ޚަބަރު
މައްޗަންގޮޅި ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި
މއ. ސުއްކަތުރާގޭގައި ހިނގި އަލިފާނުގެ ހާދިސާގެ ތެރެއިން. ފޮޓޯ: އެމްއެންޑީއެފް
މައްޗަންގޮޅި ހުންނަ ގެއެއް ކަމަށްވާ މއ. ސުއްކަތުރާގޭގައި އަލިފާނުގެ ހާދިސާއެއް ހިނގާފައިވާ ކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ހާމަކޮށްފިއެވެ.
އެމްއެންޑީއެފުން ވިދާޅުވިގޮތުގައި، މި ހާދިސާގެ މައުލޫމާތު ލިބިފައިވަނީ މި އަދު ހެނދުނު 09:42 އެހާކަންހާއިރުއެވެ. ހާދިސާގެ ރިޕޯޓު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސް (އެފްއާރްއެސް) ގެ، މާލެ ފަޔަރ ސްޓޭޝަނަށް ލިބުމާއެކު، އެ ފަޔަރ ސްޓޭޝަނުގެ ފަޔަރފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސްފައިކަމަށް އެމްޑިއެފުން ވިދާޅުވެއެވެ.
އަދި ވަގުތުން އެ ސަރަހައްދުގައި އަލިފާން ނިއްވާލުމުގެ މަސައްކަތްކޮށްފައިވާ ކަމަށާއި، އެ މަސައްކަތުގެ ތެރެއިން އަލިފާންގަނޑު ނިއްވާލުވުނީ 10:12 އެހާކަންހާއިރު ކަމަށް އެ އިދާރާއިން ވިދާޅުވިއެވެ.
މިއީ އެ ގޭގައި ބަހައްޓާފައި ހުރި ކަބަޑު ސެޓެއްގައި ރޯވެ ހިނގި މި ހާދިސާއެކެވެ. އަދި ހާދިސާއާއި ގުޅިގެން އެކަކަށް ދުމުގެ އަސަރުކޮށްގެން ފަރުވާދިނުމަށް އައިޖީއެމްއެޗަށް ވަނީ ގެންގޮސްފައެވެ.
ފާއިތުވި ހަފްތާގައި އެމްއެންޑިއެފަށް ލިބުނު ކުއްލި ނުރައްކަލުގެ މައްސަލަތަކަށް ބަލާލާއިރު ގިނައީ ވެސް އަލިފާނުގެ ހާދިސާތަކުގެ ރިޕޯޓުތައްކަން ފާހަގަކޮށްލެވެއެވެ. އެ ގޮތުން އެ އިދާރާއަށް ލިބުނު 15 އިންސިޑެންޓު ރިޕޯޓުގެ ތެރެއިން 9 އިންސިޑެންޓް ރިޕޯޓަކީ އަލިފާނުގެ ހާދިސާތަކުގެ ރިޕޯޓުތަކެވެ. މިހުރިހާ ހާދިސާއަކަށް އެފްއާރްއެސް އިން ހަރަކާތްތެރިވެ، އެހީތެރިކަން ފޯރުކޮށްދީފައިވާކަމަށް އެ މުއައްސަސާއިން ބުނެފައިވެއެވެ.