ޚަބަރު
ވަޒީރު ހީނާ، އަމްޖޭގެ 50 ވަނަ ފިލްމް ޕްރިމިއަރ ޝަރަފުވެރިކޮށްދެއްވައިފި
ފިލްމް ޕްރިމިއަރގެ ތެރެއިން. ފޮޓޯ: ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާ
ފިލްމް ޑައިރެކްޓަރ އަދި ޕްރޮޑިޔުސަރ އަމްޖަދު އިބްރާހިމް ދީދީ (އަމްޖޭ) ގެ 50 ވަނަ ފިލްމް "ގިލަން" ޕްރިމިއަރ ކުރުމަށް ރޭ އޮލިމްޕަހުގައި ބޭއްވި ޙަފްލާ، ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު ޝަރަފުވެރިކޮށްދެއްވައިފިއެވެ.
މި ފިލްމް ޕްރިމިއަރ ކުރުމަށް ރޭ ކުރިއަށް ދިޔަ ޚާއްޞަ ޙަފްލާގައި، ފިލްމީ ދާއިރާގެ މަޝްހޫރު ގިނަ ފަންނާނުންނާއި އަމްޖޭގެ ސަޕޯޓަރުން ބައިވެރިވެފައިވާކަން ފަންނާއި ބެހޭ ވުޒާރާއިން ފާހަގަކުރެއްވިއެވެ.
މި ހަފްލާގައި ވާހަކަދައްކަވަމުން ވަޒީރު ވަނީ ފިލްމީ ދާއިރާއަށް އަމްޖޭ ކުރައްވާފައިވާ ފެންވަރު ރަނގަޅު ގިނަ މަސައްކަތްތަކަށް ތަޢުރީފުކުރައްވާފައެވެ. އަދި ހަމައެހެންމެ، މި ފިލްމަކީ ވެސް އޭނާގެ ކުރީގެ ފިލްމުތަކެކޭ އެއްފަދައިން ކާމިޔާބު ފިލްމަކަށް ވާނޭ ކަމަށް އުންމީދުކުރައްވާކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.
1969 ވަނަ އަހަރު އަމްޖޭ ފިލްމީ ދާއިރާގައި މަސައްކަތް ކުރަން ފެށިއިރު، އޭގެފަހުން އޭނާ ވަނީ އާންމުންގެ މަޤްބޫލުކަން ހޯދި އެތައް ފިލްމެއް އުފައްދާފައިކަން ފާހަގަކޮށްލެވެއެވެ. ވެ. އޭގެ ތެރޭގައި 1995 ގެ "މާބުރުގެ އުސޫލު"، "ގުރުބާނީ" އާއި 1997 ގައި މަޝްހޫރުވެގެން ދިޔަ "ލޯބީގެ އަނިޔާ" ގެ އިތުރުން "ސަނދުރަވިލޭރޭ 1" އަދި 2 ހިމެނެއެވެ.
2006 ވަނަ އަހަރު، މުނިފޫހިފިލުވުމުގެ ދާއިރާއަށް އަމްޖޭ ކުރައްވާފައިވާ ޚިދުމަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން، ސަރުކާރުން ވަނީ ފިލްމް ޑައިރެކްޓް ކުރުމުގެ ރޮނގުން އާންމު ޚިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު އޭނާއަށް އަރުވާފައެވެ.