާސިންތާގެ ތެރެއިން. ފޮޓޯ: ސަރުކާރު
ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތައްކުގެ ސަބަބުން ކުރިމަތީވާ ގޮންޖެހުންތަކުން އަރައިގަތުމަށް ބޭނުންވާ އައު އީޖާދުތަކާއި، މާލީ އެހީތެރިކަމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ބޭއްވި "ކްލައިމެޓް އެޑަޕްޓޭޝަން ފޯރަމް" ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާއިން، ދެ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ މި މަހާސިންތާ ފަށާފައިވަނީ 23 ޖޫން 2026 ގައި މީރުމާގައެވެ. އަދި މަހާސިންތާގެ މައިގަނޑު މަގްސަދު ކަމުގައި ކަނޑައަޅާފައިވަނީ މޫސުމީ ބަދަލުތަކަށް ހޭނުމަށް ކުރެވޭ މަސައްކަތްތައް އިތުރަށް ހަލުވިކޮށް، އެކަމަށް ބޭނުންވާ އަމަލީ މަސައްކަތްތައް ދެނެގަތުންކަމަށް ވީއިރު، މި މަހާސިންތާގައި ތިމާވެށީގެ ރައްކާތެރިކަމަށް ބޭނުންވާ ފައިސާ ހޯދާނެ އައު އަދި އީޖާދީ ގޮތްތަކާ ބެހޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފައިވާކަން ވުޒާރާއިން ފާހަގަކުރެއްވިއެވެ.
މަހާސިންތާގައި ބައިވެރިން ބާރުއަޅާފައިވަނީ މޫސުމީ ނުރައްކާތައް މެނޭޖުކުރުމުގައި މިހާރަށްވުރެ ހަރުދަނާ ނިޒާމެއް ގާއިމުކުރުމަށް ކަމަށާއި، އަދި މިފަދަ ކަންކަމުގައި ސަރުކާރާއި އަމިއްލަ ފަރާތްތަކާ ދެމެދު އޮންނަ ގުޅުން ވަރުގަދަކުރުމަކީ މޫސުމީ ބަދަލުތަކާ ދެކޮޅަށް ކުރެވޭ މަސައްކަތުގައި ވަރަށް މުހިންމު ދައުރެއް އަދާކުރާނެ ކަމެއްކަން ބައްދަލުވުމުގައި ވަނީ ފާހަގަކޮށްފައެވެ. މުޅި ރާއްޖެއިން 130 އަށްވުރެ ގިނަމީހުން މަހާސިންތާގައި ބައިވެރިވާނެކަމަށް ކުރިން ތިމާވެއްޓާބެހޭ ވުޒާރާއިން މައުލުމާތު ދެއްވިއެވެ.
މި މަހާސިންތާގެ ތެރެއިން "ވިލުންވެށި ގްރާންޓް ޕްރޮގްރާމް" ގެ ނަމުގައި، މޫސުމީ ބަދަލުތަކުން ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތަކަށް ވިލުންތެރިވުމަށާއި، ތިމާވެއްޓާއި ރައްޓެހި ދެމެހެއްޓެނިވި އުސޫލުތަކުން ކާނާގެ ޔަޤީންކަން ކަށަވަރުކުރުމުގެ މަޤްޞަދުގައި ވަނީ ޕްރޮގްރާމެއް ރަސްމީކޮށް އިފްތިތާޙްކޮށްފައެވެ.
މިއީ އެސް.އެމް.އީ ޑިޖިޓަލް އަދި މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ގުޅިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ، ޕްރޮގްރާމެކެވެ. މި ޕްރޮގްރާމަކީ، ވިލުންތެރި އައު އީޖާދުތަކާއި ޑިޖިޓަލް ވަޞީލަތްތަކަށް ހިތްވަރުދީ، ތިމާވެށި ރައްކާތެރިކުރަމުން ދެމެހެއްޓެނިވި ގޮތެއްގައި އާމްދަނީ ހޯދޭނެ ފުރުޞަތުތައް ފަހިކޮށްދިނުމަށް އެކުލަވާލާފައިވާ މަޝްރޫއެކެވެ.
މި މަހާސިންތާއަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ތިމާވެށި ހިމާޔަތްކުރުމަށާއި މޫސުމީ ބަދަލުތަކަށް ހޭނުމަށް ކުރައްވަމުންދާ މަސައްކަތްތަކުގެ ތެރެއިން، ރާއްޖެއަށް ކުރިމަތިވާ ތިމާވެށީގެ މައްސަލަތަކަށް ދެމެހެއްޓެނިވި ހައްލުތަކެއް ހޯދުމަށް އެޅުނު މުހިންމު ފިޔަވަޅެއްކަން ތިމާވެށީގެ ވުޒާރާއިން ފާހަގަކުރައްވައެވެ.
މަހާސިންތާ ކާމިޔާބުކަމާއެކު ނިންމާލާފައިވަނީ މޫސުމީ ބަދަލުތަކުގެ ސަބަބުން ދިމާވާ ނުރައްކާތަކުން ސަލާމަތްވުމަށްޓަކައި، ބައިނަލްއަޤްވާމީ މިންގަނޑުތަކާ އެއްގޮތަށް މަސައްކަތްތައް ބައްޓަންކުރުމަށް ޓަކައި ގުޅިގެން މަސައްކަތްކުރުމަށް އެއްބަސްވަމުންނެވެ.