ކުޅިވަރު
އިތުރު ވަގުތުގެ ގޯލާއެކު ކެނެޑާ ފުރަތަމަ ފަހަރަށް ވޯލްޑް ކަޕްގެ ގަދަ-16 އަށް
ގޯލު ކާމިޔާބުކުރުމަށްފަހު ކެނެޑާއިން އުފާފާޅުކުރަނީ / ފޮޓޯ: ގެޓީ އިމޭޖަސް
މެޗުގެ ފަހު ވަގުތު ސްޓެފަން އެސްޓާކިއޯ ކާމިޔާބުކުރި ހިތްގައިމު ލަނޑާއެކު، ދެކުނު އެފްރިކާ ބަލިކޮށް ކެނެޑާއިން ފުރަތަމަ ފަހަރަށް ވޯލްޑް ކަޕްގެ ގަދަ 16 އިން ޖާގަ ހޯދައި އެ ގައުމުގެ ފުޓުބޯޅައިގައި ތާރީޚީ ޞަފުޙާއެއް ލިޔެފިއެވެ.
ލޮސް އެންޖެލިސްގައި ކުޅުނު މި މެޗުގައި ދެ ޓީމުގެ ފަރާތުންވެސް ފެނިގެންދިޔައީ ދާދި ހަމަހަމަ ކުޅުމެކެވެ. މެޗުގެ ނަތީޖާ ހަމަހަމަވެ، އިތުރު ވަގުތުގެ ކުޅުމަށް ދާން ތައްޔާރުވެފައި ވަނިކޮށް ކެނަޑާއަށް މެޗު ކާމިޔާބުކުރެވުނީ އެސްޓާކިއޯގެ ގޯލަކުންނެވެ. ޕެނަލްޓީ އޭރިއާ ބޭރުގައި ހުރެފައި އިތުރު ވަގުތުގެ ދެވަނަ މިނެޓުގައި ޕެނަލްޓީ އޭރިއާ ބޭރުން އެސްޓާކިއޯ ފޮނުވާލި ތިރިތިރި ހަމަލާއިން ސައުތު އެފްރިކާގެ ގޯލު ފޫއަޅުވާލެވުނުއިރު، މިއީ ކެނެޑާއަށް މުޅި މެޗުގައިވެސް ލިބުނު ހަމައެކަނި ފުރުސަތެކެވެ.
މި މުބާރާތުގެ ކުރިން ކެނެޑާއިން ވޯލްޑް ކަޕްގައި ކުޅުނު ހަ މެޗުންވެސް ވަނީ ބަލިވެފައެވެ. ނަމަވެސް މި ފަހަރުގެ މުބާރާތުގައި އެ ޓީމުން އަންނަނީ އާދަޔާޚިލާފު މޮޅު ކުޅުމެއް ދައްކަމުންނެވެ. އެގޮތުން ޖޫން 18 ވަނަ ދުވަހު 6-0އިން ޤަތަރު ބަލިކުރުމަކީ އެ ޓީމަށް ވޯލްޑް ކަޕްގައި ހޯދުނު ފުރަތަމަ މޮޅެވެ.
މެޗަށްފަހު ކުޅުންތެރިންނާ ވާހަކަދައްކަމުން ކެނެޑާގެ ކޯޗު ޖެސީ މާރޗް ބުނީ، އެ ކުޅުންތެރިންނަކީ ކެނެޑާގެ ބަތަލުން ކަމަށާއި، މި ކާމިޔާބީގެ ސަބަބުން އެ ގައުމުގެ ފުޓްބޯޅައިގެ މުސްތަގުބަލު ވަރަށް އުޖާލާވެގެންދާނެ ކަމަށެވެ.
މި މެޗުގައި ސައުތު އެފްރިކާގެ ފަރާތުން ފެނުނީ އުއްމީދުކުރި ވަރަށްވުރެ ދަށް ކުޅުމެކެވެ. މުޅި މެޗުގައިވެސް އެ ޓީމަށް ގޯލާ އަމާޒުކޮށް ފޮނުވާލެވުނީ އެންމެ ހަމަލާއެކެވެ. މެޗުގެ ތެރޭގައި ކެނެޑާގެ މޮއިސް ބޮމްބިޓޯ ބޮލުން ފޮނުވާލި ބޯޅައެއް ދެކުނު އެފްރިކާގެ އައުބްރީ މޮޑިބާ ވަނީ ގޯލު ރޮނގުމަތިން ދިފާއުކޮށްފައެވެ. އަދި ކެނެޑާގެ ރިޗީ ލާރިއާއަށް ކުރި ފައުލަކަށް ޕެނަލްޓީއެއް ނުދިނުމުން ކޯޗު މާރޗް ވަނީ ރެފްރީންނަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ.
ކެނެޑާގެ ކުޅުން އިތުރަށް ވަރުގަދަވެގެންދިޔައީ ބަޔާން މިއުނިކްގެ ތަރި އަލްފޮންސޯ ޑޭވީސް ކުޅެން އެރުމާ ގުޅިގެންނެވެ.
މި މުބާރާތުގެ ގަދަ 16 އަށް ހޮވުނު ފުރަތަމަ ގައުމަށް ކެނެޑާ ވެފައިވާއިރު، އަންނަ ޖުލައި މަހުގެ 4 ވާ ހޮނިހިރު ދުވަހު ހިއުސްޓަންގައި ކުޅޭ މެޗުގައި އެ ޓީމު ބައްދަލުކުރަން ޖެހޭނީ ނެދަލޭންޑްސް ނުވަތަ މޮރޮކޯއާއެވެ.