ޚަބަރު
ބްލޫ ކާބަން ފައިނޭންސްގެ ޕެނަލް މަޝްވަރާގައި ރާއްޖޭއިން ބައިވެރިވެއްޖެ
ބައްދަލުވުމުގެ ތެރެއިން. ފޮޓޯ: ވުޒާރާ
ތައިލެންޑުގެ ބެންކޮކްގައި މިހާރު ކުރިއަށްދާ ޔުނައިޓެޑް ނޭޝަންސް އިކޮނޮމިކް އެންޑް ސޯޝަލް ކޮމިޝަން ފޯ އޭޝިއާ އެންޑް ދަ ޕެސިފިކްގެ "ކޮމިޓީ އޮން އެންވަޔަރަންމަންޓް އެންޑް ޑިވެލޮޕްމަންޓް" ގެ ނުވަވަނަ ސެޝަނުގެ ތެރެއިން ބޭއްވުނު "ބްލޫ ކާބަން ފައިނޭންސް" ހަރަކާތުގެ ޕެނަލް މަޝްވަރާގައި ދިވެހިރާއްޖޭން ބައިވެރިވެއްޖެއެވެ.
ރާއްޖޭގެ ފަރާތުން މި ޕެނަލް މަޝްވަރާގައި ބައިވެރިވެވަޑައިގަތީ މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާގެ ޑިރެކްޓަރ އަޙްމަދު ވަޙީދެވެ.
ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ޑިރެކްޓަރ ވަނީ ދިވެހިރާއްޖޭގެ ބްލޫ ކާބަންގެ މިހާރުގެ ހާލަތާއި، މި ދާއިރާއިން ރާއްޖޭގައި ކުރިން ކުރެވިފައިވާ މުހިންމު މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އަދި އޭނާ ވަނީ ތިމާވެށި ހިމާޔަތްކުރުމަށާއި މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް ރާއްޖޭގައި މިހާރު ކުރިއަށްގެންދަމުންދާ މުހިންމު ހަރަކާތްތަކާ ގުޅޭ ތަފްސީލީ ޕްރެޒެންޓޭޝަނެއް ހުށަހަޅުއްވާދެއްވާފައެވެ.
މި ޕްރެޒެންޓޭޝަނުގައި ވަނީ ރާއްޖޭގެ ކަނޑުފަޅުތަކާއި ފަރުތަކަކީ ބްލޫ ކާބަން ރައްކާކުރުމުގައި މުހިންމު ދައުރެއް އަދާކުރާ ތަންތަންކަން ފާހަގަކުރައްވާފައެވެ. އަދި މިފަދަ ވަސީލަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމަށް ބޭނުންވާ މާލީ އެހީތެރިކަމާއި ފަންނީ ގާބިލްކަން އިތުރުކުރުމުގެ މުހިންމުކަން ޕްރެޒެންޓޭޝަނުގެ ޒަރިއްޔާއިން ވަނީ ހިއްސާކުރައްވާފައެވެ.
މި ބައްދަލުވުމަކީ ދުނިޔޭގެ ތިމާވެށީގެ ދާއިރާގައި ހުރި ގޮންޖެހުންތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށާއި، ގައުމުތަކުގެ މެދުގައި ތަޖުރިބާ ހިއްސާކުރުމަށް ޓަކައި ބޭއްވިގެންދިޔަ މުހިންމު ބައްދަލުވުމެއްކަން މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ވަނީ ފާހަގަކުރައްވާފައެވެ. އަދި ރާއްޖޭގެ ފަރާތުން މިފަދަ ބައިނަލްއަގުވާމީ ޕްލެޓްފޯމެއްގައި ބައިވެރިވުމަކީ، މޫސުމީ ބަދަލުތަކުން ރައްކާތެރިވުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތައް ދުނިޔެއަށް ހާމަކޮށްދިނުމަށް ލިބުނު މުހިންމު ފުރުސަތެއްކަން ވެސް ވުޒާރާއިން ފާހަގަކުރެއްވިއެވެ.