ރިޕޯޓް
ދިވެހި ލިޔުންތެރިކަމުގެ ތާރީޚާއި އާލާވަމުން އަންނަ އުންމީދުތައް
ދިވެހި ލިޔުންތެރިންގެ ދުވަސް. ފޮޓޯ: ފަރުދުން
ކޮންމެ އަހަރެއްގެ ޖުލައި މަހުގެ 8 ވަނަ ދުވަސް ރާއްޖޭގެ ފާހަގަކުރެވިގެންދަނީ ލިޔުންތެރިންގެ ދުވަހުގެ ގޮތުގައެވެ. މިއީ ދިވެހިންގެ ތެރޭގައި ލިޔުންތެރިކަމުގެ ހުނަރު ތަރައްޤީކޮށް، އަންނަން އޮތް ޖީލުތަކުގެ މެދުގައި ލިޔުންތެރިކަމަށް ޝައުޤުވެރިކަން އުފެއްދުމުގެ ގޮތުން ފާހަގަކުރެވިގެންދާ ދުވަހަކަށްވާއިރު، ރާއްޖޭގެ ތާރީޚުގައި ލިޔުންތެރިން އަދާކޮށްފައިވާ މުހިންމު ދައުރުގެ ހަނދާންތައް ވެސް މި ދުވަސް ފާހަގަކުރުމުގެ ސަބަބުން އާލާވެގެންދެއެވެ.
ޖުލައި 8 ގައި މި ދުވަސް ފާހަގަކުރެވޭ ސަބަބު
މި ދުވަސް ލިޔުންތެރިންގެ ދުވަހުގެ ގޮތުގައި ފާހަގަކުރުމަށް އޭރުގެ ސަރުކާރުން ހަމަޖެއްސެވީ، 8 ޖުލައި 1933 ގައި ލިޔުންތެރިންގެ ގިނަ ބަޔަކު ބައިވެރިވެގެން ފުރަތަމަ ފަހަރަށް ރާއްޖޭގައި މަޖައްލާއެއް ނެރުނީ އެ ދުވަހުގައި ކަމަށް ވާތީއެވެ. "އަލް އިޞްލާޙު" ގެ ނަމުގައި ނެރެވުނު މި މަޖައްލާގެ އިސްވެރިންގެ ގޮތުގައި ތިއްބެވީ އޭރުގެ ވަޒީރުލް ޙައްޤާނިއްޔާ ފަލީލަތުއްޝައިޚް ޙުސައިން ޞަލާޙުއްދީނާއި، ވަޒީރުލް މަޢާރިފް އަދި ވަޒީރުއްދާޚިލިއްޔާ އަލްއުސްތާޛް އަޙްމަދު ކާމިލް ދީދީއެވެ. މި މަޖައްލާގެ އެޑިޓަރެއްގެ ގޮތުގައި މަސައްކަތްކުރެއްވީ އަޙްމަދު ކާމިލް ދީދީއެވެ.
1932 ވަނަ އަހަރު ރާއްޖޭގެ ފުރަތަމަ ޤާނޫން އަސާސީ އެކުލަވާލުމާއި ގުޅިގެން ލިބުނު ނޫސްވެރިކަމުގެ މިނިވަންކަމާއި ގުޅިގެން މި މަޖައްލާ އުފެދިގެންދިޔައިރު، މި މަޖައްލާގެ 8 އަދަދު ނިކުމެފައިވެއެވެ. ކޮންމެ ހިޖުރީ މަހެއްގެ 15 ވަނަ ދުވަހު މަޖައްލާ ނެރޭ ގޮތަށް އޭރު ހަމަޖައްސަވާފައިވާއިރު، އެކި ދާއިރާތަކުގެ މަޒުމޫނުތައް މި މަޖައްލާތަކުގައި ހިމަނާފައިވެއެވެ. އެގޮތުން ދުނިޔޭގެ ޚަބަރާއި، ދީނީ، ސިޔާސީ، ޢިލްމީ، ޞިއްޙީ އަދި އިޤުތިޞާދީ ދާއިރާއިން އެކި ބާވަތުގެ ލިޔުންތައް މަޖައްލާގައި ހިމަނާފައިވިއެވެ.
