ކުޅިވަރު

ސާޅީސް އަހަރަށް ފަހު މެކްސިކޯއިން ވޯލްޑް ކަޕްގެ ނޮކްއައުޓް މެޗެއް ކާމިޔާބުކޮށްފި

ސާޅީސް އަހަރަށް ފަހު މެކްސިކޯއިން ވޯލްޑް ކަޕްގެ ނޮކްއައުޓް މެޗެއް ކާމިޔާބުކޮށްފި

ހޫލިއަން ކީނިއޯނޭސް ގޯލު ޖެހުމަށްފަހު އުފާފާޅުކުރަނީ / ފޮޓޯ: ގެޓީ އިމޭޖަސް

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

01 ޖުލައި 2026، 09:52

01 ޖުލައި 2026، 09:52

ފާއިތުވި 40 އަހަރުގެ ތެރޭގައި ފުރަތަމަ ފަހަރަށް ވޯލްޑް ކަޕްގެ ނޮކްއައުޓް ބުރުގެ މެޗަކުން މެކްސިކޯ މޮޅުވެއްޖެއެވެ. އެ ގައުމުގެ އެންމެ ތާރީހީ ސްޓޭޑިއަމް ކަމުގައިވާ، އެސްޓޭޑިއޯ އަޒްޓެކާގައި މިއަދު ހެނދުނު ކުޅުނު މި މެޗުގައި އިކުއެޑޯގެ މައްޗަށް ކުރިހޯދީ 2-0 އިންނެވެ.

ވިދާ ގުގުރުމުގެ ސަބަބުން މެޗު ފެށުން އެއްގަޑިއިރަށް ލަސްވި ނަމަވެސް، ސްޓޭޑިއަމްގެ ފޯރިއަކަށް އެއްވެސް ބަދަލެއް ނާދެއެވެ. އެހެންކަމުން ސަޕޯޓަރުންގެ ފޯރިގަދަ އަޑުތަކާއެކު މެކްސިކޯއިން މެޗު ފެށީ ވަރަށް ވަރުގަދަކޮށެވެ. 

އެގޮތުން މެޗުގެ ފުރަތަމަ ހާފުގައި ހޫލިއަން ކީނިއޯނޭސް އަދި ރައުލް ހިމެނޭޒް ވަނީ ހިތްގައިމު ދެ ލަނޑު ކާމިޔާބުކޮށްދީފައެވެ. 

މިއީ 1986 ވަނަ އަހަރު މެކްސިކޯގައި ބޭއްވުނު ވޯލްޑް ކަޕްގައި ބަލްގޭރިއާ އަތުން މޮޅުވި ފަހުން، އެ ގައުމުން ވޯލްޑް ކަޕްގެ ނޮކްއައުޓް ބުރުގެ މެޗެއް ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ.

މި ފަހަރުގެ ވޯލްޑް ކަޕަކީ 48 ޓީމާއެކު ބާއްވާ ފުރަތަމަ މުބާރާތް ކަމަށްވުމުން، މި މޮޅާއެކުވެސް މެކްސިކޯއަށް އަދި ކުއާޓާ ފައިނަލުން ފުރުސަތެއް ކަށަވަރެއް ނުވެއެވެ. އެ ގައުމުން މީގެ ކުރިން ދެ ފަހަރެއްގެ މަތިން ކުއާޓާ ފައިނަލް ކުޅެފައިވީ ނަމަވެސް، ވޭތުވެދިޔަ ހަތް މުބާރާތުގައިވެސް ނޮކްއައުޓް ބުރުގެ ފުރަތަމަ މެޗުން ބަލިވެފައިވާ މެކްސިކޯއަށް މިއީ ވަރަށް ބޮޑު ކާމިޔާބީއެކެވެ. އަންނަ އާދިއްތަ ދުވަހު އަޒްޓެކާ ސްޓޭޑިއަމްގައި އިންގްލޭންޑް ނުވަތަ ކޮންގޯއާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެގެން މެކްސިކޯއަށް ކުއާޓާ ފައިނަލަށް ދިއުމުގެ ފުރުސަތު އެބައޮތެވެ.

އަމިއްލަ ދަނޑުގައި މެކްސިކޯ ބަލިކުރުމަކީ ފަސޭހަ ކަމަކަށް ނުވާނެއެވެ. އެސްޓާޑިއޯ އަޒްޓެކާގައި ކުޅުނު ރަސްމީ 89 މެޗުގެ ތެރެއިން މެކްސިކޯ ބަލިވެފައިވަނީ އެންމެ ދެ މެޗުންނެވެ. އަދި މެކްސިކޯ ސިޓީގައި ކުޅުނު ވޯލްޑް ކަޕްގެ 10 މެޗުންވެސް އެ ޓީމު ބަލިވެފައެއް ނުވެއެވެ.

މި ފަހަރުގެ މުބާރާތުގައި ހާވިއޭ އަގީރޭގެ އިރުޝާދުގެ ދަށުން ކުޅޭ މެކްސިކޯ ޓީމު ފެންނަނީ ވަރަށް ވަރުގަދަކޮށެވެ. މެކްސިކޯ އަކީ ވޯލްޑް ކަޕްގެ ތާރީޚުގައި ބައިކޮޅަށް ލަނޑެއް ނުވަދެ، ފުރަތަމަ ހަތަރު މެޗު ކާމިޔާބުކުރި ހަތަރުވަނަ ޓީމެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450