ޚަބަރު
ކުދި ޖަޒީރާ ގައުމުތަކަށް އދ. އިން ދޭ އެހީތެރިކަން އިތުރުކުރުމާ ގުޅޭގޮތުން ވަޒީރު މަޝްވަރާކުރައްވައިފި
ބައްދަލުވުމުގެ ތެރެއިން. ފޮޓޯ: މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާ
ކުދި ޖަޒީރާ ޤައުމުތަކަށް (ސިޑްސް) އެކުވެނި ދައުލަތްތަކުން (އދ) އިން ދޭ އެހީތެރިކަން އިތުރުކުރެވިދާނެ ގޮތްތަކާއި ގުޅޭގޮތުން، މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވަޒީރު އަލީ ޝަރީފް، އދ. ގެ އިގްތިސާދީ އަދި އިޖުތިމާއީ ކަންކަމާ ބެހޭ އެންޑަރ-ސެކްރެޓަރީ ޖެނެރަލް މިސްޓަރ ލީ ޖުންހުއާ އާ ބައްދަލުކުރައްވައި މަޝްވަރާކުރައްވައިފިއެވެ.
އދ. ގެ މައި މަރުކަޒުގައި ބޭއްވުނު މި ބައްދަލުވުމުގައި، ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަށް ދިމާވަމުންދާ ގޮންޖެހުންތަކުން އަރައިގަތުމަށް ޓަކައި ބައިނަލްއަޤުވާމީ އެހީތެރިކަން ބޭނުންވާ މިންވަރުގެ މައްޗަށް ދެ ބޭފުޅުން އަލިއަޅުއްވާލައްވާފައިވާކަމަށް ތިމާވެއްޓާއި ބެހޭ ވުޒާރާއިން މައުލޫމާތުދެއްވައެވެ.
ތަރައްޤީގެ އެހީތެރިކަން ފޯރުކޮށްދިނުމުގައި ކުދި ޖަޒީރާ ގައުމުތަކުގެ އޮނިގަނޑުގައި ހުންނަ ނާޒުކުކަމަށް ރިއާޔަތްކުރުމުގެ މުހިންމުކަން މި ބައްދަލުވުމުގައި ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ. ވަކިން ހާއްސަކޮށް، 'މަލްޓިޑައިމެންޝަނަލް ވަލްނަރަބިލިޓީ އިންޑެކްސް' (އެމް.ވީ.އައި) ފަދަ މިންގަނޑުތަކަށް ބަލައިގެން އެހީތެރިކަން ފޯރުކޮށްދިނުމަކީ، ސިޑްސްގެ ޤައުމުތަކަށް ބޭނުންވާ މާލީ އަދި ފަންނީ އެހީތެރިކަން ހޯދުމަށް މަގުފަހިވެގެންދާނެ ކަމެއްކަމަށް ވަޒީރު ވިދާޅުވިއެވެ.
Minister Ali Shareef met with Under-Secretary General for Economic and Social Affairs Mr. Li Junhua on how support for Small Island Developing States (SIDS) can be enhanced though the United Nations system.
— Min. of Climate Change, Environment and Energy, MV (@MoEnvmv) July 1, 2026
Minister emphasized the importance of considering the structural… pic.twitter.com/Blahwk2pdV
ހަމައެހެންމެ، އެފަދަ އިންޑެކްސްތަކަކީ އޭގެ ސަބަބުން، ކުދި ޖަޒީރާ ޤައުމުތަކަށް ކުރިމަތިވާ ނާޒުކު ހާލަތްތައް ދެނެގަނެވި، އެ ގައުމުތަކަށް ހައްގުވާ މިންވަރަށް ވަސީލަތްތައް ފޯރުކޮށްދިނުމަށް ބައިނަލްއަގުވާމީ މުޖުތަމައަށް ފަސޭހަވެގެންދާނެ އިންޑެކްސްތަކެއްކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.
މި ބައްދަލުވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖެއާއި އެހެނިހެން ކުދި ޖަޒީރާ ގައުމުތަކުގެ ހައްގުގައި ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ބޭއްވުނު މުހިންމު ބައްދަލުވުއް ކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ފާހަގަކުރެއްވިއެވެ.