ޚަބަރު
މާލޭ ރިންގްރޯޑުގެ މަސައްކަތް ނިމުމުން ގިނަ ބަޔަކަށް ފަސޭހަވެގެންދާނެ: ވަޒީރު
ވަޒީރު މުޙައްމަދު ސަޢީދު. ފޮޓޯ: މަޖިލިސް
މާލޭ ރިންގްރޯޑުގެ މަސައްކަތް ނިމުމުން ގިނަ ބަޔަކަށް ފަސޭހަވެގެންދާނެ ކަމަށް އިގުތިސާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޒީރު މިގޮތަށް ވިދާޅުވެފައިވަނީ މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހީމް ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ. ރައްޔިތުންނަށް ދިމާވަމުންދާ ދަތިތައް ހައްލުކުރުމަށް ޓަކައި، ފުޅާ ކުރަން ޖެހޭ މަގެއް ނަމަ ރައިސް މުއިއްޒުގެ ސަރުކާރުން ދަނީ ފުޅާ ކުރައްވަމުންކަމަށް ވަޒީރު ވިދާޅުވިއެވެ.
އަދި އެމްޑީޕީގެ ސަރުކާރެއްގެ ވެރިކަން ނިމިގެންދިޔައިރު، ރައްޔިތުންނަށް ދިމާވެފައިވާ އެތައް އުނދަގުލަކާއި ދަތިތަކެއް ހައްލުވެފައި ނުވާކަމަށް ވަޒީރު ސައީދު ވިދާޅުވިއެވެ. އަދި މި ކަންކަން ހައްލުކުރުމަށް މި ސަރުކާރުން ދަނީ މަސައްކަތްތަކެއް ކުރަމުންކަން ވަޒީރު ފާހަގަކުރެއްވިއެވެ.
"މަގު ފުޅާވީމަ އިރާދަކުރެއްވިއްޔާ ވަރަށް ގިނަ ލުއިތަކެއް ލިބިގެން މި ދަނީ. ވިޔަފާރިވެރިންނަށް، ދަތުރުފަތުރަށް، ހިނގާ ބިނގާވެ އުޅޭމީހުންނަށް، އަދި ވެހިކަލްދުއްވުމަށް"
ވަޒީރު ސަޢީދު
ބޮޑުތަކުރުފާނު މަގު ހެދުމުގެ ބޮޑު މަޝްރޫޢުގެ ދަށުން، މާލޭގެ ތޮއްޖެހުމަށް ބޮޑު ހައްލެއް ލިބިގެންދާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ވަނީ ވިދާޅުވެފައެވެ. އަދި މި މަޝްރޫއުގެ އެންމެ ބޮޑު އެއް މަޤްސަދަކީ ޕާކިންއަށް ދާއިމީ ހައްލެއް ހޯދައިދިނުން ކަމަށް މީގެ ކުރިން ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.
އެމްޓީސީސީއާ ހަވާލުކޮށްގެން، ދައުލަތުގެ ބަޖެޓުން ހަރަދުކޮށްގެން ކުރިއަށްގެންދާ މި މަސައްކަތް މިމަހުގެ ތެރޭގައި އެއްކޮށް ނިންމާ، އާންމުނަށް ބޭނުން ކުރެވޭހެން ހުޅުވާލެވިގެންދާނޭ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.