ޚަބަރު
މަސްތުވާތަކެތީގެ މައްސަލައެއްގައި ދުވާފަރުން މީހަކު ހައްޔަރުކޮށްފި
މަސްތުވާތަކެތީގެ މައްސަލައިގައި ހައްޔަރުކުރި މީހާ
މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ، އެ ތަކެތި ވިއްކައި ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ރ. ދުވާފަރުން މީހަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ރ. ދުވާފަރު / މާވެލި، މާޢިޝް އަޙްމަދު (21އ) ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން މައުލޫމާތުދެއެވެ.
މި ހިނގާ ޖޫން މަހުގެ 23 ވަނަ ދުވަހު ދުވާފަރުގެ މަގުމަތިން އޭނާ ހުއްޓުވާ ފުލުހުން ވަނީ އޭނާ ބަލައިފާސްކޮށްފައެވެ. އަދި ބަލައިފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެހި ހުރި 75 ރަބަރު ޕެކެޓު ފެނިފައިވާކަމަށް ފުލުހުން މައުލޫމާތުދެއެވެ.
މި މައްސަލައާއި ގުޅިގެން އޭނާގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކޯޓަށްވަނީ ހާޒިރުކޮށްފައެވެ. ކޯޓުން ވަނީ އޭނާ 15 ދުވަހުގެ މުއްދަތަކަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައެވެ.
ފުލުހުން ވިދަޅުވީ މި މައްސަލަ ތަހުގީގުކުރަމުން ގެންދާ ކަމަށެވެ.
2028-2024 އަށް ފުލުހުން އެކުލަވާލައިފައިވާ ސްޓްރެޓީޖިކް ޕްލޭންގެ ދަށުން، ރާއްޖޭގައި ޑްރަގް މައްސަލަ ހައްލުކުރުމަށް ފުލުހުން ދަނީ ހަރުދަނާ ގޮތެއްގައި މަސައްކަތްތަކެއް ކުރަމުންނެވެ.