ޚަބަރު
ޓެކްސީ ލައިނަށް އޮތް ތަރުހީބު ބޮޑު: އިކޮނޮމިކް މިނިސްޓަރ
ގުތިސާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު. ފޮޓޯ: ރައީސް އޮފީސް
މި ސަރުކަރުން މުޅިން އަލަށް، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ (އެމްޓީސީސީ) އާއި ގުޅިގެން ފަށާފައިވާ ޓެކްސީ ލައިންގެ ހިދުމަތަށް ލިބެމުންދާ ތަރުހީބު ބޮޑުކަން، އިގުތިސާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ފާހަގަކުރައްވައިފިއެވެ.
ވަޒީރު މިކަން ފާހަގަކުރެއްވީ މިއަދު ހެނދުނު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، އެ ޓެކްސީ ލައިނަށް ކިހާވަރެއްގެ ތަރުހީބެއް ލިބިގެންދާކަން ސާފުކުރުމަށް ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބުދެއްވަމުންނެވެ.
ވަޒީރު ވިދާޅުވި ގޮތުގައި ޖޫން މަހުގެ 22 ވަނަ ދުވަހުން 28 ވަނަ ދުވަހުގެ ނިޔަލަށް ލިބުނު ދަތުރުތަކުގެ ޖުމްލައަކީ 6912 އެވެ. އަދި އޭގެތެރޭގައި ގިނައީ މާލެ ތެރޭގައި ކުރެވުނު ދަތުރުތައްކަން ފާހަގަ ކުރެއްވިއެވެ. އެއީ 3569 ދަތުރެވެ. އަދި ރައީސްގެ ވައުދުފުޅާ އެއްގޮތަށް ވިލިމާލޭގައި ވެސް ޓެކްސީ ލައިން ފަށްޓަވާފައިވާކަން ފާހަގަކުރައްވާ، މި މުއްދަތުގައި އެ ރަށުން 528 ދަތުރު ލިބިފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
މީގެ އިތުރުން ވަޒީރު ވަނީ 2 ޖޫންގައި އެޕް ސްޓޯއިން ޓެކްސީ ލައިނުގެ ހިދުމަތަށް ބޭނުންކުރާ އެޕްލިކޭޝަން ލޯންޗުކޮށްފައިވާކަމާއި، 4 ޖޫން ގައި އެންޑްރޮއިޑްތަކަށް އެޕު އެޅޭނެ ގޮތް ހަދާފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި ވެބް އެޕްލިކޭޝަން މެދުވެރިކޮށް ކުރެވުނު ބުކިންތަކުގެ އަދަދު 22 ޖޫން އިން 28 ޖޫންގެ ނިޔަލަށް ވަނީ 6112 އަށް އަރާފައިކަމަށް ވިދާޅުވިއެވެ.
އެ މުއްދަތުގައި ކޯލް ސެންޓަރުން ހަދާފައިވާ ބުކިންތަކުގެ އަދަދަކީ 800 ކަމަށްވާއިރު، އެވަރެޖުކޮށް ޕީކް ގަޑީތަކުގައި ލިބޭ ކޯލްތަކަށް ޖަވާބުދިނުމަށް ނަގާ ވަގުތަކީ 5 ނުވަތަ 6 މިނެޓު ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި އެނޫން ގަޑިތަކުގައި ޖަވާބުދިނުމަށް ނަގާ ވަގުތަކީ 3 ނުވަތަ 4 މިނެޓު ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
"މިއިން ދައްކައިދެނީ މިއަށް އޮތް ޑިމާންޑް"
ވަޒީރު ވިދާޅުވިއެވެ.
މީގެ އިތުރުން ވަޒީރު ވިދާޅުވީ އަމާޒަކީ ދެވޭ ހިދުމަތަކީ މި ޒަމާނާ ގުޅޭ ކޮލިޓީ ހިދުމަތަކަކަށް ހެދުން ކަމަށެވެ. އެގޮތުގެ މަތިން ޑްރައިވަރުންނަށް ތަމްރީން ޕްރޮގްރާމްތައް ދެވިގެންދާކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.