ތާރީޚުގެ ތެރެއިން ލިޔުންތެރިކަން
ދިވެހީންގެ ލިޔުންތެރިކަމުގެ އެންމެ ކުރީގެ މިސާލުތައް ފެނިގެންދަނީ ރާއްޖޭގައި ހިރިގަލުން ހަދާފައިވާ ތަކެތިންނެވެ. އެންމެ ޒަމާންވީ ލިޔުންތަކަކީ އެވޭލާ އަކުރުން މިތަކެތީގައި ލިޔެފައި ހުރި "މަންތުރަ" ނުވަތަ ފަންޑިތަ ލިޔުންތައް ކަމަށް، ދިވެހިބަހާއި ތާރީޚަށް ޙިދުމަތްކުރާ ޤައުމީ މަރުކަޒުން ވަނީ 2008 ވަނަ އަހަރު ބުނެފައެވެ.
ލޯމާފާނަކީ ދިވެހި ލިންޔުންތެރިކަން ދައްކުވައިދޭ އެންމެ މުސްކުޅި އެއް ހެއްކެވެ. މިއީ މީލާދުން 12 ވަނަ ގަރުނާއި، 13 ވަނަ ގަރުނުގެ ރަސްމީ ކަންތައްތައް ކަށަވަރުކަމާއެކު ބަޔާންކޮށްދޭ މަސްދަރެކެވެ. ރާއްޖެއިން ފެނިފައިވާ އެންމެ ދުވަސްވީ ލޯމާފާނަކީ އިސްދޫ ލޯމާފާނު ކަމަށްވާއިރު، މި ލޯމާފާނު ލިޔެވިފައިވަނީ 1194 ވަނަ އަހަރު، އެވޭލާ އަކުރުންނެވެ. ހައްދުންމަތީގެ ފާދިރީން މާލެ ގެންގޮސް ބޯ ބުރިކޮށްލެވުނު ގޮތުގެ ވާހަކަތައް މި ލޯމާފާނާއި، ގަމު ލޯމާފާނުގައިވެއެވެ. އަދި ލޯމާފާނުތަކުގައިވާ ރަސްމީ ލިޔުންތައް ލިޔެފައިވަނީ ވަރަށް ރީތި ޝާޢިރީ ޢިބާރާތްތަކަކުންކަން ތަރުޖަމާތަކުން ދައްކައެވެ.
ފާހަގަކޮށްލެވޭ ލިޔުންތެރިން
ދިވެހި ތާރީޚުގެ ތެރެއިން ފާހަގަކޮށްލެވޭ އެއް ލިޔުންތެރިއަކީ، އަލްވަޒީރު އެދުރު ޢުމަރު މާފަތްކަލޭގެފާނެވެ. އޭނާ އަކީ ހިޖުރައިން 12 ވަނަ ޤަރުނުގައި އުޅުއްވި ޢިލްމުވެރި ބޭކަލެކެވެ. އޭނާ ވަނީ "ބޮޑުތާހީދު" ގެ ނަމުގައި 1737 ވަނަ އަހަރު ރައިވަރު ފޮތެއް ލިޔުއްވާފައެވެ. މި ފޮތުގައި ދީނީ ނަސޭޙަތްތަކާއި، ހެޔޮ ނަސޭހަތްތައް ހިމެނޭއިރު، މީގައި ތިންސަތޭކަ އެތައް ރައިވަރެއްވެއެވެ.
މީގެ އިތުރުން، ރައިވަރެއްގެ ސިފައިގައި އެންމެ ފުރަތަމަ ވާހަކައެއް ލިޔުއްވި ބަނޑޭރި ޙަސަން މަނިކުފާނަކީ ފާހަގަކޮށްލެވޭ ލިޔުންތެރިއެކެވެ. އޭނާ އަކީ މީލާދީން 18 ވަނަ ޤަރުނުގެ ތެރޭގައި އުޅުއްވި ބޭކަލެކެވެ. އޭނާ ލިޔުއްވި "ދިޔޯގެ ރައިވަރު" އަކީ ރައިވަރެއްގެ ގޮތުގައިވާ ޚިޔާލީ ވާހަކައަކަށްވާއިރު، އޭނާގެ ކުރިން ދިވެހި އަދަބިއްޔާތުގެ ޚިޔާލީ ވާހަކަތަކާއި، ފުލޯކު ވާހަކަތައް ކިޔައި އުޅުނީ އަނގަ ބަހުންނެވެ.
