ކޮލަމް
ބަލިމަޑުކަމުގެ ބިރުވެރިކަމުން ނަފްސާނީ ހަމަޖެހުމަށް އަސަރުކުރުވާ
ބަލިން ރައްކާތެރި ވުމަށް މާސްކު އަދި އަންގި ބޭނުންކޮށްފައިވާ މީހެއް
ދުނިޔޭގައި ފެތުރެމުންދާ އެކި ބާވަތްތަކުގެ ބަލިމަޑުކަމުގެ ޚަބަރުތަކަކީ އަބަދުވެސް އަޅުގަނޑުމެންގެ ސަމާލުކަމަށް އަންނަ ކަންކަމެވެ. އެބޯލާ ފަދަ ނުރައްކާތެރި ބަލިތަކާއި، އަލަށް ފެންނަމުންދާ އިންފެކްޝަންތަކުގެ ވާހަކަތަކުން، ބަލީގެ ނުރައްކާ ސީދާ ގޮތެއްގައި ކުރިމަތިނުވި ނަމަވެސް، އަޅުގަނޑުމެންގެ ނަފްސާނީ ދުޅަހެޔޮކަމާއި އިޖުތިމާޢީ ވިސްނުމަށް ބޮޑެތި ބަދަލުތަކެއް އާދެއެވެ. ސައިންސްވެރިން ބަޔާންކުރާ ގޮތުގައި، މި ބަދަލުތައް އަންނަނީ އިންސާނާގެ ހަށިގަނޑުގައިވާ "ބިހޭވިއަރަލް އިމިއުން ސިސްޓަމް" ނުވަތަ އުޅުމާ ގުޅިފައިވާ ދިފާޢީ ނިޒާމުގެ ސަބަބުންނެވެ.
އިންސާނާގެ ހަށިގަނޑުގެ ދިފާޢީ ނިޒާމަކީ ބަލިޖައްސާ ޖަރާސީމުތަކާ ހަނގުރާމަކުރުމަށްޓަކައި ވަރުގަދަ ހަތިޔާރުތަކެއް ލިބިފައިވާ ނިޒާމެކެވެ. ނަމަވެސް، މި ނިޒާމު ހަރަކާތްތެރިވުމަށްޓަކައި ހަށިގަނޑުން ބޮޑު ހަކަތައެއް ހޭދަވާތީ، އިންސާނާގެ ފިޠުރަތުގައި ވަނީ ބަލިޖެހުމުގެ ކުރިން އެކަމުން ރައްކާތެރިވުމަށް މަގުފަހިކޮށްދޭ ނަފްސާނީ ސިފަތަކެއް ލައްވާފައެވެ. މި ނިޒާމުގެ އެންމެ އަސާސީ ސިފައަކީ "ފަކުރުގަތުން" ނުވަތަ "ޑިސްގަސްޓް" އެވެ. ނުބައި ވަސްދުވާ އެއްޗެއްސާއި، މުޑުދާރު ތަންތަނުން އަޅުގަނޑުމެން ދުރުހެލިވަނީ ބަލިޖެހިދާނެ ކަމުގެ ބިރު އޮންނާތީއެވެ.
ނަމަވެސް، މި ދިފާޢީ ނިޒާމުގެ އަސަރު ހަމައެކަނި ސާފުތާހިރުކަމަކަށް ހުއްޓައެއް ނުލައެވެ. ދިރާސާތަކުން ދައްކާގޮތުގައި، ބަލިމަޑުކަމެއްގެ ބިރުވެރިކަން އިޙްސާސްވާ ހިނދު، މީހުން އިޖުތިމާޢީ އުޞޫލުތަކަށް ބޯލެނބުމަށް ބޮޑަށް ބާރުއަޅައެވެ. އަދި އާދަކާދަތަކާ ޚިލާފުވާ މީހުންނާ މެދު ކުރާ ޙުކުމްތައް ހަރުކަށިވެއެވެ. މީގެ އިތުރުން، ބޭރު ގައުމުތަކުގެ މީހުންނާއި، ބޭރުން އަންނަ މީހުންނަށް އޮންނަ އިތުބާރު ކުޑަވެ، ނަސްލީ ތަފާތުކުރުންތަކަށް މަގުފަހިވާ ކަމަށްވެސް ބައެއް ދިރާސާތަކުން ދައްކައެވެ. މިއީ ނޭނގި ތިއްބާ، ބޭރުން އަންނަ މީހުންނަކީ ބަލި ފަތުރާފާނެ ބައެއް ކަމަށް ހީކުރެވޭތީ އަންނަ ބަދަލެކެވެ.
ކޯވިޑް-19 ގެ ބަލިމަޑުކަމުގެ ތެރޭގައި ކުރެވުނު ދިރާސާތަކުންވެސް މިކަމުގެ ހެކިތައް ފެނިފައިވެއެވެ. އިޓަލީގައި ކުރެވުނު ދިރާސާއަކުން ދެއްކި ގޮތުގައި، ބައްޔަށް ބޮޑަށް ބިރުގަންނަ މީހުންގެ މެދުގައި ބޭރު މީހުންނާއި މަސްތުވާތަކެތި ބޭނުންކުރާ މީހުން ފަދަ މައިނޯރިޓީ ގްރޫޕްތަކަށް އޮންނަ ނަފުރަތު ވަނީ އިތުރުވެފައެވެ. ނަމަވެސް، މިއީ ހަމައެކަނި ދިފާޢީ ނިޒާމުން ނިންމާ ނިންމުމެއް ނޫނެވެ. ކޮންމެ މީހެއްގެވެސް ތަޢުލީމާއި، ތަރުބިއްޔަތާއި، އުޅޭ މާޙައުލާއި، މިޒާޖަކީ މިފަދަ ނިންމުންތަކުގައި މުހިންމު ދައުރެއް އަދާކުރާ ކަންކަމެވެ.
ބަލިމަޑުކަމުގެ ބިރުވެރިކަމަކީ އަޅުގަނޑުމެންގެ ނަފްސާނީ ހަމަޖެހުމަށް އަސަރުކުރުވާ ކަމެކެވެ. އެކަމުގެ ސަބަބުން އަޅުގަނޑުމެން އެހެން މީހުންނާ މެދު ދެކޭގޮތް ބަދަލުވެ، ހަރުކަށި ވިސްނުންތަކެއް އުފެދިދާނެއެވެ. އެހެންކަމުން، މިފަދަ ދަނޑިވަޅުތަކުގައި އަޅުގަނޑުމެންގެ އިޙްސާސްތަކާއި ވިސްނުންތައް ހުރިގޮތް ދެނެގަނެ، އެހެން މީހުންނާ މެދު އިންސާފުވެރިކޮށް ކަންކުރުމަކީ މުހިންމު ކަމެކެވެ.