ކުޅިވަރު

ބްރެޒިލްގެ ތަރި ނޭމާ ބައިނަލްއަގުވާމީ ފުޓުބޯޅައިން ރިޓަޔަރކޮށްފި

ބްރެޒިލްގެ ތަރި ނޭމާ ބައިނަލްއަގުވާމީ ފުޓުބޯޅައިން ރިޓަޔަރކޮށްފި

ބްރެޒިލްގެ ތަރި ނޭމާ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

06 ޖުލައި 2026، 09:46

06 ޖުލައި 2026، 09:46

ވާރލްޑް ކަޕްގެ ގަދަ 16 ގައި ނޯވޭ އަތުން 2-1 އިން ބްރެޒިލް ބަލިވި މެޗަށްފަހު، އެ ގައުމުގެ ފުޓުބޯޅަ ލެޖެންޑް ނޭމާ ޖޫނިއަރ ބައިނަލްއަގުވާމީ ފުޓުބޯޅައިން ރިޓަޔަރކުރިކަން ރަސްމީކޮށް އިއުލާނުކޮށްފިއެވެ.

އުމުރުން 34 އަހަރުގެ ނޭމާ ބްރެޒިލްގެ ގައުމީ ޓީމަށް ކުޅުން ހުއްޓާލީ އެ ގައުމުގެ ތާރީޚުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ޝަރަފާއެކުގައެވެ. އޭނާ ވަނީ ގައުމީ ޓީމަށް ކުޅުނު 129 މެޗުގައި 80 ލަނޑު ކާމިޔާބުކޮށްފައެވެ.

2010 ވަނަ އަހަރު ބްރެޒިލްގެ ސީނިއާ ޓީމަށް ކުޅެން ފެށި ނޭމާ ވަނީ މިހާތަނަށް ހަތަރު ވާރލްޑް ކަޕްގައި ވާދަކޮށްފައެވެ. މީގެ އިތުރުން ދެ އޮލިމްޕިކްސްއެއްގައި ވާދަކޮށް، 2012 ވަނަ އަހަރު ރިހި މެޑަލް އަދި 2016 ވަނަ އަހަރު ބްރެޒިލަށް ރަން މެޑަލް ހޯދައިދިނުމުގައި މުހިންމު ދައުރެއް އަދާކުރިއެވެ.

މި ފަހަރުގެ ވާރލްޑް ކަޕްގައި ނޭމާ ފެނިގެންދިޔައީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައެވެ. އެގޮތުން ގްރޫޕް ސްޓޭޖުގައި ސްކޮޓްލޭންޑާ ދެކޮޅަށް ކުޅުނު މެޗުގެ ދެވަނަ ހާފުގައި އޭނާ ކުޅެން އެރިއެވެ. އަދި ނޯވޭއާ ދެކޮޅަށް ކުޅުނު މެޗުގެ ފަހު ވަގުތު ލިބުނު ޕެނަލްޓީއަކުން އޭނާ ވަނީ މި މުބާރާތުގައި ޖެހި ހަމައެކަނި ލަނޑު ކާމިޔާބުކޮށްފައެވެ.

ނޭމާ ރިޓަޔަރކުރި ޚަބަރާއެކު ދުނިޔޭގެ މަޝްހޫރު ފުޓުބޯޅަ ތަރިން ވަނީ އޭނާއަށް ތައުރީފުކޮށްފައެވެ. ފްރާންސްގެ ކުރީގެ ތަރި ތިއެރީ އޮންރީ ބުނީ ނޭމާއަކީ ކުޅޭތަން ބަލާލުމަށްޓަކައި ފައިސާ ޚަރަދުކޮށްފައިވެސް ދާން ބޭނުންވާ ފަދަ މޮޅު ކުޅުންތެރިއެއް ކަމަށެވެ. "މި ކުޅުންތެރިޔާ ވަނީ ފުޓުބޯޅަ ކުޅޭ ގޮތާއި، އޭނާގެ ހުނަރާއި ހިނިތުންވުމުން މުޅި ދުނިޔެ މި ކުޅިވަރަށް ލޯބިޖައްސާފައި. ކޮންމެ ކުޑަކުއްޖަކުވެސް ބޭނުންވީ ނޭމާއަކަށް ވާން،" އޮންރީ ބުންޏެވެ.

ސްވިޑަންގެ ތަރި ޒްލަޓާން އިބްރަހިމޮވިޗް ބުނީ ނޭމާއަކީ އާދަޔާޚިލާފު ހުނަރެއް ހުރި ކުޅުންތެރިއެއް ކަމަށާއި، ބާސެލޯނާ އަދި ޕީ.އެސް.ޖީގައިވެސް އޭނާ ތަފާތު ދެއްކި ކަމަށެވެ. "އޭނާގެ ކިބައިގައި ހުރި ހުނަރަކީ ހަމަ އާދަޔާޚިލާފު ކަމެއް. މިއީ ބްރެޒިލްގެ ފުޓުބޯޅައަށް ލިބުނު ވަރަށް ހިތާމަވެރި ވަގުތެއް،" އިބްރަހިމޮވިޗް ފާހަގަކުރިއެވެ.

ބްރެޒިލް ކަޓައިގެން ދިޔުމާއެކު މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރުކުރި ނޯވޭ ދެން ބައްދަލުކުރާނީ މެކްސިކޯ އާއި އިންގްލެންޑް ކުޅެގެން މޮޅުވާ ޓީމަކާއެވެ. މި މެޗު އޮންނާނީ ޖުލައި 11 ވަނަ ދުވަހު މިއާމީ ސްޓޭޑިއަމްގައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450