ކުޅިވަރު
މެސީ ކުޅެމުން އަންނަ އިންޓަ މިއާމީގެ ކޯޗަކަށް މަޝެރާނޯ ހަމަޖައްސައިފި
މެސީ އާއި މެޝެރާނޯ އާޖެންޓީނާގެ ޖާޒީގައި--- ފޮޓޯ: ގެޓީ އިމޭޖަސް
ހުލާސާ
- ލިއޮނެލް މެސީ ލީޑު ކުރަމުންއަންނަ ޑޭވިޑް ބެކަމްގެ އިންޓަ މިއާމީގެ ހެޑް ކޯޗެއްގެ މަގާމަށް، މެސީއާއެކު ބާސެލޯނާ އަދި އާޖެންޓީނާގެ ގައުމީ ޓީމުގައި ވެސް ކުޅެފައިވާ ހާވިއާ މަޝެރާނޯ ހަމަޖައްސައިފި.
- މަޝެރާނޯއާއެކު ބާސެލޯނާގައި ދެން ކުޅެފައިވާ އުރުގުއޭގެ ފޯވާޑު، ލުއިސް ސުއަރޭޒް އާއި ސްޕެއިންގެ ހޯޑީ އަލްބާ އަދި ސާޖިއޯ ބުސްކެތްސް ވެސް، ބާސެލޯނާގެ ދުވަސްތަކަށްފަހު މަޝެރާނޯއާ އަލުން ގުޅޭނެ.
ލިއޮނެލް މެސީ ލީޑު ކުރަމުންއަންނަ ޑޭވިޑް ބެކަމްގެ އިންޓަ މިއާމީގެ ހެޑް ކޯޗެއްގެ މަގާމަށް، މެސީއާއެކު ބާސެލޯނާ އަދި އާޖެންޓީނާގެ ގައުމީ ޓީމުގައި ވެސް ކުޅެފައިވާ ހާވިއާ މަޝެރާނޯ ހަމަޖައްސައިފިއެވެ. އާޖެންޓީނާގެ ޒުވާން ޓީމުތަކަށްފަހު، މިއީ މަޝެރާނޯ ކޯޗެއްގެ ގޮތުގައި ބޮޑު ޒިންމާއެއް ނެގުމަށް ނިންމި ފުރަތަމަ ފަހަރެވެ.
މަޝެރާނޯގެ ކޯޗިން ކެރިއަރު ފެށީ އާޖެންޓީނާގެ 20 އަހަރުން ދަށުގެ ޓީމާއެކު، 2021 ގައެވެ. އެ ޓީމާއެކު، މަޝެރާނޯ ވަނީ ގިނަ ތަޖުރިބާތަކެއް ކޮށްފައެވެ. އެގޮތުން ޕެރިސް އޮލިމްޕިކްސް އާއި 20 އަހަރުން ދަށުގެ ފީފާ ވޯލްޑް ކަޕާއި 2022 ވަނަ އަހަރުގެ ސައުތު އެމެރިކަން ގޭމްސް އާއި މިދިޔަ އަހަރުގެ ސައުތު އެމެރިކާގެ 20 އަހަރުން ދަށުގެ މުބާރާތުގެ އިތުރުން، މި އަހަރުގެ އޮލިމްޕިކްސްގެ ކުރިން ދެކުނު އެމެރިކާގައި ބޭއްވި ޕްރީ ޓޯނަމަންޓް ހިމެނެއެވެ.
2027 ގެ ނިޔަލަށް އިންޓަ މިއާމީއިން މަޝެރާނޯއާއެކު އެއްބަސްވުމަކަށް އައިސްފައިވާއިރު، ފުޓުބޯޅަ ދިރާސާކުރަމުން އަންނަ ބައެއް ފަރާތްތަކުން އަންނަނީ މި ބަދަލަށް ފާޑު ވެސް ކިޔަމުންނެވެ. އެގޮތުން ބައެއް ފަރާތްތަކުން ބުނަމުން އަންނަނީ، ކޯޗިން ދާއިރާގައި ތަޖުރިބާ މަދު މަޝެރާނޯ އެ މަގާމަށް އައްޔަން ކުރުމަކީ، އިންޓަ މިއާމީގައި މެސީގެ ލީގަސީ ދެމެހެއްޓުމަށް ހުރަހަކަށް ވެދާނެކަމެއް ކަމަށެވެ. އެގޮތުން މިއީ އިންޓަ މިއާމީއިން ނިންމި ރަގަޅު ނިންމުމެއް ނޫންކަމަށް ބުނެފައިވެއެވެ.
މީގެ އިތުރުން ބައެއް ފަރާތްތަކުން ބުނަމުން އަންނަ ގޮތުގައި މިއީ މެސީގެ އިންފްލުއެންސް ޓީމަށް އޮތް މިންވަރު ހާމަކޮށްދޭ ކަމެއް ކަމަށެވެ. ސަބަބަކީ، މަޝެރާނޯއަކީ މެސީއާއެކު ކުޅެފައިވާ ކުޅުންތެރިއެއް ކަމުން، މެސީގެ އިތުބާރު އޭނާއަށް އޮތުމެވެ. ނަމަވެސް އެ އިތުބާރަކީ ކްލަބަށް އެންމެ ފައިދާ ހުރި ގޮތްތޯ ކްލަބުން ދިރާސާކޮށްފައި ނުވާކަމަށް ބުނެފައިވެއެވެ.
މަޝެރާނޯއާއެކު ބާސެލޯނާގައި ދެން ކުޅެފައިވާ އުރުގުއޭގެ ފޯވާޑު، ލުއިސް ސުއަރޭޒް އާއި ސްޕެއިންގެ ހޯޑީ އަލްބާ އަދި ސާޖިއޯ ބުސްކެތްސް ވެސް، ބާސެލޯނާގެ ދުވަސްތަކަށްފަހު މަޝެރާނޯއާ އަލުން ގުޅޭނެއެވެ. މި 3 ކުޅުންތެރިން ވެސް އިންޓަމިއާމީއާއެކު ހަދާފައިވާ ކޮންޓްރެކްޓް އިތުރު އަހަރަކަށް ދަންމާލާނެކަމަށް ރިޕޯޓުތައް ބުނެއެވެ.