ދުނިޔެ
ވެނެޒުއޭލާގެ ބިންހެލުމަށްފަހު ސިއްހީ ނުރައްކަލެއްގެ ބިރު ބޮޑުވެއްޖެ
ބިންހެލުމުގެ އަސަރުކުރި ސަރަހައްދުގައި ކުޑަކުދިންތަކެއް. ފޮޓޯ: ގެޓީ އިމޭޖްސް
ވެނެޒުއޭލާއަށް އައި ބާރުގަދަ ދެ ބިންހެލުމަށްފަހު، އެ ގައުމުގެ ސިއްހީ ނިޒާމު އިނދަޖެހި، ބޮޑު ސިއްހީ ކާރިސާއެއް ކުރިމަތިވެދާނެކަމުގެ ބިރު ޞިއްޙީ މާހިރުން ފާޅުކުރަން ފަށައިފިއެވެ.
ޖޫން 24 ގައި އައި މި ބިންހެލުންތަކުގައި މިހާތަނަށް 2,295 މީހުން މަރުވެ، 11,000 އަށްވުރެ ގިނަ މީހުން ޒަހަމްވެފައިވާކަމަށް ރަސްމީ ތަފާސްހިސާބުތަކުން ދައްކައެވެ.
ގެދޮރު ގެއްލިފައިވާ އެތައް ހާސް ބަޔަކު ތޮއްޖެހިފައިވާ ވަގުތީ ހިޔާތަކުގައާއި ހާމަ ތަންތަނުގައި ނިދަމުންދާއިރު، ސާފު ބޯފެނާއި ނަރުދަމާގެ ނިޒާމެއް ނެތުމުގެ ސަބަބުން ބަލިމަޑުކަމެއް ފެތުރިދާނެކަމުގެ އިންޒާރު ވަނީ ލިބިފައެވެ. ކަރަކަސްގެ ހޮސްޕިޓަލެއްގެ ޓްރައުމާ ޔުނިޓްގެ ވެރިޔާ އެއުޖީނިއޯ ކޯވާ ވިދާޅުވީ، ޒަހަމްވެފައިވާ މީހުންގެ އިންފެކްޝަންތައް އިތުރުވުމަކީ މިހާރު ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުން ކަމަށެވެ.
އެމެރިކާގެ އަސްކަރިއްޔާއިން ވަނީ އެހީގެ މަސައްކަތްތަކަށް 900 ސިފައިން ވެނެޒުއޭލާއަށް ފޮނުވާފައެވެ. އެމެރިކާގެ ސަދަން ކޮމާންޑުން ބުނި ގޮތުގައި، ބިންހެލުމުގައި ހަލާކުވި ވެނެޒުއޭލާގެ މައި އެއާޕޯޓުގެ ރަންވޭ މަރާމާތުކޮށް، އެހީގެ ސާމާނު އުފުލުމަށް މިހާރު ވަނީ މަގުފަހިކޮށްފައެވެ. މީގެ އިތުރުން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ވަނީ 300 މިލިއަން ޑޮލަރުގެ އެހީ ދިނުމަށް ނިންމާފައެވެ.
ނަމަވެސް، އދ. ގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ބިންހެލުމުގެ ސަބަބުން ލިބުނު ގެއްލުންތަކުގެ އަގު 6.7 ބިލިއަން ޑޮލަރަށްވުރެ މައްޗަށް އަރައެވެ. އިޒްރޭލާއި އިކުއެޑޯ ފަދަ ގައުމުތަކުންވެސް ވަނީ ސާޗް އެންޑް ރެސްކިއު ޓީމުތައް ފޮނުވާފައެވެ. އެހީގެ މަސައްކަތުގައި އުޅޭ ވޮލަންޓިއަރެއް ކަމަށްވާ ކެވިން ސިމް ބުނީ، ގައުމުގެ ހާލަތު ފެންނަނީ ހަނގުރާމައިގެ މައިދާނެއްގެ ގޮތުގައި ކަމަށެވެ.
ބިންހެލުމުގެ ކުރިންވެސް ވެނެޒުއޭލާގެ ސިއްހީ ނިޒާމު އޮތީ ވަރަށް ދަށް ހާލަތެއްގައެވެ. އިޤުތިސާދީ ކާރިސާއާ ގުޅިގެން ގިނަ އަދަދެއްގެ ޑޮކްޓަރުންނާއި ނަރުހުން ވަނީ ގައުމު ދޫކޮށް ގޮސްފައެވެ. މެޑިކަލް އެސޯސިއޭޝަނުން އަންދާޒާކުރާ ގޮތުގައި ރަޖިސްޓްރީވެފައިވާ 60,000 ޑޮކްޓަރުންގެ ތެރެއިން ތިންބައިކުޅަ އެއްބައި ޑޮކްޓަރުން މިހާރު ގައުމުގައި ނެތެވެ.
ޕީޑިއަޓްރިކްސް އެސޯސިއޭޝަންގެ ބޯޑު މެންބަރު ހުނިއަޑޭސް އުރުބީނާ ވިދާޅުވީ، ހޮސްޕިޓަލްތަކުގެ އެމަޖެންސީ ސާމާނުގެ 30 އިންސައްތަ އަދި އޮޕަރޭޝަން ތިއޭޓަރުތަކަށް ބޭނުންވާ ތަކެތީގެ 70 އިންސައްތަ މަދު ކަމަށެވެ. މި ބިންހެލުމާއެކު، ރައްޔިތުންނަށް އެކަށީގެންވާ ސިއްހީ ހިދުމަތް ފޯރުކޮށްދިނުމަށް ސަރުކާރު ނުކުޅެދިފައިވާ މިންވަރު އިތުރަށް ހާމަވެގެން ގޮސްފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.