ޚަބަރު
މާލޭ ނޯތު ހާބަރުގެ "އޭ ޒޯން" އިން ފެނާއި ކަރަންޓްގެ ޚިދުމަތްދޭން ފަށައިފި
އެ ސަރަހައްދުގައި ހިދުމަތް ޤާއިމުކޮށް ފަށްޓަވާދެއްވުމުގެ ތެރެއިން' ފޮޓޯ: އެމްޕީއެލް
މާލޭ ނޯތު ހާބަރުގެ "އޭ ޒޯން" (ބޮޑުތަކުރުފާނު މަގާވީ ފަރާތް) ގައި އޮޑިދޯނި ފަހަރަށް ފެނާއި ކަރަންޓުގެ ޚިދުމަތް ލިބޭނެ ނިޒާމް ޤާއިމްކުރުމަށް ޓަކައި ކުރަމުން ދިޔަ މަސައްކަތް ނިންމާލައި، އިއްޔެއިން ފެށިގެން ކަރަންޓާއި ފެނުގެ ހިދުމަތްދޭން ފަށާފައިވާ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ބުނެފިއެވެ.
އެމްޕީއެލްއިން ހާމަކުރި ނޫސްބަޔާނެއްގައި ބުނެފައިވަނީ، މީގެ ކުރިން ކަރަންޓާއި ފެނުގެ ޚިދުމަތް ފޯރުކޮށްދެނީ "ބީ ޒޯން" އަދި "ސީ ޒޯން" އިންކަމަށެވެ. ނަމަވެސް 07 ޖުލައި 2026 އިން ފެށިގެން މި ހިދުމަތް ވާނީ "އޭ ޒޯން" ގައި ވެސް ފޯރުކޮށްދޭން ފަށާފައެވެ.
ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަޝްރޫޢޫގެ ދެވަނަ ސެގްމަންޓް ފުރިހަމަވެ، މާލޭ ނޯތު ހާބަރު ސަރަހައްދު އަލުން ހުޅުވުމާއެކު، ރައީސުލްޖުމްހުރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ވަނީ، މާލޭ ނޯތު ހާބަރުގެ ޚިދުމަތް ފުޅާކޮށް، "އޭ ޒޯން" ގައި ފެނާއި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމަށް އަންގަވާފައިކަމަށް އެމްޕީއެލުން ވަނީ ބުނެފައެވެ. އެކަމާއި ގުޅިގެން، މި އަހަރުގެ މާރިޗު މަހުގެ ތެރޭގައި "އޭ ޒޯން" ގައި މި ހިދުމަތްތައް ފޯރުކޮށްދިނުމަށް ޓަކައި ކުރަންޖެހޭ މަސައްކަތްތައް އެ ކުންފުނިން ފަށާފައިވާކަމަށް އެމްޕީއެލުން ބުނެއެވެ.
"އޭ ޒޯން" އިން މި ހިދުމަތް ފޯރުކޮށްދޭން ފެށުމަކީ ނޯތް ހާބަރު ބޭނުންކުރާ އޮޑިދޯނި ފަހަރަށް ލިބިގެންދާނެ އިތުރު ލުއި ފަސޭހަކަމެއްކަން ފާހަގަކުރައްވާ އެމްޕީއެލްއިން ބުނީ، މިހާރު އެ ސަރަހައްދުން އެއް ފަހަރާ 48 އުޅަނދަށް ކަރަންޓު ފޯރުކޮސްދެވިގެންދާނެ ކަމަށް ވިދާޅުވެފައެވެ. އަދި ފެން ފޯރުކޮށްދިނުމަށް 16 ޕޮއިންޓެއް ޤާއިމުކޮށްފައިވާނެ ކަމަށް ވެސް އެ ކުންފުނިން ވަނީ ބުނެފައެވެ.
މާލޭ ނޯތު ހާބަރ އިން ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު މަތިކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، "ޒޯން-އޭ" ސަރަހައްދުން ކަރަންޓާއި ފެނުގެ ޚިދުމަތް ދިނުމުގެ އިންތިޒާމްތައް ހަމަޖައްސައި، މިއަދު އެ ޚިދުމަތްތައް ވަނީ ރަސްމީކޮށް ފަށައިފައެވެ.
— Maldives Ports Limited (@Portmv) July 7, 2026
މީގެ ކުރިން "ޒޯން-އޭ"… pic.twitter.com/Qtc04D6xVA
އަދި މާލޭ ނޯތު ހާބަރުގައި ފެނާއި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމަށް ޓަކައި، އެ ކުންފުނީގެ ކަމާ ގުޅުންހުރި ޑިޕާޓްމަންޓްތަކުން ވަރަށް ބުރަ މަސައްކަތްތަކެއް ކޮށްފައިވާކަން އެމްޕީއެލުން ވަނީ ފާހަގަކޮށްފައެވެ.