ޚަބަރު
މާވަށު ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު ބާރުދުވެލީގައި ކުރިއަށް: އެމްޓީސީސީ
ލ. މާވަށުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ ތެރެއިން. ފޮޓޯ: އެމްޓީސީސީ
ލ. މާވަށުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު ބާރުދުވެލީގައި ކުރިއަށްދާކަން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.
އެމްޓީސީސީއިން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ހިއްސާކޮށްފައިވާ ގޮތުގައި، މި ޕްރޮޖެކްޓުގެ 65 އިންސައްތަ މިހާރު ވަނީ ނިމިފައެވެ.
މިއީ މިދިޔަ އަހަރުގެ ތެރޭގައި، 540 ދުވަސް ތެރޭގައި ނިންމުމަށް މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗަރއިން އެމްޓީސީސީއާ ހަވާލުކުރި މަސައްކަތެކެވެ. އަދި މިއީ 89.13 މިލިއަން ރުފިޔާގެ ޕްރޮޖެކްޓެކެވެ.
މި މަޝްރޫޢުގެ ދަށުގެ އެމްޓީސީސީއާ ހަވާލުކުރި މަސައްކަތްތަކުގެ ތެރޭގައި 166،400 ކިއުބިކް މީޓަރުގެ ރާޅު ވެލި ގޮނޑުދޮށަށް އެޅުމާއި، 524 މީޓަރުގެ ބޮޑު ހިލައިގެ ރިވެންޓުމެންޓެއް ޖެހުމާއި، 7500 ކިއުބިކް މީޓަރުގެ ސަރަޙައްދެއް ފުންކުރުމާއި، 2024 މީޓަރުގެ ޖިއޯބޭގް ރިވެންޓުމެންޓު ޖެހުމާއި، 180 މީޓަރުގެ ބޮޑު ހިލައިގެ ގްރޮއިން ޖެހުމާއި، 260 މީޓަރުގެ ޖިއޯބޭގް ގްރޮއިން ޖެހުމުގެ މަސައްކަތް ހިމެނެއެވެ.
މަޝްރޫގެ އަމަލީ މަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައެވެ. މަޝްރޫޢުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ ވަޒީރު، ޑރ. މުއްޠަލިބާއި، މި މަޝްރޫޢުގެ ކޮންޓްރެކްޓަރ، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) ގެ ސީއީއޯ އަހްމަދު ސައުދީއެވެ.
މިއީ މާވަށަށް ދިމާވެފައިވާ ރަށް ގިރުމުގެ ބޮޑު މައްސަލައަށް ދާއިމީ ހައްލެއް ލިބި، ރަށުގެ ގުދުރަތީ ރީތިކަން ހިފެހެއްޓުމަށް ލިބިގެންދާނޭ ބޮޑު އެހީއަކަށްވެގެންދާނެ މަޝްރޫއެކެވެ. ދެ މޫސުން ބަދަލުވާއިރު އެ ރަށަށް އުދަ އެރުމަކީ އާންމު ކަމެއް ކަމަށް ވާއިރު، މިކަމުގެ ސަބަބުން ތިމާވެއްޓަށް ލިބޭ ގެއްލުންތަކުގެ އިތުރުން، ގޮނޑުދޮށާއި ކައިރި ގޭގެއަށް ލޮނު ވަދެ، އެ ގޭގޭގައި ހިފައި ގެންގުޅޭ ތަކެތި ހަލާކުވެ، ރަށުގެ ރައްޔިތުންނަށް ދިމާވާ ގެއްލުންތައް ހައްލުވެގެންދާނެކަން ފާހަގަކޮށްލެވެއެވެ.