ޚަބަރު
ހއ. ހޯރަފުށީ ފަރުމައްޗަށް ލެއްގި 30 ފޫޓުގެ ބޮޑުމަސް ވަޅުލައިފި
ހޯރަފުއްޓަށް ލެއްގި ބޮޑު މަސް ވަޅުލުމުގެ މަސައްކަތް ކުރަނީ / ފޮޓޯ: ހޯރަފުށި ކައުންސިލް
ހއ. ހޯރަފުށީ ހުޅަނގު ފަރާތު ފަރުމައްޗަށް ގާތްގަނޑަކަށް 30 ފޫޓު ހުރި ބޮޑު މަހެއް ލައްގައިފިއެވެ. މި ބޮޑުމަސް ފެނުމާއެކު، އެ ރަށު ކައުންސިލާއި ކަމާގުޅޭ އިދާރާތައް ގުޅިގެން ވަނީ އެ ސަރަހައްދުން މަސް ނަގައި ނައްތާލުމުގެ މަސައްކަތް ކޮށްފައެވެ.
ހޯރަފުށީ ކައުންސިލުން މައުލޫމާތު ދެއްވި ގޮތުގައި، ފަރުމައްޗަށް ލެއްގި މި ބޮޑުމަސް ނެގުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ ކައުންސިލާއި، ހޯރަފުށީ ޕޮލިސް ސްޓޭޝަނާއި، އެމް.އެން.ޑީ.އެފް ނޮދަން އޭރިއާ ކޮމާންޑްގެ އިތުރުން އެމް.ޓީ.ސީ.ސީ ހޯރަފުށީ ސައިޓްގެ އެހީތެރިކަމާއެކުގައެވެ. ބޮޑުމަސް ފަރުމަތިން ނަގައިގެން ގޮނޑުދޮށަށް ގެންދިއުމަށްފަހު، މިހާރު ވަނީ ރަށުގެ އެކަށީގެންވާ ސަރަހައްދެއްގައި ވަޅުލާފައެވެ.
މި މަސައްކަތް ކާމިޔާބުކަމާއެކު ނިންމާލުމަށްފަހު ހޯރަފުށީ ކައުންސިލުން ވަނީ މި ހަރަކާތުގައި ބައިވެރިވި ހުރިހާ މުއައްސަސާތަކަށް ޝުކުރު އަދާކޮށްފައެވެ. އެގޮތުން މި މަސައްކަތުގައި ހޯރަފުށީ ޕޮލިސް ސްޓޭޝަނާއި އެމް.ޓީ.ސީ.ސީ އަދި އެމް.އެން.ޑީ.އެފް ނޮދަން އޭރިއާ ކޮމާންޑް އިން ދެއްވި ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަމަށްޓަކައި އެ ފަރާތްތަކަށް ކައުންސިލުން ވަނީ ޝުކުރު އަދާކޮށްފައެވެ.
ބޮޑު މަސް ވަޅުލުމުގެ މަސައްކަތް ކުރަނީ / ފޮޓޯ: ހޯރަފުށި ކައުންސިލް
މިފަދަ ބޮޑެތި މަސްމަހާމެހި ފަރުފަރަށް ލެއްގުމަކީ ތިމާވެށީގެ ގޮތުންނާއި ސިއްހީ ގޮތުން ބަލާއިރު އަވަހަށް ފިޔަވަޅު އަޅަންޖެހޭ ކަމަކަށްވާތީ، ކަމާބެހޭ އިދާރާތަކުން ވަނީ ވަގުތުން އެ މަސް ނައްތާލުމުގެ މަސައްކަތް ނިންމާލާފައެވެ.