ދީން

ރިޒުގުގެ ބަރަކާތް: މުއްސަނދިކަމުގެ ދޮރުތައް ހުޅުވައިދޭ ރޫހާނީ 7 ތަޅުދަނޑި

ރިޒުގުގެ ބަރަކާތް: މުއްސަނދިކަމުގެ ދޮރުތައް ހުޅުވައިދޭ ރޫހާނީ 7 ތަޅުދަނޑި

ރިޒުގުގެ ބަރަކާތް: މުއްސަނދިކަމުގެ ދޮރުތައް ހުޅުވައިދޭ ރޫހާނީ 7 ތަޅުދަނޑި

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

28 ޖޫން 2026، 02:31

28 ޖޫން 2026، 02:31

ކާމިޔާބީއަކީ ހަމައެކަނި ބޮޑު މުސާރައަކުން ނުވަތަ ކުރާ އިންވެސްޓްމަންޓްތަކުން މިންކުރެވޭ އެއްޗެއް ކަމަށް ދެކި، ގިނަ ބަޔަކު މިއަދު އުޅެމުންދަނީ މާލީ ރައްކާތެރިކަން ހޯދުމުގެ ދުވުމެއްގައެވެ. ނަމަވެސް، ކިތަންމެ ބުރަ މަސައްކަތެއް ކުރި ނަމަވެސް ބައެއް މީހުންނަށް ދިރިއުޅުމުގެ ދަތިކަން އިހުސާސް ކުރަންޖެހޭއިރު، އަނެއް ބަޔަކަށް އެމީހުން އުންމީދު ކުރި މިންވަރަށްވުރެ ބޮޑު ނިއުމަތްތަކާއި ބަރަކާތް ލިބެމުންދާކަން ފާހަގަކުރެވެއެވެ.

އިސްލާމްދީނުގައި މުއްސަނދިކަމާ މެދު އޮންނަ ތަަސައްވުރަކީ ވަރަށް ފުން ތަސައްވުރެކެވެ. ހަގީގީ ތަނަވަސްކަމަކީ އިންސާނާގެ އަތުގައި ހުރި ފައިސާގެ ގިނަކަމެއް ނޫނެވެ. އޭގެ ބަދަލުގައި އެއީ އެ މީހެއްގެ މުދަލުގައި މާތްﷲ ލައްވާފައިވާ "ބަރަކާތް" އެވެ. ބަރަކާތް ހިމެނޭ ކުޑަ ހަލާލު އާމްދަނީއަކުން ލިބޭ ހިތްހަމަޖެހުމާއި އުފާވެރިކަން، ބަރަކާތް ނެތް ބޮޑު މުއްސަނދިކަމަށްވުރެ މާ މަތިވެރިއެވެ.

ރިޒުގުގެ ދޮރުތައް ހުޅުވައިދޭނެކަން ގުރުއާނާއި ސުންނަތުން ސާބިތުވާ ބައެއް މުހިންމު ކަންކަން ތިރީގައި އެވަނީއެވެ.

1. އިސްތިޣުފާރު ކުރުން: ބަންދުވެފައިވާ ދޮރުތަކުގެ ތަޅުދަނޑި
ރިޒުގު ތަނަވަސްވުމަށް އޮތް އެންމެ ބޮޑު އެއް ސަބަބަކީ ގިނަގިނައިން އިސްތިޣުފާރު ކުރުމެވެ. ސޫރަތު ނޫޙުގައި މާތްﷲ ވަހީކުރައްވާފައިވެއެވެ:

"ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ގާތުން ފާފަފުއްސެވުމަށް އެދޭށެވެ! ހަމަކަށަވަރުން، އެކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ ރަސްކަލާނގެއެވެ. (އޭރުން) އެކަލާނގެ ތިޔަބައިމީހުންގެ މައްޗަށް އުޑުން ބޯކޮށް ވާރޭ ފޮނުއްވާނެތެވެ. އަދި މުދާތަކާއި، ދަރިންގެމަގުން އެކަލާނގެ ތިޔަބައިމީހުންނަށް މަދަދުދެއްވާނެތެވެ. އަދި ތިޔަބައިމީހުންނަށްޓަކައި ބަގީޗާތައް ލައްވާނެތެވެ. އަދި ތިޔަބައިމީހުންނަށްޓަކައި ކޯރުތައް ލައްވާނެތެވެ." (ނޫޙު: 10-12)

