ކޮލަމް
އިންސާނާގެ ދައުރު މުޅިން ނެތިދާ މިންވަރަށް އޭއައިއަށް ބަރޯސާވުމަކީ ނުރައްކަލެއް
އާޓިފިޝަލް އިންޓެލިޖެންސް (އޭ.އައި)
މިއަދުގެ ދުނިޔެ މިވަނީ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ގެ ބަހުރުވައަށް ހޭނިފައެވެ. މިއީ ހަމައެކަނި މިސާލެއްގެ ގޮތުން ބުނާ ބަހެއް ނޫނެވެ. އިޖުތިމާޢީ މީޑިއާއަށް ބަލާލިޔަސް، ކުންފުންޏެއްގެ ވެބްސައިޓް ކިޔާލިޔަސް ނުވަތަ އެންމެ ފަހުގެ ޚަބަރެއް ބަލާލިޔަސް، އެ ލިޔުމަކީ އިންސާނެއްގެ އަތުން ލިޔެފައިވާ ލިޔުމަކަށް ވުމަށްވުރެ، އޭއައި މެދުވެރިކޮށް އުފައްދާފައިވާ އެއްޗަކަށް ވުމުގެ ފުރުޞަތު ބޮޑެވެ. އެހީތެރިވެދޭ ވަޞީލަތެއްގެ ގޮތުގައި ފެށުނު މި ޓެކްނޮލޮޖީ، މިއަދު މިވަނީ އިންސާނީ އުފެއްދުންތެރިކަމާއި، އިތުބާރާއި، އަދި އަޞްލުވަންތަކަމަށް ގޮންޖަހާލާފައެވެ.
މުވާޞަލާތީ ދާއިރާއާއި، މާކެޓިންގ އަދި ނޫސްވެރިކަމުގެ ތެރެއަށް އޭއައި ވަދެ، އިންސާނީ އިޙްސާސްތައް ބާކީކުރަމުންދަނީ ހަލުވި ދުވެއްޔެއްގައެވެ. މި ބަދަލު ފެންނަނީ ވަރަށް ބޮޑަށެވެ. ލިޔުންތަކުގެ ރޫޙު ގެއްލި، އެއް މިންގަނޑަކަށް ފެންނަ އޮމާން ލިޔުންތަކެއް ވަނީ ޢާންމުވެފައެވެ. ލިޔުންތެރިކަމުގެ ފަންނުވެރިކަމުގެ ބަދަލުގައި ފެންނަނީ މެޝިނަކުން ތަރުތީބުކޮށްފައިވާ، އިޙްސާސެއް ނުވަތަ އަމިއްލަ ޚިޔާލެއް ނެތް ފުރިހަމަ ބަސްމަގުތަކެކެވެ. މިއީ ފަންނީ ގޮތުން ރީތި ލިޔުންތަކަކަށް ވިޔަސް، އޭގައި އެއްވެސް މާނަވީ ނުވަތަ ޒާތީ ކަމެއް ނުހުރެއެވެ.
މި ބަދަލު މިހާރު ރަސްމީ މުއާމަލާތްތަކުން ވެސް ފެންނަން ފަށައިފިއެވެ. ކުންފުނިތަކުގެ ބަޔާންތަކާއި ރިޕޯޓުތައް މިހާރު ބައްޓަންވަނީ އޭއައިގެ އެހީގައެވެ. މީގެ ސަބަބުން ހުރިހާ ދާއިރާއެއްގެ ބަސްމަގު އެއްގޮތްވެ، ތަކުރާރުވުންތައް ގިނަވެއްޖެއެވެ. މިއީ ހަމައެކަނި ރީތިކަމަށް އަންނަ ބަދަލެއް ނޫނެވެ. މާހިރުން އިންޒާރުދޭ ގޮތުގައި، ކުރިއަށް އޮތް ދިހަވަރަކަށް އަހަރު ތެރޭގައި އިންޓަނެޓުން ފެންނަ ގިނަ ތަކެއްޗަކީ އޭއައިގެ އުފެއްދުންތަކަށް ވާނެއެވެ. މީގެ ނަތީޖާއެއްގެ ގޮތުން، އަޞްލަކީ ކޮބައިކަމާއި ނަކަލަކީ ކޮބައިކަން ވަކިކުރަން އުނދަގޫވެ، މުޖުތަމަޢުގެ ބަދަހިކަން ގެއްލިގެން ހިނގައިދާނެއެވެ.
