ދުނިޔެ
ޢިރާޤުގެ އާ ބޮޑުވަޒީރު ކޮރަޕްޝަނާ ދެކޮޅަށް ވަރުގަދަ ކެމްޕޭނެއް ފައްޓަވައިފި
ޢިރާޤުގެ އައު ބޮޑުވަޒީރު ޢަލީ އަލް-ޒައިދީ. ފޮޓޯ: ރޮއިޓާސް
ޢިރާޤުގެ އާ ބޮޑުވަޒީރު ޢަލީ އަލް-ޒައިދީ، އެ ޤައުމުގައި އަހަރުތަކެއް ވަންދެން މޫލާފައިވާ ކޮރަޕްޝަންގެ މައްސަލަތައް ހުއްޓުވުމަށް ވަރުގަދަ މަސައްކަތްތަކެއް ފައްޓަވައިފިއެވެ.
މި ކެމްޕޭނުގެ ދަށުން ސަރުކާރުގެ މަތީ ފަންތީގެ ބައެއް އޮފިޝަލުން ހައްޔަރުކޮށް، އެތައް މިލިއަން ޑޮލަރެއްގެ ފައިސާއާއި މުދާ މިހާރު ވަނީ ދައުލަތަށް ހިފަހައްޓާފައެވެ.
ޢިރާޤުގެ ސުޕްރީމް ޖުޑީޝަލް ކައުންސިލުން ހާމަކުރި ގޮތުގައި، އޮއިލް މިނިސްޓްރީގެ އަންޑަރސެކްރެޓަރީ އަދުނާން އަލް-ޖުމައިލީއާ ގުޅޭ ކޮރަޕްޝަންގެ މައްސަލައިގައި މިހާތަނަށް 86 މިލިއަން ޑޮލަރުގެ ނަގުދު ފައިސާ ވަނީ އަތުލައިގަނެފައެވެ. މީގެ އިތުރުން 70 ބިމާއި، 21 އުޅަނދުގެ އިތުރުން ތިން ކިލޯގެ ރަން ގަހަނާ ވެސް ވަނީ ހިފަހައްޓާފައެވެ. އަލް-ޖުމައިލީ ހައްޔަރުކޮށްފައިވަނީ މިދިޔަ މެއި މަހުގެ 30 ވަނަ ދުވަހުއެވެ.
އިސް އޮފިޝަލުންތަކެއް ހައްޔަރުގައި
ބޮޑުވަޒީރު އަލް-ޒައިދީ މަޤާމާ ހަވާލުވެވަޑައިގަތުމަށްފަހު، ސަރުކާރުން ފާއިތުވި އަހަރުތަކުގައި ހަދާފައިވާ ކޮންޓްރެކްޓްތައް މުރާޖަޢާކުރުމަށް ވަނީ އަމުރުކުރައްވާފައެވެ. މި މަސައްކަތުގެ ދަށުން ސަލާހުއްދީން ގަވަރުނަރޭޓްގެ ކުރީގެ ގަވަރުނަރު ރާއިދު އަލް-ޖުބޫރީ އާއި ކަރަންޓާ ބެހޭ މިނިސްޓްރީގެ އިސް އޮފިޝަލެއް ކަމަށްވާ އަލާ ސަމީރު އަލް-ޖުބޫރީ ވެސް ވަނީ ހައްޔަރުކޮށްފައެވެ. އަދި ކޮރަޕްޝަނަށް މަގުފަހިވާތީ ބަޣުދާދު އިންޓަރނޭޝަނަލް އެއާޕޯޓް ތަރައްޤީކުރުމުގެ 764 މިލިއަން ޑޮލަރުގެ މަޝްރޫޢު ވެސް ބޮޑުވަޒީރު ވަނީ ކެންސަލް ކުރައްވާފައެވެ.
ކޮރަޕްޝަން ހުއްޓުވުމަށްޓަކައި ބޮޑުވަޒީރު ވަނީ "ސުޕްރީމް ސޮވެރިން ކައުންސިލް ފޯ އިންޓެގްރިޓީ، އޯވަރސައިޓް އެންޑް ރިކަވަރީ އޮފް ޕަބްލިކް ފަންޑްސް" ގެ ނަމުގައި އާ އިދާރާއެއް އުފައްދަވާފައެވެ. މި އިދާރާގެ ރިޔާސަތު ބަލަހައްޓަވާނީ ބޮޑުވަޒީރު އަމިއްލަފުޅަށެވެ. ސަރުކާރުގެ ތަރުޖަމާނު ހައިދަރު އަލް-ޢަބޫދީ ވިދާޅުވި ގޮތުގައި، ކޮރަޕްޝަނަކީ ޢިރާޤުގެ ދައުލަތަށާއި ސިޔާސީ ނިޒާމަށް އޮތް އެންމެ ބޮޑު ނުރައްކާ ކަމަށް ސަރުކާރުން ދެކެއެވެ.
ޓްރާންސްޕޭރެންސީ އިންޓަރނޭޝަނަލްގެ 2025 ވަނަ އަހަރުގެ ކޮރަޕްޝަން ޕާސެޕްޝަން އިންޑެކްސްގައި ޢިރާޤު އޮތީ 182 ޤައުމުގެ ތެރެއިން 136 ވަނައިގައެވެ. ބައެއް މުހައްލިލުން ވިދާޅުވާ ގޮތުގައި، މިހާރު ފަށާފައިވާ މަސައްކަތަކީ އުންމީދީ މަސައްކަތެއް ނަމަވެސް، ޤައުމުގެ ޤާނޫނީ ނިޒާމު ބާވެފައިވުމާއި ސިޔާސީ ނުފޫޒުގެ ސަބަބުން މިކަމަށް ބޮޑެތި ހުރަސްތަކެއް އެބަހުއްޓެވެ. ޚާއްޞަކޮށް 2003 ވަނަ އަހަރުގެ ފަހުން ޤައުމުން ބޭރުކޮށްފައިވާ ކަމަށް ބެލެވޭ 350 ބިލިއަން ޑޮލަރު އަނބުރާ ހޯދުމަކީ ވަރަށް އުނދަގޫ ކަމަކަށް ވާނެއެވެ.
އިދާރީ އިޞްލާޙަށް މަސައްކަތްކުރާ ފަރާތްތަކުން ބުނާ ގޮތުގައި، ޢިރާޤުގެ ސިޔާސީ ނިޒާމު ބިނާވެފައިވަނީ ކޮރަޕްޝަނުގެ މައްޗަށެވެ. އެހެންކަމުން، ބޮޑުވަޒީރުގެ މި ކެމްޕޭނަކީ ހަޤީޤީ ބަދަލެއް ގެނުވާނެ ކަމެއްތޯ ނުވަތަ ނޫންތޯ ބެލުމަށް ގިނަ ބަޔަކު ތިބީ ފާރަވެރިވެގެންނެވެ.