މަޝްހޫރު ތާބިއީ ބޭކަލެއް ކަމުގައިވާ ޙަސަނުލް ބަޞަރީގެ އަރިހަށް ފަގީރުކަމާއި، ހަނަފަސްކަމާއި، ދަރިން ނުލިބުމުގެ ޝަކުވާ ހިފައިގެން އައި ކޮންމެ މީހަކަށްމެ ދެއްވި އިރުޝާދަކީ އިސްތިޣުފާރު ކުރުން ގިނަކުރުމެވެ.

2. ތަގުވާވެރިކަން: މާތްﷲ އަށް ބިރުވެތިވުމުން މަގުތައް ދައްކަވާނެ

މާތްﷲ އަށް ބިރުވެތިވެ، އެކަލާނގެ އަމުރުފުޅުތަކަށް ކިޔަމަންތެރިވާ މީހުންނަށް އެކަލާނގެ މަތިވެރި ވައުދެއް ކުރައްވާފައިވެއެވެ.

"އަދި މާތްﷲ އަށް ތަގުވާވެރިވާ މީހާ (ދަންނާށެވެ!) އެކަލާނގެ އޭނާއަށް ނުކުންނާނެ މަގެއް ދައްކަވާނެތެވެ. އަދި އޭނާ ހީވެސްނުކުރާ ފަދަ ގޮތްގޮތުން އެކަލާނގެ އޭނާއަށް ރިޒުގު ދެއްވާނެތެވެ." (އައްޠަލާޤު: 2-3)

މީގެ މާނައަކީ ހީނުކުރާ ފަދަ އާ ފުރުސަތުތަކާއި، ނަފްސާނީ ހަމަޖެހުމާއި، އިންސާނެއްގެ ސިކުނޑިއަށް ނާންނަ ފަދަ ހައްލުތައް މާތްﷲ މިންވަރު ކުރެއްވުމެވެ.

3. ތަވައްކަލު ކުރުން: މަސައްކަތް ކުރުމަށްފަހު މާތްﷲ އަށް ވަކީލުކުރުން

އިސްލާމްދީނަކީ ހަމައެކަނި ދުޢާކޮށްލައިގެން ތިބުމަށް ބާރުއަޅާ ދީނެއް ނޫނެވެ. އޭގެ ބަދަލުގައި އަމުރުކުރައްވަނީ މަސައްކަތް ކުރުމާއެކު މާތްﷲ އަށް ވަކީލުކުރުމަށެވެ. ކީރިތި ރަސޫލާ ﷺ ހަދީޘް ކުރައްވާފައިވެއެވެ:

"ތިޔަބައިމީހުން މާތްﷲ އަށް ހައްގުގޮތުގައި ވަކީލުކުރާނަމަ، ދޫނިސޫފާސޫތްޕަށް ރިޒުގު ދެއްވާ ފަދައިން ތިޔަބައިމީހުންނަށް ރިޒުގު ދެއްވީހެވެ. އެ އެއްޗެހި ހެނދުނު ހުސްބަނޑާ ނުކުމެ، އިރުއޮއްސޭއިރު އެނބުރި އަންނަނީ ބަނޑުފުރިގެންވާ ހާލުގައެވެ."
މި ހަދީޘުން އެނގެނީ ދޫނިތައްވެސް ހާލީގައި މަޑުން ނުތިބޭ ކަމެވެ. އެ ތަކެތިވެސް ކާނާ ހޯދަން ބޭރަށް ނުކުމެ އުޅެއެވެ.

4. ރަހިމުގެ ގުޅުން ދެމެހެއްޓުން

އާއިލީ ގުޅުންތައް ކެނޑެމުންދާ މި ޒަމާނުގައި، އިސްލާމްދީން ބާރުއަޅަނީ ރަހިމުގެ ގުޅުން ބޭއްވުމަކީ ބަރަކާތް އިތުރުވާ ސަބަބެއް ކަމުގައެވެ. ރަސޫލާ ﷺ ހަދީޘް ކުރައްވާފައިވެއެވެ:

"އޭނާގެ ރިޒުގު ތަނަވަސްވުމަށާއި އުމުރު ދިގުވުމަށް އެދޭ މީހާ، ރަހިމުގެ ގުޅުން ދަމަހައްޓާ ހުށިކަމެވެ!"

