ޚަބަރު
ތައިލެންޑުގައި ބާއްވާ އޭޝިއާ އެން.ޑީ.އީ ފޯރަމްގައި ތިމާވެށްޓާއި ބެހޭ ވުޒާރާއިން ބައިވެރިވެއްޖެ
ފޯރަމުގެ ތެރެއިން. ފޮޓޯ: ވުޒާރާ
މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާގެ އިސް ބޭފުޅުން ތައިލެންޑުގައި ބާއްވާ "2026 އޭޝިއާ އެން.ޑީ.އީ އަދި އެން.ޑީ.އީ-އެން.ޑީ.އޭ ކޯޑިނޭޝަން ފޯރަމް" ގައި ބައިވެރިވެވަޑައިގެންފިއެވެ.
ޖުލައި މަހުގެ 7 އިން 10 އަކަށް ހަތަރުދުވަހުގެ މުއްދަތަކަށް ކުރިއަށްދާ މި ފޯރަމުގައި، ރާއްޖޭގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާގެ ޑައިރެކްޓަރ ޖެނެރަލް އަމްޖަދު އަބްދުﷲ އާއި ޑައިރެކްޓަރ ޖެނެރަލް އަހުމަދު އަލީއެވެ.
މި ފޯރަމަކީ އޭޝިއާ ސަރަހައްދުގެ ގައުމުތަކުގެ 'ނޭޝަނަލް ޑެސިގްނޭޓެޑް އެންޓިޓީސް' (އެން.ޑީ.އީ) އަދި 'ނޭޝަނަލް ޑެސިގްނޭޓެޑް އޮތޯރިޓީސް' (އެން.ޑީ.އޭ) ތަކުގެ މެދުގައި މައުލޫމާތާއި ތަޖުރިބާ ބަދަލުކުރުމަށް ބާއްވާ މުހިންމު ބައްދަލުވުންތަކަކަށްވާއިރު، ފޯރަމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެވޭނީ ހަކަތައިގެ ނިޒާމު ބަދަލުކުރުމާއި ، އަލަށް ތައާރަފްވަމުންދާ ހަކަތައިގެ ޓެކްނޮލޮޖީތަކާއި، މޫސުމީ ބަދަލުތަކަށް ހައްލު ހޯދުމަށް އާޓިފިޝަލް އިންޓެލިޖެންސް (އޭ.އައި) ގެ ބޭނުން ހިފޭނެ ގޮތްތަކާއި ގުޅޭގޮތުންނެވެ.
އަދި ހަމައެހެންމެ، މޫސުމީ ކަންކަމަށް ބޭނުންވާ މާލީ އެހީތެރިކަން ހޯދުމާއި އިދާރީ ގުޅުންތައް ވަރުގަދަކުރުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރައްވާނޭކަމަށް ވުޒާރާއިންވަނީ ބުނެފައެވެ.
The Ministry of Climate Change, Environment and Energy,represented by Director General Amjad Abdulla and Director General Ahmed Ali joined 2026 Asia NDE and NDE-NDA coordination Forum, 7 to 10 July, 2026, Thailand.
— Min. of Climate Change, Environment and Energy, MV (@MoEnvmv) July 7, 2026
The four-day programme brings together National Designated… pic.twitter.com/xHzge0fUP4
ރާއްޖެއިން މި ފޯރަމުގައި ބައިވެރިވުމަކީ ސާފު ހަކަތަ ކުރިއެރުވުމަށާއި، މޫސުމީ ޓެކްނޮލޮޖީ ރާއްޖެއަށް ތައާރަފްކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ލިބިގެންދާނޭ ބޮޑު ކުރިއެރުމެއްކަން ވުޒާރާއިން ފާހަގަކުރައްވައެވެ. އަދި މި ބައްދަލުވުމުގެ ސަބަބުން ރާއްޖޭގައި ކުރިއަށް ގެންދެވޭނެ ބޮޑެތި މަޝްރޫއުތައް ދެނެގަތުމަށާއި، އދ. ގެ ކްލައިމެޓް ޓެކްނޮލޮޖީ ސެންޓަރ އެންޑް ނެޓްވޯކް (ޔޫ.އެން.ސީ.ޓީ.ސީ.އެން) އަދި ގްރީން ކްލައިމެޓް ފަންޑް (ޖީ.ސީ.އެފް) ފަދަ ބައިނަލްއަގުވާމީ އެހީދޭ އިދާރާތަކާއެކު އޮންނަ ގުޅުން އިތުރަށް ވަރުގަދަވެގެންދާނެކަމަށް ވެސް ވުޒާރާއިން ބުނެއެވެ.