ކުޅިވަރު

މިއީ އަހަރެންގެ ފަހު ވޯލްޑް ކަޕް، ރިޓަޔާ ކުރާނީ އަމިއްލަ ނިންމުމަކަށް: ރޮނާލްޑޯ

މިއީ އަހަރެންގެ ފަހު ވޯލްޑް ކަޕް، ރިޓަޔާ ކުރާނީ އަމިއްލަ ނިންމުމަކަށް: ރޮނާލްޑޯ

ރޮނާލްޑޯ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

06 ޖުލައި 2026، 09:57

06 ޖުލައި 2026، 09:57

އެމެރިކާ، މެކްސިކޯ އަދި ކެނެޑާގައި މިހާރު ކުރިއަށްދާ ފީފާ ވޯލްޑް ކަޕަކީ އޭނާގެ ކެރިއަރުގައި ކުޅޭނެ ފަހު ވޯލްޑް ކަޕް ކަމަށް ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އިޢުލާނުކޮށްފިއެވެ.

ރޮނާލްޑޯ މިކަން ހާމަކުރީ މުބާރާތުގެ ގަދަ 16 ބުރަށް ޕޯޗުގަލް ދަތުރުކޮށްފައިވާތީ،  ސްޕެއިނާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ. އުމުރުން 41 އަހަރުގެ ރޮނާލްޑޯ ބުނީ ޔަގީނުންވެސް މިއީ އޭނާގެ ފަހު ވޯލްޑް ކަޕް ކަމަށެވެ. ނަމަވެސް ގައުމީ ޓީމުން ރިޓަޔާކުރުމަކީ އަމިއްލަ ނިންމުމެއް ކަމަށާއި، އެއީ ވަކި ބަޔަކު ބުނެގެން ކުރާނެ ކަމެއް ނޫން ކަމަށް އޭނާ ފާހަގަކުރިއެވެ.

ކުރިމަތިވަމުންދާ ފާޑުކިޔުންތަކަށް ރައްދުދެމުން ރޮނާލްޑޯ ބުނީ، މީގެ އަހަރުތަކެއް ކުރިން ހުރި ފެންވަރުގައި މިހާރު ނެތް ނަމަވެސް، އޭނާއަކީ ދަށް ކުޅުމެއް ކުޅޭ ކުޅުންތެރިއެއް ނޫން ކަމަށެވެ.

"ވޭތުވެދިޔަ 23 އަހަރު ތެރޭގައި ވެސް ފާޑުކިޔާ މީހުން މަސައްކަތް ކުރީ އަހަރެންގެ ހިތްމަރާލަން. އެކަމަކު އަހަރެން އަބަދުވެސް މަސައްކަތް ކުރަނީ ޓީމުގެ ހައްގުގައި،" ރޮނާލްޑޯ ބުންޏެވެ. އޭނާ އިތުރަށް ބުނީ މެޗުތަކުގައި ކުޅުނަސް ނުކުޅުނަސް އޭނާގެ ބައިވެރިވުން ޓީމަށް ބޭނުންވާނެ ކަމަށެވެ.

ރޮނާލްޑޯ ވަނީ ވޯލްޑް ކަޕް ކާމިޔާބު ކުރުމަކީ އޭނާގެ ކެރިއަރު ބިނާވެފައިވާ ކަމެއް ކަމަށް ބުނެ ދެކެވޭ ވާހަކަތަކަށް ވެސް ރައްދު ދީފައެވެ. އޭނާ ބުނި ގޮތުގައި އެއީ އެއްވެސް އަސާސެއް ނެތް ވާހަކަތަކެކެވެ.

2003 ވަނަ އަހަރު ކަޒަކިސްތާނާ ދެކޮޅަށް ކުޅުނު މެޗުން ގައުމީ ޓީމަށް ކުޅެން ފެށި ރޮނާލްޑޯ ވަނީ ތާރީޚީ ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ. އޭނާ އަކީ ފީފާ ވޯލްޑް ކަޕުގެ ހަ މުބާރާތެއްގައި ލަނޑުޖެހި ހަމައެކަނި ކުޅުންތެރިޔާއެވެ. 2006 ވަނަ އަހަރުން ފެށިގެން މިހާތަނަށް ކުޅުނު ހުރިހާ ވޯލްޑް ކަޕެއްގައި އޭނާ ވަނީ ޖުމްލަ 11 ލަނޑު ޖަހާފައެވެ.

މިރޭގެ މެޗުގައި ޕޯޗުގަލް ނުކުންނާނީ ވަރުގަދަ ސްޕެއިނާ ދެކޮޅަށެވެ. އެންމެ ފަހުން 2018 ވަނަ އަހަރުގެ ވޯލްޑް ކަޕުގައި މި ދެ ޓީމު ބައްދަލުކުރި މެޗުގައި ރޮނާލްޑޯ ވަނީ ސްޕެއިން ކޮޅަށް ހެޓްރިކެއް ހަދާފައެވެ. އެހެންކަމުން، މިރޭގެ މެޗަކީ އޭނާގެ ފަހު ވޯލްޑް ކަޕް ދަތުރުގައި ކުޅޭނެ އެންމެ ފޯރިގަދަ އެއް މެޗަށް ވާނެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450