މައިންބަފައިންނަށް ހެޔޮކޮށް ހިތުމާއި، ތިމާގެ މީހުންނަށް ޒިޔާރަތްކުރުމަކީ ހަމައެކަނި އަޚުލާގީ ކަމެއް ނޫނެވެ. އެއީ ރިޒުގު އިތުރުވާ އަޅުކަމެކެވެ.

5. ސަދަގާތް ކުރުމުން މުދަލެއް މަދެއް ނުވާނެ

ބައެއް މީހުންނަށް ހީވަނީ ސަދަގާތް ކުރުމުން އަތުގައި ހުރި ފައިސާ މަދުވާނެ ކަމަށެވެ. ނަމަވެސް އިސްލާމްދީން އުނގަންނައިދެނީ މީގެ އިދިކޮޅެވެ.

ރަސޫލާ ﷺ ހަދީޘް ކުރައްވާފައިވަނީ "ސަދަގާތް ކުރުމުގެ ސަބަބުން އެއްވެސް މުދަލެއް އުންޏެއް ނުވާނެ" ކަމަށެވެ. ކޮންމެ ސަދަގާތަކީ މާތްﷲ ގެ ހަޟުރަތުގައި ކުރެވޭ އިންވެސްޓްމަންޓެކެވެ.

6. ޝުކުރުވެރިވުން ނިއުމަތްތައް އިތުރުކޮށްދޭ

ނިއުމަތްތައް އިތުރުވުމުގެ އެންމެ ބޮޑު ސިއްރަކީ ޝުކުރުވެރިވުމެވެ. މާތްﷲ ވަހީކުރެއްވިއެވެ:

"ތިޔަބައިމީހުން ޝުކުރުވެރިވެއްޖެނަމަ، ހަމަކަށަވަރުން، ތިޔަބައިމީހުންނަށް ތިމަންރަސްކަލާނގެ އިތުރުކޮށްދެއްވާހުށީމެވެ." (އިބްރާހީމް: 7)

ޝުކުރުވެރިވުމަކީ ނެތް އެއްޗަކަށް ހިތާމަކުރުމުގެ ބަދަލުގައި، ލިބިފައިވާ މިންވަރަށް ހިތްހަމަޖެހި، އެކަލާނގެއަށް ހަމްދުކުރުމެވެ.

7. ހަލާލު އާމްދަނީ ހޯދުން

ކިތަންމެ ގިނަ ފައިސާއެއް ލިބުނު ކަމުގައިވިޔަސް، ހަރާމް ގޮތުގައި ހޯދާ މުދަލުގައި ބަރަކާތެއް ނުހުންނާނެއެވެ. ހަލާލު މަދު އާމްދަނީއަކުން އާއިލާގައި އުފާވެރިކަމާއި ހިތްހަމަޖެހުން ލިބޭއިރު، ހަރާމް މުދަލަކީ ހާސްކަމާއި ނުތަނަވަސްކަމުގެ ސަބަބެކެވެ.


ހަގީގީ މުއްސަނދިކަމަކީ ހަމައެކަނި ބޭންކް އެކައުންޓުގައި ހުންނަ އަދަދެއް ނޫނެވެ. އެއީ ހަލާލު ގޮތުގައި މަސައްކަތްކޮށް، ހިތްހަމަޖެހުމާއެކު ނިދާލެވުމާއި، ދީލަތިވުމުގެ ފުރުސަތު ލިބުމެވެ. ރިޒުގު ތަނަވަސްވުމުގެ މަގަކީ ހަމައެކަނި ބުރަ މަސައްކަތެއް ނޫނެވެ. އެއީ އިޚްލާޞްތެރި އަޅުކަމާއި، ހަލާލު މަސައްކަތާއި، ޝުކުރުވެރިކަމާއި، ދީލަތިކަން އެކުލެވިގެންވާ މަގަކެވެ. މި ރޫހާނީ ތަޅުދަނޑިތަކުގެ ބޭނުން ހިފައިފިނަމަ، ދުނިޔެއާއި އާޚިރަތުގެ ބަރަކާތް ލިބިގެންދާނެއެވެ.

                    

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450