މިއީ ހަމައެކަނި ކުރިމަގުގައި ވެދާނެ ގޮތެއްގެ ވާހަކައެއް ނޫނެވެ. މިހާރުވެސް މާކެޓިންގ ކެމްޕޭންތަކާއި ބްރޭންޑް އައިޑެންޓިޓީތައް ހަދަނީ އެލްގޮރިދަމްތަކުންނެވެ. ލިޔުންތެރިންގެ ބަދަލުގައި "ޕްރޮމްޕްޓް އިންޖިނިއަރުން" އުފެދިއްޖެއެވެ. މީގެ މާނައަކީ ލިޔުމަކީ ވިސްނުމަކުން ނުވަތަ އަޑަކުން ފެށޭ އެއްޗެއްގެ ބަދަލުގައި، އަމުރަކުން އުފެދޭ އެއްޗަކަށް ވުމެވެ. މީގެ އެންމެ ބޮޑު ނުރައްކަލަކީ އޭއައި އަހަރެމެންގެ ބަދަލުގައި ވިސްނަން ފެށުމެވެ. އަހަރެމެންގެ ޚިޔާލުތައް ފާޅުކުރުމަށް މެޝިނަށް ބަރޯސާވާ ވަރަކަށް، އަމިއްލަ ފިކުރާއި ހުނަރު ކުޑަވަމުންދެއެވެ.
އޭއައިގެ ސަބަބުން ހުނަރުވެރިން ވަކިކުރަންވެސް ވަނީ އުނދަގޫވެފައެވެ. އެންމެން އެއް ވަޞީލަތްތަކެއް ބޭނުންކުރާއިރު، ހަގީގީ އުފެއްދުންތެރިޔާއާއި މެޝިނަށް ބަރޯސާވާ މީހާ ވަކިކުރުމަކީ ގޮންޖެހުމެކެވެ. އެހެންނަމަވެސް، އޭއައިއަކީ މުޅިން ދޫކޮށްލަންޖެހޭ އެއްޗެއް ނޫނެވެ. އެއީ މަސައްކަތުގެ ދުވެލި ހަލުވިކޮށް، ވަގުތު ސަލާމަތްކޮށްދޭ ފައިދާހުރި ވަޞީލަތެކެވެ. ނަމަވެސް، ހަލުވި ދުވެއްޔަކީ އަމިއްލަވަންތަކަން ގެއްލެންޖެހޭ ސަބަބަކަށް ވެގެން ނުވާނެއެވެ.
އަހަރެމެންނަށް އޮތް ހަގީގީ ނުރައްކަލަކީ އޭއައި ބޭނުންކުރުމެއް ނޫނެވެ. ނަމަވެސް، އިންސާނާގެ ދައުރު މުޅިން ނެތިދާ މިންވަރަށް އޭއައިއަށް ބަރޯސާވުމެވެ. މުސްތަޤުބަލުގައި އެންމެ އަގުބޮޑު ހުނަރަކަށް ވާނީ، އޭއައިގެ ފުރިހަމަ ނަމަވެސް ފިނި ބަސްމަގުގެ ބަދަލުގައި، އިންސާނީ އިޙްސާސްތަކާއި އުނިކަންތަކާއެކުވެސް ފާޅުކުރާ ތެދުވެރި ޝުޢޫރުތަކެވެ.
އޭއައިއަކީ އަހަރެމެންގެ ދުޝްމަނެއް ނޫނެވެ. އެއީ ވަޞީލަތެކެވެ. އެކަމަކު އެއީ އަހަރެމެންގެ ހަމައެކަނި އަޑަށް ވެއްޖެނަމަ، އަހަރެމެންގެ އަމިއްލަ އަޑު ގެއްލިގެން ހިނގައިދާނެއެވެ. އެހެންކަމުން، އޭއައިއަކީ މަސައްކަތަށް އެހީތެރިވެދޭ އެއްޗަކަށް ހަދައި، ވިސްނުމާއި، ނިންމުމާއި، އަދި އިޙްސާސްތައް ފާޅުކުރުމުގެ ބާރު އިންސާނާގެ އަތުގައި ބާއްވަންޖެހެއެވެ. ދުނިޔެ އޭއައިގެ ބަހުން ވާހަކަދައްކާއިރު، އަދިވެސް ވިސްނާނެ އިންސާނަކު ހުރުން މުހިންމެވެ.