ޚަބަރު
"މޯލްޑިވްސް ނޭޝަނަލް އީކޯޓޫރިޒަމް ސްޓޭންޑަރޑްސް"އާއި ގުޅޭ ވެބިނާގައި ބައިވެރިވުމަށް ހުޅުވާލައިފި
ރާއްޖޭގެ މަންޒަރެއް. ފޮޓޯ: އިންޓަނެޓް
"މޯލްޑިވްސް ނޭޝަނަލް އީކޯޓޫރިޒަމް ސްޓޭންޑަރޑްސް އެންޑް ސެޓިފިކޭޝަން ފްރޭމްވޯކް" އާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް ބާއްވާ ހާއްސަ ވެބިނާގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލާފައިވާކަން މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާއިން އިއުލާނުކޮށްފިއެވެ.
ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކާއި، ތިމާވެށި ހިމާޔަތްކުރުމަށް މަސައްކަތްކުރާ ފަރާތްތަކަށް އަމާޒުކޮށްގެން ބާއްވާ މި ވެބިނާ އޮންނާނީ ޖުލައި މަހުގެ 6 ވާ ހޮނިހިރު ދުވަހުގެ މެންދުރު 12:00 ގައި ކަމަށް އެ ވުޒާރާއިން ބުނެއެވެ.
ބައްދަލުވުމުގެ މައިގަނޑު މަގްސަދަކީ ރާއްޖޭއަށް އަލަށް ތައާރަފުކުރެވޭ އީކޯޓޫރިޒަމް މިންގަނޑުތަކާއި، ސެޓިފިކެޓް ދިނުމަށް ކަނޑައެޅިފައިވާ އޮނިގަނޑާ ބެހޭގޮތުން ކަމާބެހޭ ފަރާތްތަކަށް މައުލޫމާތު ދިނުން ކަމަށްވާއިރު، މިއީ ރާއްޖޭގެ ފަތުރުވެރިކަން ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށާއި، ތިމާވެއްޓާ ރައްޓެހި އުސޫލުތައް ދާއިރާގައި އަށަގެންނެވުމަށް ކުރެވޭ މުހިންމު މަސައްކަތެއްގެ ގޮތުގައި ވުޒާރާއިން ވަނީ ސިފަކުރައްވާފައެވެ.
ވެބިނާގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަތުރުވެރިކަމުގެ ދާއިރާގެ ބޭފުޅުންނާއި، ކަމާގުޅޭ އެކި މުއައްސަސާތަކުން އެކަމަށް ހާއްސަ ކުޔުއާރް ކޯޑު ސްކޭން ކުރައްވައިގެން ރަޖިސްޓަރ ކުރެއްވުމަށް ވުޒާރާއިން ވަނީ އެދިފައެވެ.
Calling all tourism professionals, conservationists, and stakeholders! Join our webinar on the Maldives National Ecotourism Standards and Certification Framework. Scan the QR code to register.
— Min. of Climate Change, Environment and Energy, MV (@MoEnvmv) July 1, 2026
📅 6 July | 🕛 12:00 PM
#CATENATE#Thimaaveshi #ProtectedAndConservedAreasMV pic.twitter.com/k7FkpST1g7
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ދަނީ ރާއްޖޭގެ ތިމާވެށި ހިމާޔަތްކުރުމާއެކު، ފަތުރުވެރިކަން ކުރިއެރުވުމަށް ޓަކައި ވެސް ގިނަގުނަ މަސައްކަތްތަކެއް ކުރައްވަމުންކަން ވުޒާރާއިން ފާހަގަކުރެއްވިއެވެ. އެގޮތުން މިފަދަ މިންގަނޑުތަކެއް ކަނޑައެޅުމަކީ ރާއްޖޭގެ ގުދުރަތީ ރީތިކަން އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަށް އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ވުޒާރާއިން ސިފަކުރައްވައެވެ.