ޚަބަރު
މާރާމާރީ ހިންގަން އުޅުނު 6 މީހަކު ހައްޔަރުކޮށްފި
ޝަހީދު ހުސެއިން އާދަމް ބިލްޑިންގ
މާލެ އާއި ހުޅުމާލޭގައި ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގަން އުޅުނު 6 މީހަކު ހައްޔަރުކޮށްފިއެވެ.
އެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ މާރާމާރީ ހިންގުމަށް ރާވަމުންދާ ކަމުގެ ތުހުމަތުގައި، ކޯޓު އަމުރެއްގެ ދަށުން ރައިވެރި ހިނގުމުގައި ހުންނަ ގެސްޓް ހައުސްއަކާއި، އެ ސަރަހައްދު ބަލައި ފާސްކުރުމުގެ ތެރޭގައެވެ.
މި އޮޕަރޭޝަނުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ 6 މީހުންނަކީ ވެސް ދިވެހި ފިރިހެނުންނެވެ. އޭގެ ތެރޭގައި ހިމެނެނީ، 30 އަހަރުގެ ދެ މީހުނާއި، 23 އަހަރުގެ މީހަކާއި، 21 އަހަރުގެ މީހަކާއި، 34 އަހަރުގެ މީހެއްގެ އިތުރުން 32 އަހަރުގެ މީހެކެވެ.
ޖުލައި މަހުގެ 2 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަނުގައި، އެ ސަރަހައްދު ބަލައި ފާސްކުރިއިރު، އެ މީހުންގެ އަތުން ވަނީ ފަތްޖެހި ވަޅިއަކާއި، 39،695 ދިވެހި ރުފިޔާ ފެނިފައެވެ.
މި މައްސަލައިގައި އެ މީހުންގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކޯޓަށް ވަނީ ހާޒިރުކޮށްފައެވެ. ކޯޓުން ވަނީ އޭގެ ތެރެއިން 4 މީހަކު 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައެވެ. އަދި ބާކީ ތިބި 2 މީހުން ޝަރުތުތަކަކާއެކު ކޯޓުން ވަނީ ދޫކޮށްލާފައެވެ.
މި މައްސަލަ އަދި އިތުރަށް ތަހުޤީޤު ކުރަމުންދާކަމަށް ފުލުހުން މައުލޫމާތުދެއްވައެވެ.