އަދި ހަމައެހެންމެ، ދިވެހި އަދަބީ ގުލްޝަނުގައި ހިމެނޭ މޮޅު އަދީބެއް ކަމުގައިވާ ޖީލުލްއުސްތާޛު ފަޟީލަތުއްޝައިޚުލްމަރްޙޫމު މުޙައްމަދު ޖަމީލު ދީދީއަކީ ފާހަގަކޮށްލެވޭ ބޭފުޅެކެވެ. މިއީ ޅެންވެރިކަމާއި ލިޔުންތެރިކަމުގައި ނަންމަޝްހޫރު ބޭފުޅެކަށްވީއިރު، ދިވެހި ރާއްޖޭގެ ޤައުމީ ސަލާމް ލިޔުއްވީ އޭނާއެވެ. ޖަމީލު ދީދީއަށް ދިވެހިބަހުން ދީނީ ފޮތް ލިޔުއްވުމުގެ ރޮނގުންނާއި، ދިވެހިބަހަށް ޚިދުމަތްކުރެއްވުމުގެ ރޮނގުންނާއި، ދިވެހި ޅެންވެރިކަމުގެ ރޮނގުން ޢާންމު ޚިދުމަތުގެ ޝަރަފުވެރިކަމުގެ އިނާމު 1979 ވަނަ އަހަރު ލިބިފައިވާއިރު، ދިވެހި ބަހުގެ އެކަޑަމީއިން އަންނަނީ އަލްއުސްތާޒު މުޙައްމަދު ޖަމީލު ދީދީގެ ވާދައިގެ ތަށްޓަށް މަޒުމޫނު ލިޔުމުގެ މުބާރާތެއް ބާއްވަމުންނެވެ.
ލިޔުންތެރިކަން ކުރިއެރުވުމަށް ކުރެވޭ ކަންތައްތައް
ލިޔުންތެރިކަން ކުރިއެރުވުމަށް ދިވެހި ބަހުގެ އެކަޑަމީއިން އިސް ނަގައިގެން އެތައް މަސައްކަތެއް ކުރައްވަމުން އަންނައިރު، މީގެ ތެރެއިން ފާހަގަކޮށްލެވެނީ ކޮންމެ އަހަރުކު ބާއްވާ އެކިކަހަލަ މުބާރާތްތަކެވެ. އެގޮތުން ލްއުސްތާޒު މުޙައްމަދު ޖަމީލު ދިދީގެ ވާދައިގެ ތަށްޓަށް ބާއްވާ މަޒުމޫނު ލިޔުމުގެ މުބާރާތާއި، އައްޝައިޚު މަލިން މޫސާ މާފަތްކަލޭފާނުގެ ވާދައިގެން ތަށްޓަށް ބާއްވާ ކުރުވާހަކަ ލިޔުމުގެ މުބާރާތާއި، ހުތް ޢަލިދީދީގެ ވާދައިގެ ތަށްޓަށް ބާއްވާ ޅެންހެދުމުގެ މުބާރާތް ފާހަގަކޮށްލެވެއެވެ.
ރާއްޖޭގެ ތާރީޚާއި، ފަންނާއި ސަޤާފަތް އެންމެ އެދެވޭ ގޮތުގައި ކުރިއަށް އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަށް ޓަކައި ލިޔުންތެރިންގެ ދުވަސް ފާހަގަކުރުމަކީ މުހިންމު ކަމެކެވެ. މި އަހަރު މި ދުވަސް ފާހަގަކުރުމަށް ސަރުކާރުން ކަނޑައަޅުއްވާފައިވާ ޝިޢާރަކީ "އަމާނާތްތެރި ލިޔުންތެރިއަކަށް ވަމާ!" ކަމަށްވާއިރު، މި ޝިޢާރާއި އެއްގޮތަށް އަމަލުތައް ބެހެއްޓުމަކީ ކޮންމެ ލިޔުންތެރިއެއްގެ ވެސް ޒިންމާއެކެވެ.
ރާއްޖޭގައި ލިޔުންތެރިކަން ފުޅާކުރުމަށް ޓަކައި އަދުގެ ސަރުކާރުން އެތައް މަސައްކަތްތަކެއް ކުރައްވަމުންދާއިރު، ޙައްޤު ބަސް ފެތުރުމަށާއި، ރީތިކޮށް މުޚާޠިބުކުރުމަށާއި، ތިމާ އާއި އަނެކުންގެ މިއަދާއި މާދަމާއަށް ފައިދާވާނޭފަދަ ރަނގަޅު ވާހަކަތާކާއި ފިކުރުތައް ފެތުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އިލްތިމާސްކުރައްވާފައެވެ.